Roadha Mihaaru
އިންޑިޔާއައުޓް ހުއްޓާލަން ޖެހޭ ސަބަބެއް ނުބުނެވޭ:ޔާމީން

"އިންޑިޔާ އައުޓް" ހަރަކާތް ހުއްޓާލަން ޖެހޭ މަގުބޫލު ސަބަބެއް ދައުލަތަކަށް ނުބުނެވޭ: ޔާމީން

21 ޖެނުއަރީ 2022

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުންް ފުޅާކޮށްފައިވާ "އިންޑިޔާ އައުޓް" ކެމްޕެއިން ހުއްޓާލަންޖެހޭ މަގުބޫލު ސަބަބެއް ދައުލަތަކަށް ނުބުނެވޭ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުންް ފުޅާކޮށްފައިވާ "އިންޑިޔާ އައުޓް" ކެމްޕެއިން ހުއްޓާލަންޖެހޭ މަގުބޫލު ސަބަބެއް ދައުލަތަކަށް ނުބުނެވޭ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރ. ދުވާފަރުގައި މިއަދު ހަވީރު ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވީ، ގޭގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖެހުމާއި "އިންޑިއާ އައުޓް" ޓީޝާޓެއް ލުމަކީ އަހުލާގީ ފެންވަރު ދަށް އަދި ބޭއަދަބީ ކަމެއް ކަމަށް ސަރުކާރުން ބުންޏަސް އެއީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށެވެ.

އިންޑިއާގެ ސިފައިން ރާއްޖެ އިން ފޭބުމަށް އެތައް ބަޔަކު ގޮވަނީ މިނިވަންކަމުގެ ދިވެހި ލޭ ހިނގާތީ ކަމަށާއި އެކަން ހުއްޓަން ޖެހޭ އެއްވެސް ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިންޑިޔާ ހަރަކާތް ހުއްޓާލަން ޖެހޭ އެންމެ ސަބަބެއް ވެސް ދައުލަތަކަށް ނުދެއްކޭ. ނުވެސް ދެއްކޭނެ. ޔާމީން އިންޑިޔާ އައުޓް ޖެހީމާ އަހުލާގީ ގޮތުން ރަނގަޅު ކަމެއް ނޫނޭ ބުނެވެނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ވެރިން ތިބީ ގައުމަށް ގައްދާރުވެފައި ކަމަށާއި ސުލޫކީ، ދީނީ އަދި ގައުމީ ގޮތުން ބެލި ނަމަވެސް އެއްވެސް ކުލުނެއް ނެތް ކަމަށް ވިދާޅުވެ، ޔާމީން އެހެން ހުރިހާ ސިޔާސީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވިގޮތުގައި، ރާއްޖެއަށް ކުރިމަތިލުންތައް އަންނަ ކޮންމެ ފަހަރަކު އެ ބަޔަކު އަންނަނީ އިންޑިއާގެ އައްސޭރިފަށުންނެވެ. އެކަމަކު މި ފަހަރުގެ ތަފާތަކީ، އަމިއްލަ ޖީބުތަކަކަށް ލިބޭ މަންފާއެއްގެ ބޭނުމުގައި އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމަކީ މުޅި ރައްޔިތުން އެދޭ ގޮތޭ ބުނާ ބުނުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަމާ ދެކޮޅަށް ނުކުމެ ތިބީ މަދު ބައެއް ކަމަށް ސަރުކާރުން ބުންޏަސް ސަރުކާރާއި އިންޑިއާ އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުރި ސަފީރަށް ދަންނަވަން އޮތީ އިންޑިއާގެ ސިފައިން ފައިބަން ޖެހޭނެ ވާހަކަ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އިންޑިއާ ރައްޔިތުންގެ މައްސަލައެއް ނެތް. އިންޑިއާ އަސްކަރިއްޔާ އަށް ބުނަން އޮތީ އިންޑިއާ އައުޓް. އެއްވެސް ބިދޭސީ އަސްކަރީ ބާރަކަށް ޖާގައެއް ނެތް. މިއަދު ރާއްޖޭގެ ފަސްގަނޑުގައި [އިންޑިއާގެ] އަސްކަރިއްޔާގެ ސިފައިންނަށް މެހެމެންދާރީއެއް ނެތް،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށަށް ގޮސް އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ވަރުގަދަ އަށް ކެމްޕެއިންކޮށް އަޑު އުފުލަމުންނެވެ. ނަމަވެސް ސަރުކާރާއި އެމްޑީޕީ އަދި ކޯލިޝަންގެ އެހެން ޕާޓީތަކުން ވެސް ވަނީ ވަކި ގައުމަކާ ދެކޮޅު ނުވެވޭނެ ކަމަށް ބުނެ އެ ހަރަކާތް ކުށްވެރިކޮށްފަ އެވެ.