Roadha Mihaaru
ހަތް މަހުގެ ކުއްޖެއްގެ ބަނޑުގައި އެހެން ކުއްޖެއް!

ހަތް މަހުގެ ކުއްޖެއްގެ ބަނޑުގައި 100 ގްރާމްގެ ކުއްޖެއް

19 ޑިސެމްބަރ 2016

އިންޑިއާގެ ހައިދަރުއާބާދުގެ އުމުރުން އެންމެ ހަތް މަހުގެ ތުއްތު ކުއްޖެއްގެ ބަނޑުން ބަރުދަނުގައި 100 ގްރާމް ހުރި ކުއްޖަކު ނަގައިފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ހައިދަރުއާބާދުގެ އުމުރުން އެންމެ ހަތް މަހުގެ ތުއްތު ކުއްޖެއްގެ ބަނޑުން ބަރުދަނުގައި 100 ގްރާމް ހުރި ކުއްޖަކު ނަގައިފި އެވެ.

ކޮންމެވެސް ތަނަކަށް ތަދުވާތީ ރޯން ފެށި ގޮތަށް ހުއްޓާނުލައިގެން އޭނާގެ މައިންބަފައިން ބައްދަލުކުރީ ކުޑަކުދިންގެ ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ ޑރ. އެމް. ރަންގައިއާ އެވެ.

ކުއްޖާގެ ބަނޑުގެ ސްކޭން ހެދުމުން ބޮލެއްގެ ސިފައިގައި އޮތް އަދި އަނގުންތައް ވެސް ހުރި އެއްޗެއް ބަނޑުތެރޭގައި އޮތް ކަން އެނގުނެވެ. އަދި އެއީ ނުވިހާ އޮތް ކުއްޖެއްކަން ވެސް ޔަގީންވި އެވެ.

ރަންގައި ވިދާޅުވީ ހަތް މަހުގެ ކުއްޖާއަށް ބަލިވެއިންއިރު މަންމަގެ ރަހިމުގައި ދެ ކުދިން ގަރުބަގަނެފައިވާ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި އެތަނުން ވަރުގަދަ ކުއްޖާ ހެދިބޮޑުވިއިރު ބަލިކަށިކުއްޖާ އަނެއް ކުއްޖާގެ ހަށިގަނޑާ ގުޅިގެން ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ކުއްޖާ ގަރުބަގަންނަތާ ވަރަށް ކުރީކޮޅު މައިމީހާގެ ރަހިމުގެ ތެރޭގައި ދިމާވާ ކަމެކެވެ.

ސަތޭކަ ގްރާމް ހުރި މި ކުއްޖާގެ ބޮލުގައި އިސްތަށި ވެސް ހުއްޓެވެ. އަދި ހަތަރެސް ފައިގައި ނިޔަފަތި ވެސް ހުރި ކަމަށް ވެއެވެ. ނަމަވެސް ހިތާއި ފުއްޕާމޭ އަދި ލިވާ އާއި ކިޑްނީ ފަދަ ގުނަވަންތަކެއް ނެތެވެ. ބެލެވެނީ ވަކި ހިސާބަކުން ކުއްޖާގެ އުފެދުން ހުއްޓިފައިވާ ކަމެވެ.

ކުއްޖާ އޮޕަރޭޝަން ކުރެއްވި ޕްރޮފެސަރު ނަރެންދުރަ ކުމާރު ވިދާޅުވީ ކުއްޖާގެ ބަނޑުގައި އޭތި އޮތް ނަމަ އިންފެކްޝަނެއް ޖެހުމުގެ ފުރުސަތު ބޮޑުވީސް ކަމަށެވެ. އެ މަސްގަނޑުގައި ލޭ ދައުރުވާ ނިޒާމު ފުރިހަމައަށް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުމާރު ވިދާޅުވި ގޮތުގައި މިފަހަރު ދިމާވި ކަހަލަ މައްސަލައެއް ކުރިމަތިވެގެން 1999 ގައި ވެސް އޭގެ އޮޕަރޭޝަނެއް އޭނާ ކުރެއްވި އެވެ.

މިއީ ވަރަށް މަަދުން ނޫނީ ދިމާނުވާ ކަހަލަ މައްސަލައެކެވެ. މިހާތަނަށް އެނގިފައި ވަނީ އޭގެ އެންމެ 100 ވަރަކަށް ކޭސް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.