Roadha Mihaaru
ލޯނުން ބާކީވި ފައިސާއިން ކިޔަވަން އިތުރު ފުރުސަތު ދެނީ

ލޯނުން ބާކީވި ފައިސާއިން ކިޔަވަން އިތުރު ފުރުސަތު ހުޅުވާލަނީ

17 މެއި 2022

މަތީ ތައުލީމަށް މި ބުރު ކަނޑައެޅި ބަޖެޓުން ބާކިވާ ފައިސާއިން ކިޔަވަން އިތުރު ފުރުސަތެއް ހުޅުވާލަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމަށް މި ބުރު ކަނޑައެޅި ބަޖެޓުން ބާކިވާ ފައިސާއިން ކިޔަވަން އިތުރު ފުރުސަތެއް ހުޅުވާލަން ނިންމައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ލޯނުގެ 720 ފުރުސަތަށް 1،000 ދަރިވަރުން ކުރިމަތިލި އެވެ. ނަމަވެސް، ބައެއް ކޯސްތަކަށް ކަނޑައެޅި ޖާގައަށް ވުރެ އެތައް ދަރިވަރުންނެއް ކުރިމަތިލުމުން ގިނަ ދަރިވަރުން ވަނީ ޑިސްކޮލިފައިވެފަ އެވެ. އެހެންވެ، ލޯނު ލިބުނީ 393 ދަރިވަރުންނަށެވެ.

ލޯނުގެ އެ ބުރަށް މިނިސްޓްރީން ބޮޑު ބަޖެޓެއް ހަމަޖެއްސި އެވެ. އެކަމަކު، އޭރު ކަނޑައެޅި އަދަދަށް ވުރެ ލޯނު ލިބުނު ދަރިވަރުން މަދުވުމުން 21 މިލިއަން ރުފިޔާ ވަނީ ބާކީވާ ކަމަށެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އިއްޔެ ވިދާޅުވީ ލޯނުގެ ބަޖެޓުން ބާކީވާ ފައިސާއިން ލޯނުގެ އިތުރު ބުރަކަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ފައިސާއިން ލޯނު ދެވޭނެ ބަޔަކާ އެކަން ކުރާނެ ގޮތްތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ފަހަރު އެންމެ ގިނަ ދަރިވަރުން ކުރިމަތިލީ ޕައިލެޓްކަން ކިޔަވާށެވެ. އެ ދާއިރާ އަށް 10 ޖާގަ ހާއްސަކުރިއިރު، 252 ދަރިވަރުން ވަނީ ލޯނު ހޯދަން އެދިފަ އެވެ. އެހެންވެ، 240 ދަރިވަރުން ޑިސްކޮލިފައިވި އެވެ. އެމްބީބީއެސް ހަދަން ހުޅުވާލި 25 ފުރުސަތަށް 129 ދަރިވަރުން ކުރިމަތިލުމުން އެ ކެޓަގަރީން 104 ދަރިވަރުން ވަނީ ޑިސްކޮލިފައިވި އެވެ. ސަރުކާރުން ލޯނު ދީގެން މި ވަގުތު 9،054 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.