Roadha Mihaaru

ޕާޓީތަކަށް ރަން ގޮނޑިއެއް؛ ވޯޓަށް ތައްޔާރު!

ތިން ޕާޓީގެ ވެސް ސަޕޯޓަރުން ތިބީ އާދަޔާ ޚިލާފު ރޫހެއްގަ އެވެ. އެއީ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ކެމްޕޭން ފޯރި އެވެ. ތާރީހުގައި ވެސް މަޖިލީހުގެ ގޮނޑިއަކަށް މިހާ ވާދަވެރި ކެމްޕޭނެއް ނުދެ އެވެ. އެންމެ ގޮނޑިއަކަށް އަމާޒުކޮށް މިވަރުގެ ގުރުބާނީތަކެއް ވެސް ޕާޓީތަކުން ނުވެ އެވެ.

ޕާޓީތަކަށް ރަން ގޮނޑިއެއް؛ ވޯޓަށް ތައްޔާރު!
ފަޒީނާ އަހުމަދު
ށ.ކޮމަންޑޫން ފަޒީނާ އަހުމަދު

04 ފެބުރުއަރީ 2022

ތިން ޕާޓީގެ ވެސް ސަޕޯޓަރުން ތިބީ އާދަޔާ ޚިލާފު ރޫހެއްގަ އެވެ. އެއީ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ކެމްޕޭން ފޯރި އެވެ. ތާރީހުގައި ވެސް މަޖިލީހުގެ ގޮނޑިއަކަށް މިހާ ވާދަވެރި ކެމްޕޭނެއް ނުދެ އެވެ. އެންމެ ގޮނޑިއަކަށް އަމާޒުކޮށް މިވަރުގެ ގުރުބާނީތަކެއް ވެސް ޕާޓީތަކުން ނުވެ އެވެ.

ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ކެމްޕޭންގައި އިސްކޮށް އުޅުއްވީ ޕާޓީތަކުގެ އިސް ބޭފުޅުންނެވެ. މި ކެމްޕޭން ނިންމާލުމަށް އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީން ވަނީ އެކި ހަރަކާތްތައް މިއަދު ހަވީރު ބާއްވައިފަ އެވެ.

ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން:

ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން:

ކޮމަންޑޫގައި ޕީޕީއެމުން ބޭއްވީ ކެންޑިޑޭޓާ އެކު ހިނގާލުމެކެވެ. އެމްޑީޕީން އޮތީ ހަރުގޭގައި އެ ޕާޓީގެ މެމްބަރުންނާ އެކު ކެމްޕޭން ބައްދަލުވުމެކެވެ. އެންއެންޕީން ވެސް އެކި ހަރަކާތްތައް ކުރިއަށްގެންދިޔަ އެވެ. ދާއިރާގެ އަނެއް ދެ ރަށް މަރޮއްޓާއި ފޯކައިދޫގައި ވެސް އެކި ހަރަކާތްތައް ބޭއްވި އެވެ.

އެމްއެންޕީގެ ކެންޑިޑޭޓުގެ ކެމްޕޭން ޓީމުން ކޮމަންޑޫގައި ބޭއްވި ހިނގާލުން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްއެންޕީގެ ކެންޑިޑޭޓުގެ ކެމްޕޭން ޓީމުން ކޮމަންޑޫގައި ބޭއްވި ހިނގާލުން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޕީޕީއެމްގެ ސަޕޯޓަރުން އަޑު އުފުލި ގޮތުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށް, ފޯކައިދު އާއި މަރޮއްޓާއި ކޮމަންޑޫން ވެސް އެ ޕާޓީގެ ކެންޑިޑޭޓު މޫސާ ފަތުހީއަށް ތާއީދު ބޮޑެވެ. ގައުމު ނުފޫޒުގެ ދަށަށް ގެންދިއުމާ ދެކޮޅަށް އަދި 2023 ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފުރަތަމަ ހަރުފަތް ކަމުގައި ދެކޭ މި އިންތިހާބު އެ ޕާޓީއަށް ކާމިޔާބުވާނެ އެވެ.

އެމްޑީޕީގެ ސަޕޯޓަރުން ބުނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ގޮނޑި ދިފާއުކުރެވޭނެ ކަމަށެވެ. ފަސް އަހަރުގެ ދައުރަކަށް ދާއިރާގެ ރައްޔިތުން އެ ގޮނޑި ކަށަވަރުކޮށްދިނުމަށް ފަހު އަދިވެސް ތިބީ އެ ދާއިރާއަށް ތަރައްގީ އާއި ކުރިއެރުން ހޯދުމުގެ އަޒުމުގައި ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕޭން ރެލީއެއް ކުރިއަށް ދަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕޭން ރެލީއެއް ކުރިއަށް ދަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްއެންޕީން ދިނީ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރުގައި ރައްޔިތުންގެ މާޔޫސްކަން ފިލުވއިދޭނެ ކަމުގެ ޔަގީން ކަމެވެ. އެ ޕާޓީން ބުނި ގޮތުގައި ތިން ރަށުގެ ރައްޔިތުން މި އިންތިހާބުގައި ތިބީ އެ ޕާޓީއާ އެކުގައި ކުރިއަށް ދާން ތައްޔާރަށެވެ.

ވޯޓުލެވޭ މީހުންގެ އަދަދު

ކޮމަންޑޫން 1،409

ފޯކައިދޫން 1،204

މަރޮށި 703

މި ގޮނޑި މުހިއްމުވަނީ ކީއްވެ؟

ދައުރުގެ މެދުތެރެއިން ބާއްވާ މި އިންތިހާބު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ގެއްލިއްޖެ ނަމަ މެސެޖް ވަރަށް ސާފުވީ އެވެ. އެއީ، ކޮމަންޑޫ ދާއިރާގެ ގޮނޑިއާ އެކު މަޖިލީސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކުރި ޕާޓީއަށް ދާއިރާގެ ތާއީދެއް މިހާރު ނެތް ކަމެވެ. ކިތަންމެ ގިނަ މަޝްރޫއުތަކެއް އެ ދާއިރާގައި ހިންގިއަސް ހިތްހަމަނުޖެހުން އޮތް ކަމެވެ. މި ބައި އިލެކްޝަނަށްޓަކައި ވީ ވައުދުތައް ވެސް ފުއްދާނެ ކަމުގެ އިތުބާރު ނެތް ކަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްފަަހަރަށް ވުރެން ގިނައިން މި ދާއިރާއަށް ކެމްޕޭންގައި ވަޑައިގަތެވެ. އަދި މި ސަރުކާރުގެ ކޯލިޝަން ލީޑަރުންނާ އެކު ވަޑައިގެން ކެމްޕޭން ކުރެއްވުމަކީ މި ގޮނޑި ސަރުކާރަށް މުހިއްމު ވަރެވެ.

ވޭތުވެދިޔަ ތިން ދައުރު އެމްޑީޕީން ކޮންޓްރޯލްކުރި ކޮމަންޑޫ ދާއިރާ މި ފަހަރު ޕީޕީއެމަށް ކަށަވަރުވެއްޖެ ނަމަ ތާރީހް ބަދަލުވީ އެވެ. އަދި އެއީ އެ ޕާޓީއަށް ސިޔާސީ ގޮތުން ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ޕާޓީގެ ވަަރަށް ބޮޑު ކާމިޔާބީއަކަށް ވެސް ވާނެ އެވެ.

ކޮމަންޑޫގައި ކެމްޕޭން ނިންމާލުމުގެ ހިނގާލުން ޕީޕީއެމުން ކުރިއަށް ގެންދަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކޮމަންޑޫގައި ކެމްޕޭން ނިންމާލުމުގެ ހިނގާލުން ޕީޕީއެމުން ކުރިއަށް ގެންދަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޕީޕީއެމަށް މި އިންތިހާބު މުހިއްމު ވަނީ ރައީސް ޔާމީނާ އެކު އެ ޕާޓީގެ ތާއީދު ބޮޑުވެފައި އޮތް ކަން ހާމަކުރުމަށެވެ. ރިޔާސީ އިންތިހާބާއި ވިދިގެން އައި އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވިޔަސް ކައުންސިލް އިންތިހާބަށް ފަހު އެ ޕާޓީ ކުރިއަރަމުން އަންނަ ކަން ވެސް ރައްޔިތުންނަށް ދައްކައި ދިނުމަށެވެ. މި ގޮނޑި ކާމިޔާބުވުމަކީ ރިޔާސީ އިންތިހާބަށް އަރާ ފުރަތަމަ ސިޑި ކަމަށް އެ ޕާޓީން ދެކެ އެވެ.

ރިޔާސީ އިންތިހާބެއް ވަގުތުން ބޭއްވިޔަސް އެ ޕާޓީން ކާމިޔާބުކުރާނެ ކަމަށް ހަރު އަޑުން ދައްކާ ވާހަކައަށް ބާރުދޭން ވެސް މި އިންތިހާބު ކާމިޔާބުކުރުން އެ ޕާޓީއަށް މުހިއްމެވެ.

ލީޑަރުންގެ ފަހަތުގައި ވަށައި އެނބުރޭ އެމްޑީޕީ އާއި ފީޕީއެމްގެ ފިކުރު ނޫން ގޮތެއް ރައްޔިތުންނަށް ހޯދައިދޭން އުފައްދައި ކުރު މުއްދަތެއްގައި އެހެން ސިޔާސީ ޕާޓީތަކާ އެއް ސަފަކަށް އަރާ ހަމަވި އެންއެންޕީއަށް މިއީ އެ ޕާޓީން ވާދަކުރާ ފުރަތަމަ ގައުމީ އިންތިހާބެވެ. އެ ޕާޓީން ޕްރޮމޯޓްކުރާ ގައުމީ ފިކުރަށް އެ ދާއިރާގެ ރައްޔިތުންގެ އިތުބާރު އޮތްތޯ އެނގިގެންދާނެ އެވެ.

ކެމްޕޭން ނިންމާލި އިރު "ގޮނޑި ކަށަވަރުވެއްޖެ" ކަމުގެ ޔަގީންކަން ޕާޓީތަކަށް އޮތަސް ގޮތް ނިންމާނީ މާދަމާގެ ވޯޓުގައި ދާއިރާގެ ރައްޔިތުންނެވެ.