Roadha Mihaaru
އައްޑޫގެ ބިން ހިއްކުން މި މަހު ބަޔަކާ ހަވާލުކުރަނީ

އައްޑޫގެ ބިން ހިއްކުން މި މަހު ބަޔަކާ ހަވާލުކުރަނީ

01 ފެބުރުއަރީ 2022

އައްޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން ސ. ފޭދޫން އަހުމަދު އަދްޝަން

އައްޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

ފޭދޫ ޗަސްބިންތައް ހިއްކަން ފެށުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު މިހާރު ވެސް އޮތީ ބަޔަކަށް އެވޯޑްކޮށްފައި ކަމަށާއި މަސައްކަތް މިހާރު ވެސް އޮތީ ފަށައި ގަންނަ ހިސާބުގައި ކަމަށެވެ. އެހެންވެ މި މަހުގެ ތެރޭގައި ރަސްމީކޮށް ސަރުކާރުން އެ މަޝްރޫއުގެ އެއްބަސްބުމުގައި ސޮއިކުރާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑު އަށް ދިމާވެފައިވާ ބިމުގެ ދަތިކަމަަށް ވަރަށް ބޮޑު ހައްލެއް ބިން ހިއްކުމުގެ މި މަޝްރޫއުގެ ސަބަބުން އަންނާނެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫއުގެ ދަށުން 200 ހެކްޓަރު ހިއްކޭނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން ހިއްކަން ހަމަޖެހިފައިވާ 90 ހެކްޓަރު، މަރަދޫ/މަރަދޫފޭދޫން 75 ހެކްޓަރު އަދި ހުޅުދު އާއި މީދޫން 38 ހެކްޓަރުގެ ބިންހިއްކަން ޕްލޭންކޮށްފައިވެ އެވެ. މީގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޓޫރިޒަމަށް އައްޑޫ ހުޅުވާލަން ބޭނުންވާ ބިން ހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަހައްދުތަކުން 25 ހެކްޓަރުގެ ބިން ހިއްކުން ވެސް ހިމެނެ އެވެ.

"މީގެ ސަބަބުން ކުރިއަށް އޮތް ފަންސާސް އަހަރަށް، ބިމުގެ ދަތިކަން އައްޑު އަށް ނާންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އައްޑޫން އަލަށް ހިއްކާ ބިންތަކުން ބޯހިޔާވަހި ކަމަށް ވެސް ބިންތައް ދޫކުރާނެ އެވެ. ނިޒާރު މިއަދު ވިދާޅުވޮ ގޮތުގައި އައްޑޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ހިންގެން އޮތީ ބިމުގެ ދަތިކަން ހައްލުކޮށްގެންނެވެ.

އައްޑޫގައި ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ޝައުގުވެރިވެގެން މި ހަފުތާގައި ވެސް ރާއްޖޭގެ ކުންފުންޏަކުން އެކަމާ ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން މި ވަގުތު އޮތް އެންމެ ބޮޑު އެއް ހުރަހަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި ބިމުގެ ދަތިކަމެވެ.

މިދިޔަ މަހު ވެސް ކައުންސިލުން ވަނީ ހައުންސިން ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަން ދެ ކުންފުންޏަކާ އެކީ ސޮއިކޮށްފަ އެވެ. އެއީ ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއި ޗައިނާގެ ބީޔޫސީއެންޖީ އެވެ.