Roadha Mihaaru
ދަރިންގެ އުފަލަށްޓަކައި މައެއްގެ ހިތްދަތި ދިރިއުޅުން!

ދަރިންގެ އުފަލަށްޓަކައި މައެއްގެ ގުރުބާނީ!

24 ފެބުރުއަރީ 2022

މަސައްކަތުގައި އުޅުނު އަންހެން މީހާ އަހަރެމެން ފެނުމުން ހިނިތުންވެލި އެވެ. އެކި ވާހަކަ ދައްކަމުން ގޮސް ދަރިން ކިހިނެއްހޭ އަހާލުމުން ބަސް ހުއްޓިއްޖެ އެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިއަސް އެ އިހްސާސްތައް ބޭރުނުކުރަންވެގެން އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ. އެ ސުވާލުކުރަން މަޖުބޫރުވި ސަބަބު ބުނުމާ އެކު އެ މޫނުމަތިން ފެނުނީ ހިތާމަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަސައްކަތުގައި އުޅުނު އަންހެން މީހާ އަހަރެމެން ފެނުމުން ހިނިތުންވެލި އެވެ. އެކި ވާހަކަ ދައްކަމުން ގޮސް ދަރިން ކިހިނެއްހޭ އަހާލުމުން ބަސް ހުއްޓިއްޖެ އެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިއަސް އެ އިހްސާސްތައް ބޭރުނުކުރަންވެގެން އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ. އެ ސުވާލުކުރަން މަޖުބޫރުވި ސަބަބު ބުނުމާ އެކު އެ މޫނުމަތިން ފެނުނީ ހިތާމަ އެވެ.

ލޮލުން ކަރުނަ ފައިބަން ފެށި އެވެ.

ދެން ދެއްކީ އޭނާގެ އަތުގެ އިނގިލިތަކެވެ. ކޮނޑުހުޅަށް ތަދުވެ އިނގިލިތައް ވެސް ރަނގަޅަށް ލަންބައެއް ނުލެވެ އެވެ. އެކަމަކު ވެސް އޭނާ ވަޒީފާ އަދާކުރަން މަޖުބޫރުވެފައި ވަނީ ދަރިންގެ ހައްގުގައި ކަމަށް ބުންޏެވެ. އަމިއްލަ އަށް މަގުމަތީގައި އުޅެން ޖެހުނަސް ދަރިންނަށް ބޯހިޔާވަހިކަމެއް ނުލިބި، ބަނޑަށް ތިބޭތަން ބަލަން ހިތަށް ކުޅަދާނަ ނުވާނެތީ އެވެ.

"ބޮޑެތި ވެފައި އެކި ވަޒީފާތަކުގައި އުޅޭ ކުދިންނާ އެކު ހަތް ދަރިން އެބަތިބި. އެކަމަކު މި މަންމަގެ ހާލު ބަލައިލާނެ އެއްޗެއް ދިއްކޮށްލާނެ އެއްވެސް ދަރިއަކު ނެތް،" ދެ ލޯ ފޮހެމުން އައިމިނަތު ރަޝީދާ 64، ބުންޏެވެ.

ހެނދުނުން ފެށިގެން އިރުއޮއްސެންދެން މަސައްކަތް ކުރަނީ ދުވާލަކަށް 250ރ. އަށެވެ. ގެއަށް ދިއުމަށް ފަހު ވެސް ހަމަޖެހިލެވޭކަށް ނޯވެ އެވެ. އަމިއްލައަށް އުޅޭވަރުވެފައި ތިބި ދަރިންނާއި މާމަ ދަރިން ބައިތިއްބަން ކުއްޔަށް ހިފަގެން އުޅޭ ތަނުގެ ކުލި ހަމަކުރެވޭނީ ރޭ ދެބައިވަންދެން މަސައްކަތްކޮށްގެންނެވެ. އެކަމަކު އޭނާއަށް ޖާގަ އޮތީ ސިޓިން ރޫމުންނެވެ. އެކަމަކާ ޝަކުވާއެއް ނެތެވެ.

އަތުގައި އެ ވަރަށް ރިއްސަނީ ގެއަށް އައިސް ވެސް އިތުރު އާމްދަނީއަކަށް މާ ބުރަކޮށް މަސައްކަތްކުރަން ޖެހޭތީ ކަމަށް ބުންޏެވެ. ދަރިންނަށްޓަކައި އޭނާ މި އުޅޭ ދިރިއުޅުމުގައި ދިމާވެފައިވާ ނިކަމެތި ހާލަށް އެއްވެސް ކުއްޖެއްގެ ހަމްދަރުދީއެއް ނެތެވެ.

މޫދަށް ބަލަަހައްޓައިގެން މީހަކު މަޑުކޮށްލައިގެން: ދަރިންގެ ފަރާތުން ކުރިމަތިވާ ކަންކަމުން ޝަރީފާ ހިތްފަޅައިގެންދާ ވަރުވޭ.

މޫދަށް ބަލަަހައްޓައިގެން މީހަކު މަޑުކޮށްލައިގެން: ދަރިންގެ ފަރާތުން ކުރިމަތިވާ ކަންކަމުން ޝަރީފާ ހިތްފަޅައިގެންދާ ވަރުވޭ.

ޝަރީފާ ބުނީ މުޅި ދުވަހު މަސައްކަތުގައި އުޅެފައި ގެއަށް ވަނުމުން ކައިފިންތޯ ވެސް އަހާލާނެ ދަރިއަކު ނެތް ކަމަށެވެ. އެކަމަކު ދަރިން މީރު އެއްޗެހި ކައްކައިގެން ކައި ހަދަނީ އޭނާގެ ކުރިމަތީގަ އެވެ. މަންމަ ކާނަންތޯ އަހާލަން ކެރޭ ކުއްޖަކު ނުހުރެ އެވެ.

"ދަރިންނަށް ވުރެންް ހެޔޮ، ގޭގެ ވެރިމީހާ ވެސް. ފެނިއްޖިއްޔާ ކައިގެންތޯ އަހާލާ ހަދާނެ. ދުވާލަކު އެންމެ އިރަކު ކަނީ. ނުކައި ހުއްޓަސް އޭނަ އަހައިފިއްޔާ ބުނަނީ ކައިގެންނޭ މިހުރީ،" ރޮމުން ޝަރީފާ ކިޔައިދިނެވެ.

އެ ހާލުގައި 12 އަހަރު!

ދަރިންގެ ޒިންމާއާ ހަވާލުވާން ޖެހުނީ މީގެ 12 އަހަރު ކުރިން ފިރިމީހާ މަރުވުމުންނެވެ. އޭގެ ފަހުން ދަރިންނަށް އެއްވެސް ކަމެއްގައި ދަތިވިޔަ ނުދީވޭތޯ އޭނާ ގުރުބާން ވަނީ އެވެ. އެކަމަކު އޭނާ ދުނިޔޭގައި ހުއްޓަސް ނެތަސް ދަރިންނަށް ވަރިހަމަ އެވެ. ގެއަށް ދިއުމަށް ވުރެން މަސައްކަތް ކުރާ ތަނުުގެ މީހުން ފެނުމުން ވެސް ލިބޭ ހިތްހަމަޖެހުން ބޮޑު ކަމަށް ޝަރީފާ ބުންޏެވެ.

މަހަކު 10،000ރ. އަށް މާލެއިން ކުއްޔަށް ހިފައިގެން އުޅޭ ތަނުގެ ދެބައިކުޅަ އެއްބައި ދައްކަނީ ޝަރީފާ އެވެ. ކަރަންޓާއި ފެން ބިލާއި ގޭގެ އެންމެން ބޯނެ ފެނާއި ކާއެއްޗެހި ވެސް ހުސްވާ ވަރަކަށް ގެއަށް ވައްދަނީ ވެސް އޭނާ އެވެ.

މި ހުރިހާ ކަމެއް އޭނާ ކުރަނީ އެންމެ ސަބަބަކާ ހުރެ އެވެ؛ އެއީ ދަރިންގެ ލޯބި ކޮންމެވެސް ދުވަަހަކުން ލިބިދާނެ ކަމުގެ އުއްމީދުގަ އެވެ.

"ދަރިންގެ ބައްޕަ މަރުވީމަ ދަރިންނަށްޓަކައި ވޭތެވެދިޔަ ޒަމާން މި ހޭދަކޮށްލީ. ހުސް ވިސްނީ ދަރިންނާ މެދު. އަމިއްލަ ނަފްސަށް އެ ނޫން ކަމަކުން އުފަލެއް ނުލިބޭ،" އޭނާ ބުންޏެވެ.

"ވަރަށް ދުވަސްވެއްޖެ މި ހާލުގައި އުޅޭތާ. އުފާވި ދުވަހެއް ހަނދާނެއް ވެސް ނެތް،"

އޭނާ ބުނިގޮތުގައި އިތުރު ކައިވެންޏެއް ނުކުރީ ވެސް ދަރިންގެ އުފަލަށް ވުރެން އިތުރު ކަމެއް މުހިއްމުވާން ޖެހޭ ސަބަބެއް ސިކުނޑިއަށް ނުވިސްނޭތީ އެވެ.

ދަރިން ބުނެލާ ބަސްތަކުން ހިތްފަޅައިގެންދޭ

ހަގީގަތަކީ ދަރިންނަށްޓަކައި މަސައްކަތްކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު މިހާރަކު ނެތެވެ. ނުފެނި ގިނަ ދުވަސްވާ ރަހުމަތްތެރިންނާއި ދަންނަ މީހުން އޭނާ ފެނުމުން ހަށިގަނޑު އަނަރޫފަވަމުންދާތީ ސުވާލުކުރެ އެވެ. އެކަމަކު އެ ބަދަލެއް އޭނާގެ ދަރިންނަކަށް ނުފެނެ އެވެ.

"ދެ ކޮޓަރި ހިފައިގެން އުޅޭއިރު އެ ކުުދިންނަށް ކޮޓަރި ދީފައި އަހަރެން އޮންނަނީ ސިޓިންރޫމުގައި. ބޮޑެތި ދަރިންތަކެއް ތިބިއިރު އެެއިން އެކަކު ވެސް އަހަރެންގެ ކަމެއްކޮށްނުދޭ. ރުޅި އަންނަ ފަހަރުތަކުގައި އެއްޗެހި ގޮވާ ހަދާ، އެ ކުދިންގެ ކަންކަމުގައި އަހަރެން ބަހެއް ބުނުން ކަމަކު ނުދޭ،" ޝަރީފާ ބުންޏެވެ.

ބުރަ މަސައްކަތުގައި އުޅުމަށް ފަހު އެނބުރި ގެއަށް ގޮސް ބައެއް ދުވަސްތަކުގައި އެ މީހުންނަށް ކައްކާ ކާން ދޭން ވެސް ޖެހެ އެވެ. އެކަމަކު ހަތަރުދަމު އަވަދިނެތި އުޅުމަށް ފަހު އެ ކަންކަން ކުރަން ޖެހޭތީ ބައެއް ފަހަރު ނުބުނަން ހުއްޓަސް އެއްޗެހި ބުނެވޭ ކަމަށް ޝަރީފާ ބުންޏެވެ.

"އެއް ދުވަހު ބުނިން އަހަރެން ގަޔަކު ކަލޭމެންނަށް ކައްކާފައި ކާންދޭނެ ހިތްވަރެއް ނެތޭ،"

ހަމަ ނިދި ނުލިބި ބައެއް ދުވަސް ދުވަހު މަސައްކަތަށް ދާން ޖެހޭތީ އެ ތަނުގައި އިނދެ ވެސް ނިދި ޖެހެ އެވެ. އަނެއްކާ ވެސް ހޭލެވޭނީ އެތަނަށް ގޮސް މީހަކު ގޮވާލުމުންނެވެ.

ގޭތެރޭގައި ދަރިންގެ ފަރާތުން ފެންނަ ކަންކަމާ ހެދި ޝަރީފާ ބުނީ، ބައެއް ފަހަރު އަނބުރާ ގެއަށް ނުދާނަމޭ ވެސް ހިތަށް އަރާ ކަމަށެވެ. އެކަމަކު ކެތްނުވެގެން ދަނީ އެވެ. ދަރިންނާ ނުލާ އޭނާއަށް ހީވަނީ ހަށިގަނޑުގެ އެއްބައި މަދު ހުންނެވެ.

ދެން ދަރިން ނުދާނެމޭ ވެސް ބުނަން. އެކަމަކު އަހަންނަށް ކެތެއް ނުވެޔޭ. އަނެއްކާ އަނބުރާ އަހަރެން ދަނީ. އަހަރެންގެ ގައިގެ އެއްބައި ގެއްލިފައި ހުންނަހެން އަހަންނަށް ހީވަނީ-- ޝަރީފާ

ދަރިން އެހީނުވާތާ އަބަދު ކިޔަނީ ފައިސާ އަށް!

ޝަރީފާ ހުރީ ކައިގެންތޯ އޭނާގެ ހާލު ރަނގަޅުތޯ ދަރިން ނުބެލިޔަސް އެއްވެސް ލަދެއް ނެތި އޭނާގެ އަތުން ފައިސާ ނަގަ އެވެ. ބަނޑުއަޅާ ވިހޭ މަންމައަށް އެހީގެ އަތެއް ދިއްކޮށްނުލާތާ ހާހުން ދެހާހުން ފައިސާދޭން ކިޔަ އެވެ. ދަރިއަކަށް ކަމެއް ނުވެގެން އުޅޭ ތަން ފެނިއްޖެ ނަމަ އެހީއެއް ދިއްކޮށްނުލައި އޭނާއަކަށް ވެސް ކެތެއް ނުވެ އެވެ.

ދަރިން ބޭނުންވެގެން ހޯދާ ފައިސާ އަނބުރާ ނުލިބެ އެވެ. އެއީ ދަރިންނަށްވާތީ އެކުދިންގެ އަތުން އެ ފައިސާ ޝަރީފާ ބޭނުން ނުވަނީ އެވެ. ދަރިންގެ ތެރޭގައި އާމްދަނީ ލިބޭ އޭނާ ބެލޭނެ ވަރުގެ ދަރިން ތިބިކަން ފާހަގަކޮށް ބުނީ ކުއްޖަކަށް މަހަކު 500ރ. ދިއްކޮށްލާ ނަމަވެސް އޭނާއަށް ނޯކިރީ ކުރަން ނުޖެހޭނެ ކަަަމަށެވެ. ގޭގައި މަޑުން އިނދެ އުމުރުގެ ފަހު ދުވަސްތައް ހޭދަކޮށްލެވޭނެ ކަމަށް ބުންޏެވެ.

އެހެރަ ބޮޑެތި ކުދިން އައިސް އެބުނަނީ މަންމާއޭ ވަޒީފާއަށް ދެވޭނެ ގޮތެއް ނެތޭ. ތިމަންނަ އަންހެނުންނަށް ދަރިންނަށް ކޮންމެވެސް އެއްޗެއް ފޮނުވަން ޖެހެޔޭ. ރުފިޔާއެއް ދީބަލާށޭ. އަހަރެންގެ މޭގަނޑު ތެޅޭނެ އޭނާއަށް އެ ނުދެވޭހާ ހިނދަކު -- ޝަރީފާ

"ކަލަ ގޮވަނީއެއް ނޫން ދަރިންނަށް ކަންކަން ކޮށްދޭން ޖެހޭތީ. އެ މީހުންނަށް މުސާރަ ލިބިގެން އެ މަންމައަށް 500 ރުފިޔާ ވެސް ދިއްކޮށްލާކަށް ނޭނގޭ. އެކަމަކު ދަރިއެއްގެ އަތުގައި އޮންނަ އެއްޗެއް މަޔަަކަށް ކެރޭތަ ބުނަން އޭ ދޭށޭ މަށަށް ބުނަން. ނުކުރެނޭ ބުނާކަށެއް،" ޝަރީފާ ބުންޏެވެ.

ގޭގެ ބޭނުންތަކަށް އެކަނި ވެސް ކޮންމެ މަހަކު 10،000 އަށް ވުރެ ގިނަ ފައިސާ ޝަރީފާ ހަރަދުކުރެ އެވެ. އަދި ދަރިން އޭނާ އަތުން ނަގާ ފައިސާ އާއި މާމަ ދަރިންގެ އެކި ހަރަދުތައް ވެސް އޭނާއަށް ބަލަހައްޓަން ޖެހެ އެވެ.

"ބައެއް ފަހަރަކު ފައިސާއަށް ކީމަ ބުނަން ނެތޭ އަހަރެން އަތަކު ލާރިއެއް. ދެން ބުނާނެ މަންމަ ރައްކާކޮށްފައި ހުރި ލާރިއޭ. އެމީހުންނަށް އެނގޭނެ 50،000 ރުފިޔާ ރައްކާކޮށްފައި ހުންނާނެކަން،" ޝަރީފާ ކިޔައިދިނެވެ.

"މި މަންމަ ފިހާރައަށް ދާއިރު ވެސް ފިހާރައިގައި ހުންނާނެ ވަރަށް ސާމާނު. އެކަމަކު ދަރިން ފިހާރައަށްދާ އިރު އެކައްޗެއް ވެސް ނުހުރޭ،" ދިރިއުޅޭ ހާލަތު ސިފަކޮށްދެމުން ބުންޏެވެ.

އޭނާ ބުނިގޮތުގައި ބުރަ މަސައްކަތުން ފައިސާ ހޯދައި ދަރިންނަށް ނާންގައި ރައްކާކުރަން ވެސް ވަނީ މަޖުބޫރުވެފަ އެވެ. އޭނާ މިހާރު އެދެނީ އަމިއްލަ ބޯހިޔާވަހިކަމަކަށެވެ. އޭނާ ނެތް ދުވަހަކު ވެސް ދަރިން ހާލުގައި ނުޖެހި އުޅެވޭނީ މާލެއިން ބޯހިޔާވަހިކަމެއް ހުރެގެން ކަމަށް ޝަރީފާ ބުންޏެވެ.

ބޮޑު ބައްޔެއް ދިމާވެއްޖެ ނަމަ ވެސް އޭނާ ހޭދަކުރަން އޮތީ އެ ފައިސާ އެވެ. އެހީއެއް ލިބޭނެ އެހެން ގޮތެއް ނެތް ކަން އޭނާ އުޅެން ޖެހިފައިވާ ހާލަތުން ޔަގީންވެ އެވެ.

އަހަރެންގެ ހިމާޔަތް ދަށުގައި ތިބޭ މީހުން އެއީ. އެމީހުން ރަށުގައި ތިބެފައި ގުޅާލަފައި އެ ބުނަނީ މަންމަ މަށަށް ފޮނުވަބަލާށޭ 1،000 ރުފިޔާ. ގެއަކު ނެތޭ އެކައްޗެއް ވެސް. އެމީހުން އަހަންނަށް މަޖުބޫރު އެކުރަނީ ބަލިވެ އިނދެ މަސައްކަތްކުރަން. އަހަރެން ގަޔަކު ނެތް އެ ހިތްވަރެއް.

"ބުނެފައި އޮންނާނީ ރައްކާކޮށްފައި ހުރި ލާރިއެއް ނުލިބޭނެޔޭ. އަހަރެން މަރުވީމަ އެ ބަހަންޏާ އެންމެން ބަހާށޭ،"

ޑޮކްޓަރަށް ނުދެއްކިގެން އުޅޭތާ ހަތް މަސް

ޝަރީފާގެ ބަލި ހާލު ބޮޑުވަމުން އައިސް އަތުގެ ނާރުގެ މައްސަލަ ޖެހި، އެއްޗެއްގައި ހިފިޔަސް ދޫވާ ވާހަކަ ދަރިންގެ ގާތުގައި އެތައް ފަހަރަކު ބުނެވިއްޖެ އެވެ. އެކަމަކު އަޑު އިވުނު ދަރިއަކު ނެތެވެ.

އެންމެ ފަހުން ގޭގައި މަސައްކަތުގައި އުޅެނިކޮށް އަތުން އެއްޗެއްގައި ނުހިފި ދޫވި މަންޒަރު ދަރިއަކަށް ފެނުނެވެ.

"އެ ދުވަހު ވީ ކިހިނެއްހޭ އެހި. އަހަރެން ބުނިން ކަމެއް ނުވެޔޭ. އެމީހުން ކައިރީ އަހަރެން އަތުގައި ރިއްސަނީއޭ ކިޔާތާ އެތައް ދުވަހެއްވީ. އަޑުއިވޭ ކަމަށް ވެސް ނުހެދި،" ރޮމުން ޝަރީފާ ބުންޏެވެ.

ލޮލުގައި ރިއްސާތީ ޑޮކްޓަރަށް ދައްކައިދޭން ކިޔާތާ ވެސް ހަތް މަސްވީ އެވެ. އެކަމަކު އެކަން ވެސް ދަރިންނަށް ނުވެގެން އެންމެ ފަހުން ކެތްނުވެގެން އެޕޮއިންޓްމަންޓް ހޯދީ ޝަރީފާ އަމިއްލައަށެވެ. ކިތަންމެ ބައްޔަސް ގޮވައިގެން ހޮސްޕިޓަލަށް ދާނެ ދަރިއަކު ވެސް ޝަރީފާގެ ނެތެވެެ. އޭނާއަށް ރައްޓެހިން ނޫނީ ދުރު މީހުން ވެސް މާ ރަނގަޅު ކަމަށް ސިފަކުރީ އެހެންވެ އެވެ.

ދަރިންނާ ނުލައި އުޅެވޭނެ، "ކެތެއް ނުވާނެ"

ޝަރީފާ ބުނީ އޭނާ ހޯދާ އާމްދަނީން ދަރިންނާ ނުލާ ވެސް އުޅެވިދާނެ ކަމަށެވެ. މިސާލަކަށް 5،000 ރުފިޔާއަށް ކުޑަ ތަންކޮޅެއް ކުއްޔަށް ހިފައިގެން، ދެން ލިބޭ އާމްދަނީ ރައްކާކުރެވެން ވެސް އެބައޮތް ކަމަށް ބުންޏެވެ.

އެކަމަކު ދަރިންނާ ވަކިވާން ހިތަށް ކެތްނުވަނީ އެވެ.

އޭނާ ދުރަށް ހިނގައްޖިއްޔާ ދަރިން ތިބޭނީ "ބަނޑަށް" ކަމަށް ބުންޏެވެ. ދަރިންނަށް އެފަދަ ދެރައެއް ލިބިދާނެ ކަމެއް ކުރަން އޭނާގެ ލަގޮނޑިއަށް ކެތް ނުވާނެ ކަމަށް ބުންޏެވެ.

"މީހުން ވެސް ބުނޭ ބޮޑެތި ކުދިން ތިއްބާ ކީއްކުރަން ކުރާ މަސައްކަތެއްހޭ. އެކަމަކު މި ނޫން ގޮތެއް އަހަންނަށް ނެތީ،"

ބޭނުންވަނީ ދަރިންގެ ލޯބި

ޝަރީފާގެ ހިތް ކުދިކުދި ވެފައި ވަނީ އޭނާއާ މެދު ކުދިންގެ ހިތުގައި ކުޑަވެސް ރަހުމެއް ނެތުމުންނެވެ.

ދަރިން ނަމާދު ނުކުރާތީ ނަސޭހަތްދިނަސް ޝަރީފާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވާލަނީ "މުސްކުޅިވީމަ ތިކަހަލަ މޮޔަ އަނގަ ނުތަޅަބަލާށޭ" ކިޔައިފަ އެވެ. ޝަރީފާ ބުނީ އޭނާ ވާހަކަ ދައްކަން ފެށުމުން ދަރިންގެ ބޯހަލާކުވާ ކަމަށެވެ.

މި ހިތްދަތި ބަސްތައް ކޮންމެ ދުވަހަކު އަޑުއަހަން ޝަރީފާގެ ހިތަށް ކުޅަދާނަ ނުވިއަސް ދަރިންގެ ކުރިމަތީގައި އެކަން ދައްކާކަށް ބޭނުމެއް ނުވެ އެވެ. ހިތްދަތިކަމަށް ކެތްކޮށްލައިގެން ހުންނަނީ އެވެ.

އެކަމަކުު މުޖުތަމައުގައި އެކަނިވެ ބާކީވި މައިންބަފައިންގެ ތެރޭގައި ހިމެނުނު އޭނާ މި ވާހަކަ އަހަރެމެންނަށް ކިޔައިދިނީ މައިންބަފައިންނާ މެދު އިހާނެތިވާ ދަރިންނަށް މެސެޖެއްގެ ގޮތުންނެވެ. ދަރިން އެހެން ކަންތައްކުރުމަކީ މައިންބަފައިންގެ ހިތަށް ކުޅަދާނަވާނެ ކަމެއް ނޫން ކަން ވިސްނައިދޭށެވެ.

"ދެރަވޭ. މީހުންގެ ކުރިމަތީގައި މި ވާހަކަ ދައްކަންވީމަ ވަކިން ބޮޑަށް ދެރަވޭ،" ޝަރީފާ ބުންޏެވެ.

ދަރިންގެ ހުރިހާ ކަމެއް ކޮށްދީގެން އޭނާ މަރުވަންދެން ވެސް އުޅެން ބޭނުމެވެ. ބަދަލުގައި ހަމައެކަނި އެދެނީ، އިންތިޒާރުކުރަނީ އޭނާއަކީ މަންމަ ކަމަށް ދެކިގެން ދަރިން ވާހަކަ ދައްކާލައި އޯގާތެރިކަމުގެ ބަހެއް ބުނެލުމަށެވެ.