Roadha Mihaaru
ހަރަދު ދެކޮޅު ޖެއްސުމަށް ސާފު ގާނޫނުތަކެއް މުހިންމު

ހަރަދު ދެކޮޅު ޖެއްސުމަށް ސާފު ގާނޫނުތަކެއް މުހިންމު: އައިއެމްއެފް

26 ޖެނުއަރީ 2022

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި، ސާފުކޮށް ލިޔެފައިވާ ގާނޫނުތަކެއް މުހިންމު ކަމަށާއި ހަރަދު މެނޭޖް ކުރަން އުނދަގޫވާ އެއް ސަބަބަކީ "އަން-ރިއަލިސްޓިކް" އަމާޒުތަކެއް ކަނޑައަޅާތީ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި، ސާފުކޮށް ލިޔެފައިވާ ގާނޫނުތަކެއް މުހިންމު ކަމަށާއި ހަރަދު މެނޭޖް ކުރަން އުނދަގޫވާ އެއް ސަބަބަކީ "އަން-ރިއަލިސްޓިކް" އަމާޒުތަކެއް ކަނޑައަޅާތީ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.

އެ އިދާރާ އިން ނެރުނު، ހަރަދަށް ޒިންމާވާ ގާނޫނާ ގުޅޭ "ޓެކްނިކަލް އެސިސްޓެންސް ރިޕޯޓް"ގައި ވާ ގޮތުން، މާލީ ގޮތުުން ސަރުކާރުން ހާސިލު ކުރާނެ ޓާގެޓްތަކަށް ދިއުމުގައި އަމަލު ކުރާނެ ގޮތްތައް ގާނޫނުގައި ސާފުކޮށް ނެތުން ފާހަގަކުރި އެވެ. އަދި މާލީ އަމާޒުތަކަށް ދިއުމުގައި ދެފުށްފެންނަ ނިޒާމެއް ނެތް ކަމަށް އައިއެމްއެފް އިން ބުންޏެވެ.

ސަރުކާރުގެ ފިސްކަލް ރެސްޕޮންސިބިލިޓީ އެކްޓް ނުވަތަ ހަރަދަަށް ޒިންމާވާ ގާނޫނުގައި ވަކިވަކި ހާއްސަ ކަންކަމުގައި ގާނޫނަށް ތަބާވުން އިސްތިސްނާވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު އެކަންކަން އެހާ ތަފްސީލުކޮށް ނެތުމަކީ މައްސަލައެއް ކަމުގައި އައިއެމްއެފް އިން ދެކެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގައިވާ ގޮތުން ގުދުރަތީ ކާރިސާއެއް ދިމާވާ ހާލަތުގައި އަދި އިގްތިސާދަށް ހީނަރުކަން ކުރިމަތިވާ ކޮންމެ ހާލަތެއްގައި ވެސް މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުމުން އިސްތިސްނާވާނެ ކަމަށް ބުނެފައިވެ އެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖެއިން ވަނީ ހަރަދަށް ޒިންމާވާ ގާނޫނުގައި ބަޔާން ކުރާ ބައެއް ކަންކަމަށް އަމަލު ކުރުން އިސްތިސްނާކޮށްފަ އެވެ. މީގެ ދަށުން ސަރުކާރުން ވަނީ އެމްއެމްއޭ އިން ގާތްގަނޑަށް 3.5 ބިލިއަން ރުފިޔާ ފައިސާ ވެސް ޗާޕުކޮށްފަ އެވެ.

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން 2016 ވަނަ އަހަރުން ފެށިގެން ހަރަދަށް ޒިންމާވާ ގާނޫނުގައިވާ ގޮތާ ހިލާފަށް ރާއްޖޭގެ ދަރަނި ޖީޑީޕީގެ 60 ޕަސެންޓަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި މިގޮތަށް ގާނޫނާ ހިލާފުވުމުން އެއްވެސް ފިޔަވަޅެއް އެޅުމަށް ގާނޫނުގައި ނެތުމަކީ މައްސަލައެއް ކަމަށް ވެސް އައިއެމްއެފް އިން ބުންޏެވެ.

މީގެ އިތުރަށް ލޯނުތައް ނަގަން ވާނީ ތަރައްގީގެ މަޝްރޫއުތަކަށް ކަމުގައި ބަޔާންކޮށްފައިވާ އިރު 2019 ވަނަ އަހަރުން ފެށިގެން އެއާ ހިލާފަށް ލޯނު ނަގަމުން އަންނަކަން އައިއެމްއެފް އިން ވަނީ ފާހަގަކޮށްފަ އެވެ. ލޯނުތަކަށް ސަރުކާރުން ގެރެންޓީ ދޭނެ ވަކި ލިމިޓެއް ކަނޑައަޅަން ޖެހޭ އިރު މިއަދާ ހަމައަށް ވެސް ފިނޭންސް މިނިސްޓަރު އެފަދަ ލިިމިޓެއް ކަނޑައަޅާފައި ނުވާ ކަމަށް އައިއެމްއެފް އިން ބުނެފައިވެ އެވެ.

އައިއެމްއެފް އިން ބުނީ މިހާރަށް ވުރެ ރަނގަޅަށް ހަރަދަށް ޒިންމާވާ ގާނޫނަށް އަމަލު ކުރުމަށްޓަކައި އެ ގާނޫނުގެ ވަކިވަކި މާއްދާތައް އިތުރަށް ތަފްސީލު ކުރުން މުހިއްމު ކަމަށެވެ. އަދި ޖުމްލަ ދަރަނީގެ ގޮތުގައި ލޯނާއި ލޯނު ގެރެންޓީ ހިމަނާ އަދަދު ކަނޑައެޅުން މުހިއްމު ކަމަށް އައިއެމްއެފް އިން ބުންޏެވެ. މީގެ އިތުރަށް ހާސިލުވާނެ ކަންކަމަށް ބަލައިގެން ސަރުކާރުގެ މާލީ އަމާޒުތައް ކަނޑައެޅުމަށް އެދިފައިވެ އެވެ.