އއ. ފެރިދޫގެ އުތުރު ފަރާތް ގިރައިގެން ގޮސް، ކައުންސިލްގެ "ރަށްވެހިގެ" އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
29 މާޗް 2022
އއ. ފެރިދޫގެ އުތުރު ފަރާތް ގިރައިގެން ގޮސް، ކައުންސިލްގެ "ރަށްވެހިގެ" އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އިސްމާއިލް ޝާހު "މިހާރު" އަށް ވިދާޅުވީ، ދަނޑުވެރިކަމުގެ މަޝްރޫއަކަށް ޖަޕާނުން ދިޔަ ބަޔަކު 1984 ވަނަ އަހަރު އެ ރަށުގައި އިމާރާތްކުރި ރަށްވެހިގެ ބޭނުން ނުކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ.
ކަތީބުންގެ ދުވަސްވަރު އެ ތަން މަރާމާތުކުރަމުން ވެސް ރަށަށް ޒިޔާރަތްކުރާ އިއްޒަތްތެރިން ބޭތިއްބުމަށް ބޭނުންކުރި އެވެ.
ޝާހު ވިދާޅުވީ އާ ކައުންސިލުން ވެސް ރަށްވެހިގެ ބޭނުންކޮށްގެން އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ. އެކަމަކު، އެ ފުރުސަތު ނުލިބެނީސް އެ އިމާރާތް ހަލާކުވެގެން ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރަށުގެ އުތުރު ފަރާތުން ގިރައިގެން ދިއުމުގެ ސަބަބުންނެވެ.
އެ ފަހަރު ގިރައިގެން ދިއުމުން، ރަށްވެހިގޭގެ ފާރާއެކު ފުރާޅު ވެއްޓި ގެއްލުންތައް ލިބުނެވެ.
"ރައީސްއާ ބައްދަލުކުރައްވައި ވެސް އެންމެ އިސްކަމެއްގެ ގޮތުގައި ހުށަހެޅީ އެ ސަރަހައްދު ހިމާޔަތްކުރަން. އޭރު ވެސް ގިރަމުން ދިޔައީ. ރައީސް ވިދާޅުވީ މި އަހަރަށް ބަޖެޓުކޮށްފައިވާ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް. ސަރުކާރުގެ އެއްބާރުލުން ލިބޭ،" ޝާހު ވިދާޅުވި އެވެ.
ތިން ކޮޓަރި އާއި ފާހަނާ އަދި ސިޓިން ރޫމް އަދި ބަދިގެއެއް ހުންނަ ރަށްވެހިގޭގެ ބޮޑު މިނަކީ 13،000 އަކަފޫޓެވެ.
ޝާހު ވިދާޅުވީ އެ ސަރަހައްދުގައި ކްލަބަކުން ހިންގާ އިމާރާތެއް ހުންނަ ކަމަށެވެ. އެ އިމާރާތުގެ ފާރާ ހަމައަށް ލޮނުގެ އަސަރުކޮށްފައި ހުއްޓެވެ.
ރީތި ބީޗެއް އޮންނަ ފެރިދޫގައި ރަށް ގިރުމުގެ މައްސަލަ ބޮޑެވެ. އެކަން ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މާމެންދޫ ކައުންސިލުގެ ޖަލްސާ ރަށް ގިރާ ސަރަހައްދުގައި
ހުޅުދުއްފާރުން 150 ފޫޓުގެ ސަރަހައްދެއް ގިރާލައިފި
ގެއެއް މޫދަށް ވެއްޓޭ ވީޑިއޯއަކަށް ސަމާލުކަން!
އައްޑޫން ވެލި ނަގާ މީހުންގެ ނަން އާންމުކުރަން ފަށައިފި
ފުވައްމުލަކު ގޮނޑުދޮށުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ
ރަށްގިރުމާ ބަނދަރުތައް ހުރި ގޮތާ ގުޅުމެއްވޭ: އަސްލަމް
"ރަށް ގިރުމަށް މިވަގުތު އޮތް ހައްލަކީ ބަސްތާޖެހުން"
ކުޑަރިކިލު އާދަޔާހިލާފަށް ގިރަނީ، ހައްލެއް ބޭނުން
ފައިނަށް އުއްމީދެއް، ވެއްޓުނު ގަސްތައް ކޮޅަށް ނަގައިފި
"ރަށްތައް ގިރީ ތިމާވެށީގެ ހާއްސަ ހާލަތެއްގެ ސަބަބުން"