Roadha Mihaaru

އެހެން ޕާޓީތަކުގެ މީހުންނަށް ވަޒީފާ ނުދޭނެ ކަމަށް ޔާމީން ވިދާޅެއްނުވޭ: ޕީޕީއެމް

ވެރިކަން ލިބިއްޖެ ނަމަ ވަޒީފާތައް ދޭނީ ހަމައެކަނި ޕީޕީއެމް މެންބަރުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް އެ މަނިކުފާނު ވިދާޅުވީ އެހެން ނޫން ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޔާމީންގެ ވާހަކަ މީޑިއާއިން ގެނައީ އޮޅޭގޮތަށް: ޕީޕީއެމް
މޫސާ ރަޝީދު
މޫސާ ރަޝީދު

30 ޖެނުއަރީ 2022

ވެރިކަން ލިބިއްޖެ ނަމަ ވަޒީފާތައް ދޭނީ ހަމައެކަނި ޕީޕީއެމް މެންބަރުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް އެ މަނިކުފާނު ވިދާޅުވީ އެހެން ނޫން ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ މޫސާ ފަތުހީ އަށް ތާއީދު ހޯދުމަށް އެ ދާއިރާގެ ބައެއް މީހުންނާ އެކު މާލޭގައި ބޭއްވެވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމަށް ކާމިޔާބު ކުރެވިއްޖެ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުގެ މަގާމުތައް ވެސް ދޭނީ އެ ޕާޓީގެ މެމްބަރުންނަށް ކަމަށެވެ.

"ދެހާސް ތޭވީހުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ހިދުމަތްކުރަން ލިބިއްޖެ ނަމަ، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ވިޔަސް އަދި މުއައްސަސާތަކުގެ ވަޒީފާތައް ވިޔަސް، މި ތަންތަނަށް އަޅުގަނޑުމެން ނަގާނީ ހަމަ ޕީޕީއެމް ކުދިން،" ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަފުޅަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ޔާމީން ވިދާޅު ނުވާ ކަމަށެވެ.

ޕީޕީއެމުން ބުނި ގޮތުގައި ޔާމީން ވިދާޅުވީ އަތޮޅުތަކުގެ ރަށްރަށުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުން ބާކީ ނުކުރައްވާނެ އެވެ. އެހެން ޕާޓީތަކުގައި އުޅޭ މީހުންނާއި އެއްވެސް ޕާޓީއެއްގައި ނޫޅޭ މީހުންނަށް ވެސް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

"...ރައީސް ޔާމީނަކީ މިހާތަނަށް ރެކޯޑު އަދަދަކަށް ރާއްޖޭގައި ވަޒީފާ އުފައްދާފައިވާ، ވަކި ޕާޓީއެއް ބެލުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެއް،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމުން ބުނީ ވަޒީފާ ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ޔާމީން އެ ރޭ ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅެނިކޮށް ވަޒީފާއިން ވަކިކުރާ މީހުންނަށް ވަކީލުންގެ އެހީތެރިކަމާ އެކު، ކުރިއަށްވުރެ ރަނގަޅު މަގާމުތައް ވެސް، 2023 ގެ އިންތިހާބު ޕީޕީއެމަށް ލިބިއްޖެ ނަމަ ދެއްވާނެ ކަމަށެވެ.