Roadha Mihaaru
ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ހުށަހަޅައިފި

ނުހައްގު މުއްސަނދިކަމާ އެކު ކޮރަޕްޝަންގެ އިތުރު ކުށްތަކެއް ހިމަނަން ގާނޫނުލް އުގޫބާތު އިސްލާހުކުރަން ފޮނުވައިފި

12 އޯގަސްޓް 2020

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި ކޮރަޕްޝަންގެ އިތުރު ކުށްތަކެއް ހިމެނުމަށް ގާނޫނުލް އުގޫބާތު އިސްލާހުކުރަން ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ކަނޑައަޅައި ކޮރަޕްޝަންގެ އިތުރު ކުށްތަކެއް ހިމެނުމަށް ގާނޫނުލް އުގޫބާތު އިސްލާހުކުރަން ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިތުރުވެ އެފަދަ އަމަލުތައް ހިންގަމުންދާ ގޮތް ބަދަލުވެ، ޒަމާނީ ވަމުންދާ ދަނޑިވަޅެއްގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައިވާތީ ކަމަށެވެ. އެހެންވެ ރާއްޖެއިން ބައިވެރިވެފައިވާ ކޮރަޕްޝަނާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާއަށް ވެސް ރިއާޔަތް ކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް މި ޒަމާނަށް ފެތޭ ގޮތަށް ބަދަލުކޮށް އިސްލާހުތައް ގެންނަން ހުށަހެޅީ ކަމަށް ބުންޏެވެ.

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމާއެކު ގާނޫނުލް އުގޫބާތަށް އަލަށް އިތުރުކުރަން ހުށަހަޅާ ކުށްތަކަކީ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ކުށާއި ނުފޫޒުން ވިޔަފާރިކުރުމުގެ ކުށާއި ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ މުވައްޒަފަކަށް ރިިޝްވަތު ދިނުމުގެ ކުށެވެ. އޭގެ އިތުރުން ރިޝްވަތު ދިނުމާއި ހިފުމުގެ ކުށުގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި މިހާރު އެކުލެވޭ ކުށް އިސްލާހުކުރަން ވެސް ހުށަހަޅާފައިވެ އެވެ.

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް

- މިއީ ދައުލަތުގެ މުވައްޒަފުންނަށް ލިބޭ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން ލިބޭ އާމްދަނީގެ މިންވަރާ އަޅާބަލާއިރު އެ މީހުންނަށް ނުހޯދޭނެ ނުވަތަ ހޯދުން އެކަށީގެންނުވާ ނުވަތަ ހޯދުނު ގޮތް ބަޔާންކޮށްނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެ ކުށް ކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރަން ހުށަހަޅާފައިވާ އިސްލާހެކެވެ.

- ގާނޫނުލްއުގޫބާތުގައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމަނަން ޑިސެމްބަރު، 2018 ގައި ސަރުކާރުގެ ފަރާތުން 18 ވަނަ މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. ނަމަވެސް އެ ބިލުގެ މަސައްކަތް ފުރިހަމަނުކޮށް އުޅެނިކޮށް، އެ މަޖިލީހުގެ ދައުރު ހަމަވުމާއެކު އެ ބިލުގެ މަސައްކަތް ނިމުމަކަށް އައީ އެވެ. އޭގެ ފަހުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށަހަޅަން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ކޮރަޕްޝަންގެ އެހެން ކުށްތައް ހިމެނޭގޮތުން އެ ބިލް އެކުލަވާލަން ނިންމީ އެވެ.

ދައުލަތުގެ މުދަލާއި ފައިސާއަށް ހިނާޔަތްތެރިވުމުގެ ކުށް

ގާނޫނުލް އުގޫބާތަށް އިތުރުކުރަން ހުށަހަޅާ ދެ ވަނަ ކުށަކީ، ދައުލަތުގެ މުދަލާއި ފައިސާއަށް ހިނާޔަތްތެރިވުމުގެ ކުށެވެ. ގާނޫނުލްއުގޫބާތުގައި ހިޔާނާތުގެ ކުށެއް މިހާރު ވެސް ހިމެނުނަސް، އެ ކުށް ގާނޫނުލްއުގޫބާތުގައި ހިމެނެނީ ދައުލަތުގެ މުވައްޒަފުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމާއި ދައުލަތުގެ ފައިސާ، ދައުލަތުގެ މުވައްޒަފެއްގެ އަމިއްލައަށް ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް ފައިސާއިން އަގުކުރެވޭ އެހެން އެއްޗަކަށް ބަދަލުކޮށް އޭގެ އަސްލު ބަދަލުކުރުން ހިމެނޭގޮތަށެވެ. އެހެންވެ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ވަކި ކުށެއް އިތުރުކުރަން ހުށަހަޅާފައިވެ އެވެ.

ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް

ނުފޫޒުން ވިޔަފާރިކުރުމުގެ ކުށަކީ ދައުލަތުގެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އޭނާއަށް ނުވަތަ އެހެން ފަރާތަކަށް ދައުލަތުގެ އެ މުވައްޒަފު މަސައްކަތްކުރާ އިދާރާއިން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުވަތަ ފައިދާއެއް ނުވަތަ ލުއެއް ހޯދައިދިނުމުގެ މުގާބިލުގައި އޭނާއަށް ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ދޭން ވައުދުވުން ނުވަތަ ދޭން ހުށަހެޅުން ނުވަތަ އެފަދަ މަންފާއެއް ހޯދަން އެދުން ނުވަތަ ގަބޫލުކުރުން ނުވަތަ ގަބޫލުކުރުމަށް އެއްބަސްވުމެވެ.

ބަޔާނުގައި ބުނީ، އެ ކުށްތައް ކަނޑައަޅަން ހުށަހަޅާފައިވަނީ ތިން ވަނަ ދަރަޖައިގެ ކުށްތަކެއްގެ ގޮތުގަ އެވެ. ނަމަވެސް އޭގެ ތެރެއިން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް، ރައީސް ނުވަތަ ވަޒީރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނުވަތަ ފަނޑިޔާރަކު ކޮށްފިނަމަ އެއީ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅަން ހުށަހަޅާފައިވެ އެވެ.

އެ އިސްލާހުތައް ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު އުވާލަން ސަރުކާރުން ހުށަހަޅާފައި ވެ އެވެ. އެ ގާނޫނު އުވާލަން ހުށަހެޅުމާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 23 ވަނަ މާއްދާގައި ހިމެނޭ ކޮރަޕްޝަންގެ މާނަ އިސްލާހުކުރުމަށްޓަކައި އެ ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް ސަރުކާރުން ހުށަހަޅާފައިވެ އެވެ.