Roadha Mihaaru
ޓެސްޓުކުރި މީހުން މަދުވެ ކޮވިޑް ކޭސްތަކަށް ދަށްވުމެއް

ޓެސްޓުކުރި މީހުން މަދުވެ ކޮވިޑް ކޭސްތަކަށް ދަށްވުމެއް

01 ފެބުރުއަރީ 2022

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު 3،000 އާ ގާތުން ގުނެމުން ދިއުމަށް ފަހު އިއްޔެ ޓެސްޓްކުރި ސާމްޕަލްތަކުގެ އަދަދު މަދުވުމުން ކޭސްތަކުގެ އަދަދު ވެސް މަދުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު 3،000 އާ ގާތުން ގުނެމުން ދިއުމަށް ފަހު އިއްޔެ ޓެސްޓްކުރި ސާމްޕަލްތަކުގެ އަދަދު މަދުވުމުން ކޭސްތަކުގެ އަދަދު ވެސް މަދުވެއްޖެ އެވެ.

މިދިޔަ 24 ގަޑިއިރު މުޅި ރާއްޖޭން ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު 2،180 އަށް ދަށްވި ނަމަވެސް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓު ދަށްވީ ވަރަށް ކުޑަކޮށެވެ. އެއީ 6،403 ސާމްޕަލުން ފެނުނު ކޭސްތައް ކަމަށް ވާތީ މިއީ 34 ޕަސެންޓުގެ ރޭޓެކެވެ. މިދިޔަ މަހުގެ 22 އިން ފެށިފެން މި ރޭޓް 30 އަށް ވުރެ ދަށެއް ނުވެ އެވެ.

މިދިޔަ ދެ ހަފްތާގައި 24 ގަޑިއިރު ތެރޭ ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅުނީ 2،700 އަށް ވުރެ މަތީގަ އެވެ. އެއީ އެއް ދުވަސް ތެރޭ ޓެސްޓު ކުރާ 7،000 އަށް ވުރެ ގިނަ ސާމްޕަލުންނެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމަޔަށް ފެނުނު ކޭސްތަކުގެ ތެރެއިން މާލެއިން ފެނިފައި ވަނީ 931 ކޭހެވެ. އަތޮޅުތަކުން 811 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ.

ހަލުވިކަމާއެކު ގައިން ގަޔަށް އަރާ ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓުގެ ގިނަ ކޭސްތަކެއް ރާއްޖެއިން ފެނުނަސް ކުރިއާ އަޅާބަލާއިރު މި ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވަރަށް މަދެވެ. ކޭސްތައް އިތުރުވި ނަމަވެސް އެޑްމިޓްކޮށްފައި ތިބީ 63 މީހެކެވެ. ބަލީގައި މިހާތަނަށް 277 މީހަކު މަރުވެފައިވެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައް އެޗްޕީއޭ އިން ކުރިޔަށް ގެންދާއިރު މިހާތަނަށް ހަތަރު ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ. އަދި ތިން ވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވެސް 70،000 އަށް ވުރެ ގިނަ އެވެ.