Roadha Mihaaru
އުމުރުން 5-11 އަހަރުގެ ކުދިންނަށް ވެކްސިން ދެނީ

އުމުރުން 5-11 އަހަރުގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ތައްޔާރުވަނީ

24 ޖެނުއަރީ 2022

އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމު ހެޑް ނާޝިޔާ އަބްދުއްގަފޫރު ވިދާޅުވީ 5 އަހަރާއި 11 އަހަރުން ދަށުގެ ކުދިންނަށް ކޮވިޑް ވެކްސިން ފެށުމަށް ޕްލޭން ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ކިހިނެއްތޯ ރޯލްއައުޓް ކުރާނީ އަދި ކުދިންގެ ޖުމްލަ އަދަދުތައް އެކި ފަރާތްތަކުން އަޅުގަނޑުމެން އެއްކޮށްފިން. އަޅުގަނޑުމެންގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް މިހާރު މި ތިބީ،" ނާޝިޔާ ވިދާޅުވި އެވެ.

އެ އުމުރުފުރާގެ ކުދިންނަށް ބޭނުންވާ ވެކްސިން ރާއްޖެއަށް ގެނައުމާ ގުޅޭ ނިންމުންތައް ނިމުމާ އެކު ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު 12 އަހަރުން މަތީގެ އެންމެންނަށް އަންނަނީ ވެކްސިން ދެމުންނެވެ. އޭގެ ތެރެއިން 12-17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދެނީ ސްކޫލުތަކާ ގުޅިގެންނެވެ.

ނާޝިޔާ ވިދާޅުވީ 12-17 އަހަރާ ދެމެދުގެ 84 ޕަސެންޓް ކުދިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެ ކުދިންނަށް ދެނީ ފައިޒާ ވެކްސިނެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 369،151 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވެ އެވެ. އަދި ވެކްސިން ފުރިހަމަކުރި ފަހުން ހަ މަސް ވެފައިވާ މީހުންނަށް މިހާރު ރާއްޖޭގައި ބޫސްޓާ ޑޯޒް ދެމުން އަންނައިރު މިހާތަނަށް 49،142 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވެ އެވެ.