Roadha Mihaaru
އަނުޝްކާ އިނީ ދެވަނަ ކުއްޖަކަށް ބަލިވެ

އަނުޝްކާ އިނީ ދެވަނަ ކުއްޖަކަށް ބަލިވެ

09 ފެބުރުއަރީ 2024

ބޮލީވުޑްގެ ތަރި، އަނުޝްކާ ޝަރުމާ އިނީ ދެވަނަ ކުއްޖަކަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ތަރި، އަނުޝްކާ ޝަރުމާ އިނީ ދެވަނަ ކުއްޖަކަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަނުޝްކާ އާއި އޭނާގެ ފިރިމީހާ، އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ކުޅުންތެރިޔާ ވިރާޓް ކޯލީ ވެސް މިހާތަނަށް މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް، ސައުތު އެފްރިކާގެ ކްރިކެޓް ކުޅުންތެރިޔާ އަދި ވިރާޓްގެ ގާތް ރަށްޓެއްސެއް ކަމަށްވާ އޭބީ ޑި ވިލިއާސް ވަނީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ.

ޑި ވިލިއާސް އޭނާގެ ޔޫޓިއުބް ޗެނަލްގައި ކުރި ލައިވްއެއްގައި ބުނީ ވިރާޓް މި ދުވަސްކޮޅު އާއިލާއަށް ވަރަށް ގިނަ ވަގުތު ދޭ ކަމަށެވެ.

"އާނ، އޭނާއަށް ދެވަނަ ކުއްޖަކު ލިބެން އުޅެނީ. އެހެންވެ، އާއިލާ އަށް އޭނާ ގިނަ ވަގުތު ދެނީ،" މި ދުވަސްވަރު ވިރާޓް ދަނޑުމަތިން ނުފެންނާތީ ބައެއް މީހުން އެ ސުވާލުކުރުމުން ޑި ވިލިއާސް ބުންޏެވެ.

އަނުޝްކާ ދެވަނަ ކުއްޖަކަށް ބަލިވެއިން ކަމަށް ފުރަތަމަ އަޑުފެތުރުނީ މިދިޔަ އަހަރު ނޮވެމްބަރުގަ އެވެ. އެއީ މިދިޔަ އަހަރު ބޭއްވި ކްރިކެޓް ވޯލްޑް ކަޕުގެ ދުވަސްވަރު އިންޑިއާ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗު ކުޅުމުގެ ކުރިން އިންޑިއާގެ ގައުމީ ޓީމުން ބެންގަލޫރުގައި ބޭއްވި ދިވާލީ ޕާޓީއެއްގައި ނަގާފައި ހުރި ފޮޓޯތަކުން ފެންނައިރު އޭނާ ބަނޑުބޮޑުހެން ހީވެގެންނެވެ.

ވިރާޓް އާއި އަނުޝްކާ ކައިވެނިކުރީ ޑިސެމްބަރު 11، 2017 ގަ އެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު، ވަމިކާ ވިހެއީ ޖެނުއަރީ 11، 2021 ގަ އެވެ.

ބޮލީވުޑްގެ އެހެން ބައެއް ތަރިން ވެސް ބަލިވެއިން ހަބަރުތައް މިފަހުން ވަނީ ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރޭގައި ޔަމީ ގޯތަމް ވެސް ހިމެނެ އެވެ. އަދި ވިކްރާންތު މަސީގެ އަންހެނުން ޝީތަލް ޓާކުރް ވެސް އިނީ ބަލިވެ ކަމަށް ރިޕޯޓްތައް ބުންޏެވެ.