Roadha Mihaaru
އިދާރީ ފީ ކުޑަކޮށް މަތީ ތައުލީމްގެ ލޯނަށް ހުޅުވާލައިފި

އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށް މަތީ ތައުލީމްގެ 720 ލޯނަށް ހުޅުވާލައިފި

07 ފެބުރުއަރީ 2022

އިދާރީ ފީގެ ގޮތުގައި ނަގަމުން ދިޔަ އަދަދު ކުޑަކޮށް މަތީ ތައުލީމްގެ ލޯނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދާރީ ފީގެ ގޮތުގައި ނަގަމުން ދިޔަ އަދަދު ކުޑަކޮށް މަތީ ތައުލީމްގެ ލޯނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތިބެގެން ކިޔެވުމަށް މި ބުރު 720 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ލޯނުގެ މި ބުރުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތު އަދި މި ވަގުތު ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތު ހާއްސަކޮށްފައިވެ އެވެ. އެއީ ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ފަހަރު ލޯނަށް، އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން ދިޔަ ތިން ޕަސެންޓުން އެއް ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށެވެ. މިއީ މުޅި ލޯނުން ނަގާ އަދަދެކެވެ.

މީގެ ކުރިން އިދާރީ ފީގެ ގޮތުގައި ނަގަމުން ދިޔައީ ފަސް ޕަސެންޓެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު އެ އަދަދު ތިން ޕަސެންޓަށް ދަށްކުރީ އެވެ.

ރާއްޖޭގައި ތިބެގެން މާސްޓާސް އަށް ކިޔަވަން ފުރުސަތު މީގެ ކުރިން ހުޅުވާލި ސްކީމްގައި ހުޅުވާލައިފައެއް ނުވެ އެވެ. ނަމަވެސް މި ބުރުގައި ހުޅުވާލި ފުރުސަތުގައި ރާއްޖޭގައި ތިބެގެން މާސްޓާސް އަށް ކިޔެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މި ފުރުސަތުގެ ސަބަބުން ވަރަށް ގިނަ ދިވެހި ދަރިވަރުންނަށް ރާއްޖޭގައި ތިބެގެން މާސްޓާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ފަހިވެ، ބޭނުން ހިފާނެ ކަމަށް. މީގެ ހެޔޮ ފައިދާ ކޮލެޖުތަކަށް ވެސް ލިބިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޑިގްރީ ކިޔަވަމުން އަންނަ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ކުރުމަށް މީގެ ކުރިން ވެސް ލޯނަށް ހުޅުވާލި އެވެ. އެކަމަކު މިދިޔަ އަހަރު އެކަން ހުޅުވާލީ ވަކި ދާއިރާތަކަށެވެ.

ނަމަވެސް މި ފަހަރުގެ ސްކީމްގައި، ރާއްޖޭގައި ޑިގްރީ އަށް ކިޔަވާ ހުރިހާ ދަރިވަރުންނަށް އެ ފުރުސަތު ދީފައިވެ އެވެ. އެކަމަކު ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް އެ ދަރިވަރުންނަށް 40 ޖާގަ ހާއްސަކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަވަހަށް ލޯނަށް ހުށަހަޅާ ދަރިވަރުންގެ ފޯމުގައި މައްސަލައެއް އޮތް ނަމަ އެކަން ރަނގަޅުކުރުމުގެ ފުރުސަތު އެ ދަރިވަރުންނަށް ލިބޭނެ އެވެ. އެކަމަކު، ފަހު ހަތް ދުވަހު ލޯނަށް އެދޭ ދަރިވަރުންގެ ފޯމުގައި މައްސަލައެއް ހުއްޓަސް އެ ފުރުސަތެއް ނުލިބޭނެ އެވެ.