Roadha Mihaaru
ވިރާޓްގެ ކެރިއަރު ހަލާކުވީ ކައިވެންޏާ ހެދި: ޝުއައިބް

ވިރާޓްގެ ކްރިކެޓް ކެރިއަރު ހަލާކުވީ ކައިވެންޏާ ހެދި: ޝުއައިބް

24 ޖެނުއަރީ 2022

އިންޑިއާގެ ކްރިކެޓް ތަރި، ވިރާޓް ކޯލީގެ ކެރިއަރު ހަލާކުވީ ކައިވެނީގެ ސަބަބުން ކަމަށް ބުނެ ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ޝުއައިބް އަޚްތަރު ފާޑުކިޔައިފި އެވެ.

އިންޑިއާގެ ކްރިކެޓް ތަރި، ވިރާޓް ކޯލީގެ ކެރިއަރު ހަލާކުވީ ކައިވެނީގެ ސަބަބުން ކަމަށް ބުނެ ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ޝުއައިބް އަޚްތަރު ފާޑުކިޔައިފި އެވެ.

އިންޑިއާގެ ކްރިކެޓް ޓީމްގެ ކެޕްޓަންކަން ވެސް ކުރަމުން އައި ވިރާޓް މީގެ ހަފްތާއެއް ކުރިން ވަނީ އޭނާ ކެޕްޓަންކަން ދޫކޮށްލަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އެއާ އެކު ވިރާޓްގެ އަނބިމީހާ އަދި ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ އޭނާގެ ބުރަ މަސައްކަތް ފާހަގަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ނަމަވެސް އޭނާގެ ސަޕޯޓަރުން ތިބީ މާޔޫސްކަމެއްގަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕާކިސްތާނުގެ ކުރީގެ ކުޅުންތެރިޔާ ދެއްކި ވާހަކަތަކަކާ އެކު ވަނީ ފާޑުކިޔުމާ ކުރިމަތިވެފަ އެވެ. އޭނާ ބުނީ ހަތް އަހަރު ދުވަހު ކެޕްޓަންގެ މަގާމު ފުރިޔަސް، ދެކެން ބޭނުންވީ ވިރާޓް އޭނާގެ ކުޅިވަރާ އެކު ކުރިއަށްދާ މަންޒަރު ކަމަށެވެ.

އޭނާ އަކީ ވިރާޓް ނަމަ، ކައިވެނި ވެސް ނުކުރާނެ ކަމަށާާއި ބޭނުންވާނީ އިތުރަށް ސްކޯކޮށް، ކްރިކެޓްގައި ކުރިއަށް ދާން ކަމަށް ވެސް ޝުއައިބް ބުންޏެވެ. އަދި މި 10-12 އަހަރަކީ ކްރިކެޓްގައި ވަރަށް ތަފާތު އަހަރުތަކެއް ކަމަށާއި މިވަގުތު އަނބުރާ ނުލިބޭނެ ކަމަށް އޭނާ ދެކެ އެވެ.

ޝުއައިބް ބުނީ ކައިވެނިކުރުން ގޯސް ކަމަށް ނުދެކޭ ކަމަށާއި އެކަމަކު އިންޑިއާއަށް ކުޅޭ ނަމަ، ބޭނުންވާނީ އަދި ވަގުތުކޮޅަކު އެ ހިތްހަމަޖެހުން ހޯދުމަށް ކަމަށެވެ.

"ސަޕޯޓަރުން ތިބީ ވިރާޓަށް މޮޔަވެފައި. ސަޕޯޓަރުންގެ ފަރާތުން އެ ލިބޭ ލޯބި އޭނާ ޖެހޭނެ ދަމަހައްޓަން،" ޝުއައިބް ބުންޏެވެ.

ބޮލީވުޑުގެ މަޝްހޫރު ތަރި އަނުޝްކާ އާއި ވިރާޓް ކައިވެނިކުރީ 2017 ގަ އެވެ. މިވީ ހަތަރު އަހަރުގެ ތެރޭގައި ވެސް އަނުޝްކާ ފެނިގެންދިޔައީ ވިރާޓް ކުޅޭ މަންޒަރު ބަލަން ދަނޑަށް ވެސް ދާ މީހެއްގެ ގޮތުގަ އެވެ.

ކައިވެނީގެ ސަބަބުން ވިރާޓްގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ކުރާ ކަމަށް ދެކެންތޯ ސުވާލުކުރުމުން އޭނާ ބުނެފައި ވަނީ ކައިވެނީގެ ޕްރެޝަރުން އަސަރުކުރާނެ ކަމަށެވެ. އޭނާ ބުނީ ޒިންމާތައް އިތުރުވާ މިންވަރަކަށް ވިރާޓަށް ޕްރެޝަރު އޮންނާނެ ކަމަށެވެ. އޭނާ ފާހަގަކުރީ ކައިވެނިކޮށް ދަރިއަކު ވެސް ލިބިފައިވާތީ އެކަމެވެ.

އޭނާ ބުނީ ކްރިކެޓު ކުޅޭ މީހެއްގެ ކެރިއަރު ދެމިގެންދަނީ 14-15 އަހަރަށް ކަމަށެވެ. އޭގެ ތެރެއިން ޕީކުގައި ހިފަހައްޓާލެވޭނީ ހައެއްކަ އަހަރަށް ކަމަށާއި ވިރާޓަށް އެ ވަގުތު ގޮސްފައިވާ ކަމަށެވެ. އެހެންވެ ގޮންޖެހުންތައް ކުރިމަތިވަނީ ކަމަށް އޭނާ ބުނެ އެވެ.