Roadha Mihaaru
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފި

މަތީ ތައުލީމުގެ ލޯނުގެ އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފި

29 އެޕްރީލް 2022

މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ދޫކޮށްފައިވާ ހުރިހާ ލޯނެއްގެ އިދާރީ ފީ އިއްޔެ އިން ފެށިގެން އެއް ޕަސެންޓަށް ކުޑަކޮށްދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ދޫކޮށްފައިވާ ހުރިހާ ލޯނެއްގެ އިދާރީ ފީ އިއްޔެ އިން ފެށިގެން އެއް ޕަސެންޓަށް ކުޑަކޮށްދީފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އިދާރީ ފީތައް ކުޑަކުރުމުން އެކަމާ ގުޅުން ހުރި މަސައްކަތްތައް އެ މިނިސްޓްރީން މިހާރު އަންނަނީ ކުރަމުން ކަމަށެވެ. ލޯނަށް ގެންނަ ބަދަލުތައް އެ ދަރިވަރުންނަށް ލިޔުމުން އަންގާނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.

މަތީ ތައުލީމުގެ ލޯނުގެ އިދާރީ ފީގެ ގޮތުގައި ކުރިން ނަގަމުން އައީ ފަސް ޕަސެންޓެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު އެ އަދަދު ތިން ޕަސެންޓަށް ދަށްކުރީ އެވެ. އެކަމަކު، މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު މަތީ ތައުލީމުގެ 720 ފުރުސަތަށް ހުޅުވައިލީ އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފަ އެވެ. މިނިސްޓްރީގެ މި ނިންމުމާ ގުޅިގެން، ކުރިން ލޯނު ނެގި ދަރިވަރުންގެ އިދާރީ ފީތައް ވެސް ކުޑަވާނެ އެވެ.

އިއުލާނުގައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިވެގެން ބީއެމްއެލުން ލޯނު ނަގާފައިވާ ދަރިވަރުންގެ އިދާރީ ފީ ކުޑަކުރަން ބޭނުންވާ ނަމަ ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް އައިޑީކާޑު ކޮޕީއާއެކު ހުށަހަޅަން އެދިފަ އެވެ.

މިނިސްޓްރީން އެ މައުލޫމާތުތައް ކަށަވަރުކުރުމަށް ފަހު، ބީއެމްއެލްއާ ހިއްސާކުރުމުން އެ ކަމާ ގުޅުން ހުރި އެހެނިހެން ކަންތައްތައް ކުރިއަށް ގެންދާނީ އެ ބޭންކުން ކަމަށް އިއުލާނުގައި ބުންޏެވެ.

ލޯނުގެ އިދާރީ ފީ ކުޑަކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެ ބަދަލުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ލުއިފަސޭހަކަމާއި ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.

ކިޔެވުން ނިންމައިގެން ރާއްޖެ އައިސް އެއްބަސްވެފައިވާ ގޮތަށް އަނބުރާ ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯނު ނަގައިގެން މި ވަގުތު 9،054 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.