Roadha Mihaaru
ބޭރު ދުނިޔެއާ ޓޮންގާއާ އަދިވެސް ގުޅުމެއް ނެތް

ބޭރު ދުނިޔެއާ ޓޮންގާއާ އަދިވެސް ގުޅުމެއް ނެތް

18 ޖެނުއަރީ 2022

ޓޮންގާގެ ކަނޑު އަޑީގައި ހުރި އަލިފާން ފަރުބަދައެއް، މިދިޔަ ހޮނިހިރު ދުވަހު ގޮވި ހާދިސާގައި ސުނާމީ އަރައިގެން ލިބުނު ގެއްލުންތަކުގެ ސަބަބުން، އެ ގައުމުގެ ޓެލެފޯނާއި އިންޓަނެޓްގެ ހިދުމަތް މެދުކެނޑިފައިވާތީ، އެ ގައުމާއި ބޭރު ދުނިޔެއާ ދެމެދު އަދިވެސް އެއްވެސް ގުޅުމެއް ނެތެވެ.

ޓޮންގާގެ ކަނޑު އަޑީގައި ހުރި އަލިފާން ފަރުބަދައެއް، މިދިޔަ ހޮނިހިރު ދުވަހު ގޮވި ހާދިސާގައި ސުނާމީ އަރައިގެން ލިބުނު ގެއްލުންތަކުގެ ސަބަބުން، އެ ގައުމުގެ ޓެލެފޯނާއި އިންޓަނެޓްގެ ހިދުމަތް މެދުކެނޑިފައިވާތީ، އެ ގައުމާއި ބޭރު ދުނިޔެއާ ދެމެދު އަދިވެސް އެއްވެސް ގުޅުމެއް ނެތެވެ.

ޓޮންގާގައި ހުންނަ ހުންގާ ޓޮންގާ-ހުންގާ ހާޕައި ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި ބިންހެލުމެއް އުފެދުނެވެ. އެ ބިންހެލުމާއެކު އުފެދުނު ސުނާމީގެ ރާޅުތައް، ޓޮންގާގެ އިތުރުން ޖަޕާނާއި، ނިއު ޒީލޭންޑް، ޕޭރޫ އަދި އިކުއެޑޯ އާއި އެމެރިކާގެ ބައެއް ހިސާބުތަކަށް އެރި އެވެ.

ސައެންސްވެރިން ލަފާކުރާ ގޮތުގައި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އުފެދުނު ހަކަތައިގެ ބާރުމިން، އެމެރިކާ އިން ޖަޕާނުގެ ހީރޯޝީމާއަށް ވައްޓައިލި އެޓޮމިކް ބޮމުގެ 1000 ބޮމުން އުފެދޭނެ ހަކަތައާ ދާދި އެއްވަރުވާނެ އެވެ. އަލިފާން ފަރުބަދަ ގޮވި އަޑު، އެ އަލިފާން ފަރުބަދަ ހުރި ސަރަހައްދާ 750 ކިލޯމީޓަރު (466 މޭލު) ދުރުގައި އޮތް ފީޖީ އަށް ވެސް އިވުނެވެ.

އިންޓަނެޓްގެ ހިދުމަތް ދިނުމަށް ކަނޑު އަޑިން އަޅާފައި އޮންނަ ސަބްމެރިން ކޭބަލް މިހާރު މަސައްކަތެއް ނުކުރެ އެވެ. އެ ކޭބަލް ދެ ތަނަކުން ބުރިވެފައިވާއިރު، އަލިފާން ފަރުބަދަ ގޮވި ހިސާބާ ވަރަށް ކައިރިން ވެސް ސަބްމެރިން ކޭބަލް ބުރިވެފައިވާ ކަން، މިހާތަނަށް ބެލި ބެލުންތަކުން ވަނީ ކަށަވަރު ކުރެވިފަ އެވެ.

އޭގެ ސަބަބުން އިންޓަނެޓްގެ ހިދުމަތް މެދުކެނޑިފައިވާތީ، ބޭރު ގައުމުތަކުގައި ދިރިއުޅޭ ޓޮންގާގެ ރައްޔިތުންނާއި، ޓޮންގާގައި ތިބި އެމީހުންގެ ގާތްތިމާގެ މީހުންނާ ދެމެދު މުވާސަލާތު ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ޓޮންގާގައި ހުންނަ ނިއު ޒީލޭންޑްގެ އެމްބަސީއާ ހަވާލާދީ ނިއު ޒީލޭންޑް ޓީވީން އިއްޔެ ބުނި ގޮތުގައި، ބައިނަލްއަގުވާމީ ފޯނުގެ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތް އަލުން ދިނުމަށް ދެ ހަފުތާގެ މުއްދަތެއް ނަގާނެ އެވެ.

އަލިފާން ފަރުބަދަ އިތުރަށް ގޮވާ ނަމަ ނުވަތަ ސަބްމެރިން ކޭބަލް މިހާރު އޮތީ ކަނޑު އަޑީގެ ފަސްގަނޑުގެ ތެރޭގައި ވަޅުލެވިފައި ކަމަށްވާ ނަމަ، އިންޓަނެޓާއި ފޯނުގެ ހިދުމަތް ދިނުމަށް، ދެ ހަފުތާއަށް ވުރެ ވެސް ދިގު މުއްދަތެއް ހޭދަވުން އެކަށީގެންވެ އެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ޓޮންގާ އަށް ލިބުނު ގެއްލުންތައް ވަޒަންކުރުމަށް، އޮސްޓްރޭލިޔާ އާއި ނިއު ޒީލޭންޑުން އިއްޔެ ވަނީ އެ ގައުމަށް، ސާވޭކުރާ ދެ މަތިންދާބޯޓެއް ފޮނުވައިފަ އެވެ. އަދި ޓޮންގާގެ ރައްޔިތުންނަށް މިވަގުތަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، ފަރަންސޭސި ވިލާތާއި އެމެރިކާގެ އިތުރުން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް، ނިއު ޒީލޭންޑުން ބުނެ އެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ޓޮންގާގެ މަތީގައި އަޅިއާއި ދުމުގެ ބޯ ވިލާގަނޑެއް އުފެދިފައިވާތީ، ޓޮންގާގެ ބޯފެނުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން ބޯފެނާއި ކާނާގެ އެހީތެރިކަން ވަރަށް އަވަހަށް ޓޮންގާއަށް ދޭންޖެހޭ ކަމަށް ބައެއް އޮބްޒާވަރުން ބުނެ އެވެ.

ދުވަސް ދުވަސްކޮޅުން ގޮވާ އަލިފާން ފަރުބަދަ، މިދިޔަ ހޮނިހިރު ދުވަހު އާދަޔާ ހިލާފު ބާރުމިނެއްގައި ގޮވުމަކީ، އިތުރު ނުރައްކާތަކެއް ކުރިމަތިވެދާނެ ހާދިސާއެއް ކަމަށް، ކަމާ ބެހޭ ތަޖުރިބާކާރު ސައެންސްވެރިން ބުނަން ފަށައިފި އެވެ.

"އެ އަލިފާން ފަރުބަދައިން އިތުރު ގޮވުންތައް އުފެދުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް. އެކަމަކު އެ ގޮވުންތައް ގޮވަން ފަށާނީ ކޮން އިރަކު ކަމެއް، އަދި އެއީ ކިހާ ބާރުގަދަ ގޮވުންތަކެއް ކަމެއް، ބުނާކަށް ނޭނގޭ. އެފަދަ އަންދާޒާއެއް ކުރެވޭނީ، އަލިފާން ފަރުބަދަ ގޮވި ސަރަހައްދުގެ މިހާރުގެ ހާލަތު ރަނގަޅަށް ވަޒަން ކުރެވިގެން. ނަމަވެސް އަލިފާން ފަރުބަދަ ހުރީ ކަނޑުގެ އަޑީގައި ކަމަށްވެފައި، އެ ސަރަހައްދަކީ މިހާރު ނުރައްކާތެރި ސަރަހައްދަކަށް ވާތީ، އެއަލިފާން ފަރުބަދައިގެ ހާލަތު ވަޒަންކުރުމަކީ ވެސް މިހާރު ވަރަށް އުނދަގޫ ކަމަކަށް ވާނެ،" ސިންގަޕޫރުގެ ނަންޔަންގް ޓެކްނޮލޮޖިކަލް ޔުނިވަސިޓީގެ ޖިއޮލޮޖިސްޓް ޖުޑިތު ހުބާޑް ވިދާޅުވި އެވެ.