Roadha Mihaaru
މާލެ ފިޔަވައި ކޭސްތައް ގިނައީ އައްޑު އާއި ތިނަދޫގައި

މާލެ ފިޔަވައި އެކްޓިވް ކޭސްތައް އެންމެ ގިނައީ އައްޑު އާއި ތިނަދޫގައި

23 ޖެނުއަރީ 2022

މިއަދު ވެސް މުޅި ރާއްޖެއިން ކޮވިޑަށް 2،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓީވްވީ އިރު، މާލެ ފިޔަވައި އެކްޓިވް ކޭސްތައް މިހާރު އެންމެ ގިނައީ އައްޑޫ އަދި ތިނަދޫގައި އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިއަދު ވެސް މުޅި ރާއްޖެއިން ކޮވިޑަށް 2،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓީވްވީ އިރު، މާލެ ފިޔަވައި އެކްޓިވް ކޭސްތައް މިހާރު އެންމެ ގިނައީ އައްޑޫ އަދި ތިނަދޫގައި އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާ އެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 14،000 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް ޓެސްޓުކުރި 7،500 އަށް ވުރެ ގިނަ ސާމްޕަލުގެ ތެރެއިން 2،484 މީހަކަށް ބަލި ޖެހިފައިވެ އެވެ. އޭގެ ތެރެއިން 1،268 މީހަކު ޕޮޒިޓިވްވީ މާލެއިންނެވެ. އަދި ރަށްރަށުން 728 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކުން 81 މީހަކަށް މި ބަލި ޖެހިފައިވެ އެވެ.

މާލޭގައި އެކްޓިވް ކޭސްތައް 10،000 އިން މަތީގައި އުޅޭ އިރު، އަތޮޅު ތެރޭގައި ކޭސްތައް އެންމެ ގިނަ އައްޑޫގައި މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 600 އަށް އަރާފައިވެ އެވެ. އަދި ތިނަދޫގައި އެ އަދަދު އުޅެނީ 118 ގަ އެވެ.

އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި، ކޮވިޑްގައި ހާލު ދެރަވެގެން އައިސީޔޫގައި ހަތް މީހަކަށް ދަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލްގައި އެޑްމިޓުކޮށްގެން މި ވަގުތު 47 މީހަކަށް ފަރުވާ ދެ އެވެ.

އޮމިކްރޮން ވޭރިއެންޓާ އެކު ކޮވިޑުގެ ކޭސްތައް ރިކޯޑު މިންވަރަކަށް އިތުރުވަމުން ދިޔަ ކަމުގައި ވިޔަސް ހޮސްޕިޓަލައިޒޭޝަނަށް އަދި މާ ބޮޑު ބަދަލެއް ނާދެ އެވެ. ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އުޅެނީ 2،000 އިން މަތީގަ އެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ވެސް މިހާރު ދެމުން އަންނައިރު، 50،000 ގާތްކުރާ އަދަދަކަށް މީހުން ވަނީ ތިންވަނަ ޑޯޒު ޖަހައިފަ އެވެ.