Roadha Mihaaru
ލޯނު ލިބޭ ދަރިވަރުން ވަރަށް އަވަހަށް އިއުލާނުކުރާނަން

ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު ވަރަށް އަވަހަށް އިއުލާނުކުރާނަން: މިނިސްޓްރީ

21 ޖޫން 2020

މަތީ ތައުލީމްގެ ލޯނަށް ހޮވޭ ދަރިވަރުންގެ ލިސްޓު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމްގެ ލޯނަށް ހޮވޭ ދަރިވަރުންގެ ލިސްޓު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން ހުޅުވާލި ސްކީމަށް ހޮވުނު ދަރިވަރުން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވިދާޅުވިއަސް އެ ލިސްޓު އާއްމުކުރާނެ ވަކި ދުވަހެއް، އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅެއް ނުވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި 550 ފުރުސަތު ހޯދުމަށް އެދި 1،300 ދަރިވަރުން ކުރިމަތިލި އެވެ. އެ ސްކީމަށް ހޮވޭ ދަރިވަރުން މިދިޔަ އޭޕްރީލް 20 ގެ ކުރިން އިއުލާނުކުރާނެ ކަމަށް ކުރިން ބުންޏަސް، ކޮވިޑް-19 އާ ގުޅިގެން އެ ލިސްޓު އާއްމުކުރުން ވަނީ ލަސްތަކެއް ދިމާވެފަ އެވެ. އެކަމާ ބައެއް ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ލޯނަށް ކުރިމަތިލި ދަރިވަރަކު ބުނީ، ކޮވިޑް-19 ކުރިމަތިވެފައި އޮތް ކަމުގައި ވިއަސް ބޭރު ގައުމުތަކުގައި ކޯސްތަކަށް ހުޅުވާލަމުން އަންނަ ކަމަށެވެ. އެހެންވެ އެ ލޯނަށް ވީ ގޮތެއް ސާފުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ހުޅުވާލި ފުރުސަތަށް 151 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެ އެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން ވިދާޅުވީ، ލޯނު ދޭން ނިންމީ ކޮވިޑް-19 ގެ ކަންތައްތައް ދިމާވުމުގެ ކުރިން ކަމަށެވެ. ސަރުކާރުގެ މަގުސަދަކީ ކިިރިޔާ ވެސް ވެގެން ވަންޏާ މި ފުރުސަތުތައް ދަރިވަރުންނަށް ފަހިކޮށްދިނުންކަން ފާހަގަކުރެއްވި އެވެ.

"މިއަހަރު އިތުރު ލޯނު ބުރެއް އޮންނާނެއޭ މިހާރު ދަންނަވާކަށް ނުކުރޭނެ. މިހާރު ބޭނުންވަނީ މިހާރު އިއުލާނުކޮށްފައިވާ 550 ލޯނުގެ ފުރުސަތު ވީހާ ވެސް ފަހިކޮށްދިނުމަށް،" މިދިޔަ އޭޕްރީލް މަހު މިނިސްޓަރު ވިދާޅުވި އެވެ.

މިފަހަރު ލޯނަށް ހުޅުވާލީ، ބޮޑު އަދި މުހިއްމު ބަދަލުތަކަކާއެކުގަ އެވެ. އޭގެ ތެރެއިން މައިގަނޑު އެންމެ ބޮޑު ބަދަލަކީ، ލޯނު ދޭއިރު މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށް އިސްކަންދިނުމެވެ. އޭގެ އިތުރުން އިދާރީ ދާއިރާތައް ބަހާލާފައިވާ 87 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ވެސް، ފުރުސަތެއް ކަނޑައަޅާފައިވެ އެވެ.