Roadha Mihaaru
ދޫނިތައް މަރައިލި މައްސަލަ ބަލަން ރައީސް އަންގަވައިފި

ދޫނިތައް މަރައިލި މައްސަލަ ބަލަން ރައީސް އަންގަވައިފި

09 ފެބުރުއަރީ 2022

ގަވައިދާ ހިލާފަށް ރާއްޖެ އަށް އެތެރެކުރުމުން ސަރުކާރުން ހިފެހެއްޓި ދޫނިތައް މަރައިލި މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގަވައިދާ ހިލާފަށް ރާއްޖެ އަށް އެތެރެކުރުމުން ސަރުކާރުން ހިފެހެއްޓި ދޫނިތައް މަރައިލި މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތުގެ ތަފުސީލީ ރިޕޯޓެއް ހުށަހެޅުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ އަށް ރައީސް މިހާރު އަންގަވާފައިވާ ކަމަށެވެ.

އިންޖެކްޝަން ޖަހައިގެން އިއްޔެ މަރައިލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް އެތެރެކުރި ގުރާ އާއިލާގެ އެކި ވައްތަރުގެ 120 ދޫންޏެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގެ "ނިއާ ތްރެޓެންޑް" ކެޓަގަރީގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނުވަތަ އެމެޒޯނާ ފެރިސޯނާގެ 10 ދޫނި ވެސް ހިމެނެ އެވެ.

މި ދޫނިތައް ރާއްޖެ އެތެރެކުރިތާ ހަތަރު މަސް ވާން އުޅެނިކޮށް، އިންޖެކްޝަން ޖަހައިގެން ދޫނިތައް މަރައިލި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ދިރޭތަކެތި ނައްތައިލުމުގެ ގޮތުން މެރުމަކީ އާ ކަމަކަށް ނުވިޔަސް އިއްޔެ އާންމުވި ފޮޓޯތަކާއި ވީޑިއޯތައް ފެނި، އާންމުންގެ ގާތަށް އައީ ރުޅި އެވެ.

މިހެން ހިފަހައްޓާ ތަކެތި ނައްތައިލުމާއި އަނބުރާ ފޮނުވައިލުމުގެ އިހުތިޔާރު ގަވާއިދުގައި ދީފައި އޮތަސް މިކަމަށް ހިނގާ ހަރަދު އެ އެއްޗެއް އެތެރެކުރި ފަރާތަކުން ދޭން ޖެހެ އެވެ.

ދޫނިތައް މަރައިލި މައްސަލަ މިހާ ބޮޑަށް ހޫނުވުމުން، އެ ތަކެތި ނައްތައިލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެކަމަކު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، ގަވާއިދާ ހިލާފަށް އެތެރެކުރާ ދޫނިތައް އެ ދޫނި ގެނައި ގައުމަކަށް އަނބުރާ ފޮނުވައިލުމުގެ ފުރުސަތު ގަވާއިދުގެ ދަށުން އޮންނަ ކަމަށެވެ. އަދި އެ ހާލަތުގައި ދޫނިތައް އަނބުރާ ފޮނުވައިލުމުގެ ހަރަދަށް ޒިންމާވާން ޖެހެނީ ދޫނިތައް ރާއްޖެ ގެނައި ފަރާތަކުން ކަމަށާއި އެކަމަކު އިއްޔެ ނައްތާލި ދޫނިތަކާ މެދު ފިޝަރީޒް މިނިސްޓްރީން އެގޮތަށް އަމަލުނުކުރާ ކަމަށެވެ.

އެ އޮފީހުން ބުނީ ދޫނިތައް ކަރަންޓީން ކުރުން ފިޔަވައި، އެ ތަކެތި އެތެރެކުރި ފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް ފިޝަރީޒް މިނިސްޓްރީން އަޅާފައިނުވާ ކަމަށެވެ. އަދި ފަހުން ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން އެ ފަރާތްތަކާ އެ ދޫނިތައް ހަވާލުކުރުމުގެ ލަފައަކަށް މިނިސްޓްރީން އެދުނަސް އެ ތަކެތި އެތެރެ ކުރިއިރު ގަވާއިދުގައި އޮތްގޮތަށް އަމަލުކުރަން އޭރު ލަފާ ދީފައިވާނެ ކަމަށް ބުންޏެވެ. ރާއްޖެ އަށް އެތެރެކުރުން މަނާ ދޫނިތައް ކަސްޓަމްސް އިން ހިފަހެއްޓުމަށް ފަހު، ބަހައްޓާފައި ހުންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ކަރަންޓީނު ޔުނިޓްގަ އެވެ.