Roadha Mihaaru
ބާރު ލިބުމުން އިތުބާރު މުހިންމެއް ނުވި؟!

ބާރު ލިބުމުން އިތުބާރު މުހިންމެއް ނުވި؟!

31 އޮކްޓޯބަރ 2019

މި ސަރުކާރު ވެރިކަމަށް އައީ ހަމައެއް ލަމައެއް ނެތި ހަނި ކޮށްފައި ހުރި ހައްގުތަކާއި މިނިވަންކަން އަނބުރާ ހޯދައި ދިނުމާއި އިންސާފު ގާއިމްކޮށްދިނުމުގެ ވައުދާއި މުއައްސަސާތަކާ މެދު ގެއްލިފައި އޮތް އިތުބާރު ހޯދައި ދިނުމުގެ ޔަގީންކަމުގަ އެވެ. ތަރައްގީ އަށް ވުރެ އެ ހުރިހާ ކަމެއް މުހިންމު ކަމަށް ރައްޔިތުން ދެކިގެންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި ސަރުކާރު ވެރިކަމަށް އައީ ހަމައެއް ލަމައެއް ނެތި ހަނި ކޮށްފައި ހުރި ހައްގުތަކާއި މިނިވަންކަން އަނބުރާ ހޯދައި ދިނުމާއި އިންސާފު ގާއިމްކޮށްދިނުމުގެ ވައުދާއި މުއައްސަސާތަކާ މެދު ގެއްލިފައި އޮތް އިތުބާރު ހޯދައި ދިނުމުގެ ޔަގީންކަމުގަ އެވެ. ތަރައްގީ އަށް ވުރެ އެ ހުރިހާ ކަމެއް މުހިންމު ކަމަށް ރައްޔިތުން ދެކިގެންނެވެ.

ވެރިކަމަށް ގެނައުން އެކަންޏެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ބިޔަ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރު ހިންގާ އެމްޑީޕީއަށް ދިނީ ސަރުކާރުގެ އެ ވައުދުތަކާ އެއްގޮތަށް މުއައްސަސާތައް އިސްލާހުކޮށް، އިންސާފު ގާއިމް ކުރެވެން ގާނޫނީ ގޮތުން އޮތް މަގަކީ މަޖިލިސް ކަމަށް ވާތީ އެވެ. އެކި ގަރާރުތަކާއި ސަރުކާރުން ހުށަހަޅާ ބިލްތަކުގައި މަޖިލީހުގެ މަސައްކަތްތައް ކިތަންމެ ހަލުވިކޮށް ފެނުނަސް، މަންޒަރުން ގެއްލިފައި އޮތް މުހިންމު އެއް ކަމެއް އެބަ އޮތެވެ: މިނިވަން މުއައްސަސާތަކާ މެދު ގެއްލިފައި އޮތް އިތުބާރު ހޯދުމެވެ.

އުވިދިޔަ މަޖިލީހުގައި 60،000 ރައްޔިތުން ތަމްސީލު ކުރުމަށް ރައްޔިތުންގެ ހޮވާފައި ތިބި 12 މެމްބަރަކު މަގުމަތި ކޮށްލައި، އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން "ގަނަ ތެޅުވި ގޮތް" ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެ އެވެ. ބަރުލަމާނީ ހަޔާތުގައި ފެނިގެންދިޔަ އެ "ކަޅު ދުވަސްތަކުގައި" އެންމެ ބޮޑު ދައުރެއް އަދާކުރީ އިލެކްޝަންސް ކޮމިޝަނުންނެވެ. ވެރިކަން ބަދަލުވުމާ އެކު، އެ 12 މެމްބަރުން ގޮނޑި ނުގެއްލޭ ކަމަށް ނިންމައި، ކޮމިޝަނުން ރާގު ބަދަލުކުރުމާ އެކު، ހުރިހާ ކަމެއް "ރަނގަޅުވީ" އެވެ. ކޮމިޝަން އޭރު ވެސް މިހާރު ވެސް އޮތީ އޮތް ގޮތަށެވެ. އެ ކޮމިޝަން އެކަމަށް ޖަވާބުދާރީ ކުރުވަން ކުރި އެއްވެސް މަސައްކަތެއް ނެތެވެ.

ވަކިވަކި ފަރާތްތަކަށް އަމާޒުކޮށްގެން ގާނޫނުތައް ހަދައި، އަސާސީ ހައްގުތަކާއި މިނިވަންކަން ހަނި ކުރުން އެކަންޏެއް ނޫނެވެ. ހައްގުތަކާއި މިިނިވަން ކަމަށް އަރައިގަތުމުގެ އަމަލުތައް ނިޒާމީ ސިފައެއްގައި ދައުލަތުގެ އެކި މުއައްސަސާތަކުން ހިންގަމުން ދިޔައިރު ވެސް، ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ނިދާފައި އޮތްކަން އެންމެންނަށް އެނގެ އެވެ. ހޯދަން ބޭނުންވާ މީހާ ނުފެނުމުން އޭނާގެ އަނބިމީހާ ފުލުސް އޮފީހުގައި "ރަހީނު" ކުރުން ފަދަ ލާ އިންސާނީ ޖަރީމާތައް ފާޅުކަން ބޮޑު ގޮތެއްގައި ހިންގަމުން ދިޔައިރު ވެސް، އެކަންކަން ބެލުމުގެ ޒިންމާ އަދާކުރި މުއައްސަސާއެއް އޭރު ނެތްކަން މިހާރު ބާރުގައި ތިއްބެވި ބޭފުޅުން ހަނދާނެއް ނެތެވެ.

ކުރިން އިދިކޮޅު ސިޔާސީ ބޭފުޅަކު މުޒާހަރާއެއްގައި ބައިވެރިވިޔަސް، ސަރުކާރާ ދެކޮޅު ޚިޔާލެއް ފާޅުކުރިޔަސް އެކަން ޓެރަރިޒަމްގެ އަމަލަކަށް ނުފެއްތުމަކީ ނާދިރު ކަމެކެވެ. ބޮޑެތި ދައުވާތަކުގައި އެތައް ދުވަހަކު ޖަލުގައި ބޭތިއްބި އެވެ. އެ ހިތި ތަޖްރިބާ ކުރެއްވި ބޭފުޅުން މިހާރު ތިއްބެވީ މާ ދުރެއްގައެއް ނޫނެވެ. މި ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ވެސް އެބަ ތިއްބެވި އެވެ. އޭރު ޕްރޮސެކިއުޓާ ޖެނެރަލް މަގާމުން ވަކިކުރުން ނޫން އެއްވެސް ގޮތެއް އޭރު އިދިކޮޅުގައި ތިބި އަދި މިހާރު ސަރުކާރުގައި ތިބި ބޭފުޅުންނަކަށް ނުވިސްނުނެވެ.

އެކަމަކު ވެރިކަން ބަދަލުވުމުގެ މަރުހަލާ އާއި އޭގެ ފަހުން އެ ދައުވާތައް އަނބުރާ ގެންގޮސް، ހުރިހާ ސިޔާސީ ބޭފުޅުން މިނިވަންވުމާ އެކު، ޕީޖީގެ އިތުބާރެއް ނެތް ކަމަށް ހަރު އަޑުން ވިދާޅުވަމުން އައި ބޭފުޅުންގެ އަޑު ކެނޑުނީ އެވެ. އަމިއްލަ ބައެއް މެމްބަރުން އުވިދިޔަ 18 ވަނަ މަޖިލީހަށް ޕީޖީ ވަކިކުރަން ހުށަހެޅި މައްސަލައަށް ވެސް ގޮތެއް ނުނިންމައި އޮއްވާ އެ މަޖިލިސް އުވިގެން ދިޔައީ އެވެ.

ބޮޑު އަޣުލަބިއްޔަތާ އެކު ނިކުތް 19 ވަނަ މަޖިލީހުގައި ވެސް އެކަން އޮތީ އެހެންނެވެ. މެމްބަރުންނަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާ ހެދި ޕީޖީ ވަކިކުރަން މަޖިލީހުގެ ޖުޑިޝަރީގެ ކޮމެޓީން ދާދި ފަހުން ނިންމި ނިންމުން ވެސް އެންމެ ފަހުން ވީ ބޮޑު ޖޯކަކަށެވެ. އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮތް އެ ކޮމެޓީގެ އެ ނިންމުން ޖެހިގެން އައި ދުވަހު އަމިއްލައަށް އެ ކޮމެޓީން ބާތިލް ކޮށްލީ އެވެ. ސަބަބެއްގެ ގޮތުގައި ދެއްކީ އެމްޑީޕީގެ އުސޫލުތަކާ ޚިލާފަށް އެކަން ކޮމެޓީން ފާސް ކޮށްފައި އޮތުމެވެ.

މަޖިލީހުގެ ތަޅުމުން ނުވަތަ ކޮމެޓީއަކުން ކަމެއް ނިންމުމުގައި މަޖިލީހުގެ ގަވާއިދަށް ވުރެ ޕާޓީއެއްގެ އުސޫލު އިސްވާނެ ގޮތެއް ނޯންނާނެ އެވެ. ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގައި މަޖިލީހުން ކަންކަން ނިންމުމުގައި އެ ޕާޓީއެއްގެ ސިޔާސީ ވިސްނުމާއި ފިކުރަށް އިސްކަން ދިނަސް، ޕާޓީގެ އުސޫލުތަކާއި ވިސްނުމަކީ މަޖިލީހުން ކަމެއް ނިންމުމުގެ ކުރިއަށް ގޮތް ނިމިފައި އޮންނަ ކަންކަމެވެ. މަޖިލީހުގެ ނުވަތަ ކޮމެޓީއެއްގެ ނިންމުން ނިިންމުމަށް ފަހު އެ ނިންމުން އަނެއްކޮޅަށް ބަދަލު ކުރުމަށްޓަކައި ޕާޓީގެ އުސޫލުތައް ހުއްޖަތެއްގެ ގޮތުގައި ދެއްކިގެން ނުވާނެ އެވެ.

މަޖިލީހުގެ ކޮމެޓީއެއް -- ފޮޓޯ/މިހާރު

މަޖިލީހުގެ ކޮމެޓީއެއް -- ފޮޓޯ/މިހާރު

މި "އައްސޭރިއަށް" ނުދެވުނީ ހަމައެކަނި ބްރޯޑްކާސްޓިން ކޮމިޝަނެވެ. ކުރީގެ ސަރުކާރުގެ ދުވަސްވަރު ވަކިވަކި މީޑިއާތަކަށް އަމާޒުކޮށްގެން "ސެލެކްޓިވް" ގޮތެއްގައި ބޮޑެތި ޖޫރިމަނާތަކާއި ފިޔަވަޅުތައް އެޅި ބްރޯޑްކާސްޓިން ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކި ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މަސައްކަތް ކުރުމަށް ފަހު، ކޮމިޝަންގެ ދެ މެމްބަރަކު ވަކިކުރަން ފާސްކުރި އެވެ.

ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމާއި ޝަރުއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ބާރު ސްޕީޑްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކުރިއަށް ގެންދާއިރު އެކަމަށް އެންމެ ބޮޑު ބާރެއް އަދި އެހީތެރިކަމެއް ދެނީ މަޖިލީހުންނެވެ. އެކަމަކު ސިޔާސީ ބޭފުޅުން އެ ކޮމިޝަންގައި ތިބެގެން ނިންމާ ނިންމުންތަކާ މެދު ކުރިން ކިޔަމުންދިޔަ ފާޑުކިޔުންތަކުގެ އަޑެއް މިހާރަކު ނެތެވެ. ދަށު މަރުހަލާގެ ކޯޓުތަކުން ފެށިގެން އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނާ ހަމައަށް ޖޭއެސްސީގެ ދިގު އަތް ފޯރާފައި ވާއިރު، ކޮމިޝަނާ މެދު އިތުބާރު ހޯދަން ގާނޫނު އަސާސީ ބަދަލުކުރުން މަޖިލީހަށް މުހިންމެއް ވެގެން އުޅޭ ތަނެއް ވެސް ނުފެނެ އެވެ.

މިނިވަން މުއައްސަސާތަކުގެ އިތުބާރު ހޯދުމަށް ކަމަށް ބުނެ މިހާރު މަޖިލީހުން ކުރަމުންދާ ހަމައެކަނި މަސައްކަތަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ހިންގުމުގެ އުސޫލުތަކަށް ބަދަލު ގެނައުމާއި ހާމަކަން އިތުރުކޮށް، ނަޒާހަތްތެރިކޮށް މުއައްސަސާތައް ހިންގަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލްތަކުގެ މަސައްކަތެވެ.

މިއާ އެކު އުފެދޭ ސުވާލަކީ މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް އެއިރެއްގެ ސަރުކާރުން ރުހޭ ގޮތަކަށް ހިންގަމުން ދިޔައީ ގާނޫނުގައި ކޮން އުނިކަމެއް އޮވެގެން ނުވަތަ ކޮން ކަމެއް ގާނޫނުގައި ނެތިގެން ހެއްޔެވެ؟. އަދި ނަޒާހަތްތެރިކަން ކަށަވަރު ކުރަން ރީތި އަދި ސާދާ އިބާރާތްތަކެއް ގާނޫނުގައި ލިޔުމުން އެ ހުރިހާ މުއައްސަސާތައް އެއްކޮށް މިނިވަންވެ، ހުދު ފޮތިކޮޅަކަށް ވާނެ ކަމަށް ދެކެންވީ ހެއްޔެވެ؟.

ކުރިން ސަރުކާރުގައި ތިއްބެވި އަދި މިހާރުގެ އިދިކޮޅު ކޯލިޝަންގެ ނަޒަރުގައި ޕީޖީ ވަކިކުރުމުގައި މަޖިލީހުން ފަސްޖެހެނީ ސަރުކާރުން ބޭނުންވާ ގޮތަށް އިދިކޮޅު ސިޔާސީ ބޭފުޅުންނަށް ދައުވާތައް އުފުލުމަށެވެ. ކުރިން ޕީޖީއަށް އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔައީ މި ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ކަމަށް ވާއިރު، ސަރުކާރަށް ނިސްބަތްވާ މެމްބަރުން ތިއްބެވީ "އަނގައިގަ ޓޭޕް އަޅުވާފައި" ކަމަށް އިދިކޮޅު ކޯލިޝަނުން ދެކެ އެވެ.

"ރައީސް ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންވާ ގޮތަށް ސިޔާސީ ދައުވާ އުފުލުމަށްޓަކައި ބިޝާމް ސަލާމަތް ކޮށްފައި ވަގުތީ ގޮތުން އެހެރީ. އަޅުގަނޑުމެން މި ތިބީ މި ވާހަކަތައް ނޭނގިގެނެއް ނޫން،" އިދިކޮޅު ކޯލިޝަނުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ.

މަޖިލީހުގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ގިނަ މެމްބަރުންނަކީ މިނިވަން މުއައްސަސާތަކާ މެދު އިތުބާރު ހޯދުމަށް ކުރިން ވަކާލާތު ކުރެއްވި ބޭފުޅުން ކަމަށް ވިޔަސް، އެފަދަ ވިސްނުމެއް މިހާރު މަޖިލީހުގެ މަސައްކަތްތަކުން ނުފެނެ އެވެ. އެކަމަކު މިނިވަން މުއައްސަސާތަކުގެ މަގާމުތަކުން ވެސް މީހުން ވަކިކުރަން ޖެހޭނީ ގާނޫނުތަކާ އެއްގޮތަށް އަދި ހުރިހާ އިޖްރާއާތެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް، އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

"ކޮމިޝަންތަކުން ވެސް މީހުން ވަކިކުރުމުގައި އިންސާފުވެރި އުސޫލެއް ނުފެނޭ. ބޭނުންވާ ބަޔަކު ވަކިކޮށްފައި ބޭނުންވާ ބަޔަކު ބައިތިއްބަނީ،" މަޖިލީހުގެ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

މުއައްސަސާތައް އިސްލާހު ކުރުމާއި އިތުބާރު ހޯދުމުގެ ވާހަކަ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އިވެ އެވެ. އެކަމަކު ރަނގަޅު ކުރުމުގެ އަމަލީ މަސައްކަތް އޮންނަނީ ސުވާލެއްގެ ތެރޭގަ އެވެ. އެއިރެއްގައި އޮންނަ ސަރުކާރެއް ރުހޭ ގޮތަށް އަމަލު ކުރުމުން މުއައްސަސާތައް މިނިވަންވީ ކަމަށް ދެކޭ ނަމަ، އިސްލާހުވާނެ އެއްވެސް ކަމެއް ނޯންނާނެ އެވެ. އެ ވާހަކަ ދައްކާ ބަޔަކު ތަފާތު ވިޔަސް، ފެންނާނީ އެއް މަންޒަރެކެވެ.