Roadha Mihaaru
ކޮވިޑްގެ ޑެލްޓާ ފެތުރޭ ނިސްބަތް 40 ގުނަ އިތުރު

ކޮވިޑްގެ ޑެލްޓާ ބާވަތް، ފެތުރޭ ނިސްބަތް 40 ގުނަ އިތުރު

07 ޖޫން 2021

އިނގިރޭސި ވިލާތުގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ، ކޮވިޑް-19ގެ ޑެލްޓާ ބާވަތް (ވޭރިއެންޓް)ގެ ވައިރަސް ފެތުރޭ މިންވަރު، ކުރިން އެ ގައުމުގައި ފެތުރުނު ކޮވިޑް-19ގެ އަލްފާ ވައިރަހަށް ވުރެ، 40 ގުނަ އިތުރު ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ، ކޮވިޑް-19ގެ ޑެލްޓާ ބާވަތް (ވޭރިއެންޓް)ގެ ވައިރަސް ފެތުރޭ މިންވަރު، ކުރިން އެ ގައުމުގައި ފެތުރުނު ކޮވިޑް-19ގެ އަލްފާ ވައިރަހަށް ވުރެ، 40 ގުނަ އިތުރު ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވެއްޖެ އެވެ.

އެހެން ނަމަވެސް، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނަށް، މި ދެ ބާވަތުގެ ކޮވިޑް ވައިރަހުން ވެސް، އެއް ވަރަކަށް ރައްކާތެރިކަން ލިބިދޭ ކަމަށް މިނިސްޓަރު މެޓް ހެންކޮކް ވިދާޅުވި އެވެ. އިނގިރޭސި ވިލާތުގެ ސިއްހީ އިދާރާތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާރު އެ ގައުމުގައި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ، އިންޑިޔާގައި އުފެދި ފެތުރެން ފެށި، ކޮވިޑް-19ގެ ޑެލްޓާ ބާވަތުގެ ވައިރަހެވެ.

އިނގިރޭސި ވިލާތުގައި އެންމެ ފުރަތަމަ ފެތުރެން ފެށީ، ޗައިނާއިން އުފެދި މުޅި ދުނިޔެއަށް ފެތުރުނު ކޮވިޑް-19ގެ އަލްފާ ބާވަތުގެ ވައިރަހެވެ. ކޮވިޑް ފެތުރެން ފެށުމާއެކު، އިނގިރޭސި ވިލާތް ފުރަބަންދުކުރީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ކޮވިޑް-19ގެ ޑެލްޓާ ބާވަތް ފެތުރެމުންދާ ނިސްބަތަށް ބަލާއިރު، އިނގިރޭސި ވިލާތުގައި އިއުލާންކޮށްފައި އޮތް ފުރަބަންދުގެ ހާލަތަށް، މިމަހުގެ 21 ގައި ދޭން ނިންމާފައިވާ ލުއިތައް ދެވިދާނެކަމާ މެދު މިހާރުވަނީ ސުވާލު އުފެދިފަ އެވެ. ޑެލްޓާ ބާވަތުގެ ވައިރަސް ވައިރަސް ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، ލުއިތައް ދިނުމާ މެދު ގޮތެއް ނިންމުން އުނދަގޫ ކަމަށް ވެސް ސިއްހަތާ ބެހޭ އިދާރާތަކުން ބުނެ އެވެ.

"އަދި އިތުރު އެއް ހަފުތާގެ ނަންބަރުތަކަށާއި ހިސާބުތަކަށް އަހަރެމެން ބަލާނަން. އޭގެ ފަހުން މިކަމުގައި ގޮތެއް ނިންމޭނީ. ލުއިތައް ދޭން ފަސްކޮށްލަން ޖެހިއްޖެ ނަމަ، އެގޮތުގައި ކުރިއަށް ދާން ސަރުކާރު އޮތީ ތައްޔާރަށް،" ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހެންކޮން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ފެތުރެން ފެށި ދުވަސްވަރު، ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ފުރި، ސިއްހީ ނިޒާމަށް ނުކަތައިގެން ދިޔަ ނަމަވެސް، މިހާރު ހޮސްޕިޓަލްތައް ފެންނަނީ ގާތްގަނޑަކަށް ހުސްކޮށެވެ. ސަބަބަކީ ކާމިޔާބުކަމާ އެކު ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދެވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ 27 މިލިއަން މީހުންނަށް ވެކްސިންގެ ދެ ޑޯޒް މިހާރު ވަނީ ޖަހައިފަ އެވެ. އެއީ އާބާދީގެ ބޮޑެތި މީހުންގެ ގާތްގަނޑަކަށް 50 ޕަސެންޓެވެ. އަދި 40 މިލިއަން މީހުންނަށް މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ގައުމުގައި މިހާރު އެންމެ ހަލުވިކޮށް ކޮވިޑް ފެތުރެމުން ދަނީ، ކުޑަކުދިންގެ މެދުގައި ކަމަށްވާތީ، އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުމާ މެދު ކްލިނިކަލް ލަފާ ހޯދުމަށް ސަރުކާރުން މިހާރު ވަނީ އެދިފަ އެވެ. އެ ހުއްދަ ލިބުނަސް، އެ އުމުރުގެ ކުދިން ވެކްސިން ޖަހަން މަޖުބޫރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.