Roadha Mihaaru
މަތީ ތައުލީމް ލޯނު: ގިނަ ދަރިވަރުން ޑިސްކޮލިފައިވެއްޖެ

މަތީ ތައުލީމް ލޯނުން ގިނަ ދަރިވަރުން ޑިސްކޮލިފައިވެއްޖެ

16 މެއި 2022

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޫކުރާ 720 ފުރުސަތުގެ ތެރެއިން މި ފަހަރު ލޯނު ލިބޭ 393 ދަރިވަރުންގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޫކުރާ 720 ފުރުސަތުގެ ތެރެއިން މި ފަހަރު ލޯނު ލިބޭ 393 ދަރިވަރުންގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ލޯނަށް 1،000 ދަރިވަރުން ކުރިމަތިލި ކަމަށެވެ. ނަމަވެސް، ބައެއް ކޯސްތަކަށް ކަނޑައެޅި ޖާގައަށް ވުރެ އެތައް ދަރިވަރުންނެއް ކުރިމަތިލުމުން ގިނަ ދަރިވަރުން ވަނީ ޑިސްކޮލިފައި ވެފަ އެވެ. އެހެންވެ، މި ބުރު ސަރުކާރުން ހަމަޖައްސާފައިވާ ޖާގަ އަށް ވުރެ 327 ދަރިވަރުން ވަނީ މަދުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ލިސްޓަށް މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އެ ކަންކަން ބެލުމަށް ފަހު އަންނަ މަހުގެ 5 ގައި މަތީ ތައުލީމްގެ ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު އާއްމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަހަރު އެންމެ ގިނަ ދަރިވަރުން ކުރިމަތިލީ ޕައިލެޓްކަން ކިޔަވާށެވެ. އެ ދާއިރާ އަށް 10 ޖާގަ ހާއްސަކުރިއިރު، 252 ދަރިވަރުން ވަނީ ލޯނު ހޯދަން އެދިފަ އެވެ. އެހެންވެ، 240 ދަރިވަރުން ޑިސްކޮލިފައިވި އެވެ. އެމްބީބީއެސް ހަދަން ހުޅުވާލި 25 ފުރުސަތަށް 129 ދަރިވަރުން ކުރިމަތިލުމުން އެ ކެޓަގަރީން 104 ދަރިވަރުން ވަނީ ޑިސްކޮލިފައިވި އެވެ.

ލޯނަށް ހުޅުވާލީ ޓްރެއިނިން ނީޑްސްގައި ހިމެނޭ ދާއިރާތަކުންނެވެ. ނަމަވެސް ޓްރެއިނިން ނީޑްސްގައި ނުހިމެނޭ ދާއިރާތަކުން ކިޔަވަން 29 ދަރިވަރުން ހުށަހެޅި އެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކަށް ނުފެތޭ ގޮތަށް 35 ހުށަހެޅުމެއް އަދި އޯ ލެވެލް/އޭ ލެވެލް ސެޓްފިކެޓްތައް ފުރިހަމަނުކޮށް ވެސް 37 ދަރިވަރުން ލޯނަށް އެދުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ، މި ކުދިން މިއީ ޑިސްކޮލިފައިވި ކުދިން. މި ކުދިންނަށް އަޅުގަނޑުމެންނަށް އިތުރަށް ކޮށްދެވޭނެ ވަކި ކަމެއް ނޯންނާނެ.. އެ ކުއްޖާ ބޭނުންވާ ކެޓަގަރީ ނޫން އެހެން ކެޓަގަރީއަކުން ލޯނު ހުށަހަޅައިގެން ވެސް އެބަތިބި ތިރީހަކަށް ވުރެ ގިނަ ކުދިން ޑިސްކޮލިފައިވެފައި،" އޭނާ ވިދާޅުވި އެވެ.

"މިއީ ލޯނު ދެވުނު ކުދިންގެ އަދަދު ނިސްބަތުން މަދުވި ސަބަބަކީ. އެކަން އަޅުގަނޑު ހިތާމައާއެކު ފާހަގަކޮށްލަން."

މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމްގެ ފުރުސަތު ނުލިބި ގިނަ ދަރިވަރުން ޑިސްކޮލިފައިވުމަކީ ލިބުނު މާޔޫސްކަމެއް ކަމަށެވެ.

"ވަކި ދާއިރާއަކުން އާދަޔާ ހިލާފު ގިނަ ސްލޮޓް ދެވޭކަށް ނޯވޭ. އެއީ ލޯނަށް މި ލިބޭ ފައިސާއިން ރާއްޖޭގެ ހުރިހާ ވުޒާރާއަކަށް މީހުން ބިނާކުރަން ބޭނުންފުޅުވާ އެޖެންޑާ އަށް އެބަ އެޓެންޑުކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

"ކުރިއަށް ވުރެ އިންފޮމޭޝަން ސެޝަންތައް ބާއްވަން، އެޕްލައިކުރަންވާ ގޮތުގެ ތަފްސީލް ކިޔައިދެން، ދަރިވަރުން އެޕްލައިކުރާއިރު އާއްމުކޮށް ހަދާ މިސްޓޭކް ހިއްސާކުރަން...ވަކި މުއްދަތެެއްގެ ކުރިން ކުރިމަތިލިނަމަ އޭގައި ހުރި މިސްޓޭކްތައް ފާހަގަކޮށް ދަރިވަރުންނާ ހިއްސާވެސް ކުރަން...މި ހުރިހާ ކަމެއް ކުރަމުން ދާއިރު ވެސް ޑިސްކޮލިފައިވާ ކުދިން ހުރީމަ ވަރަށް ބޮޑަށް މާޔޫސްވޭ.""މިއީ ލޯނު ދެވުނު ކުދިންގެ އަދަދު ނިސްބަތުން މަދުވި ސަބަބަކީ. އެކަން އަޅުގަނޑު ހިތާމައާއެކު ފާހަގަކޮށްލަން."

ސަރުކާރުން ލޯނު ދީގެން މި ވަގުތު 9،054 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.