Roadha Mihaaru
ހާރިސްގެ މަރު: މުހިންމު ދެ ހެއްކެއް ނުގެނެވުނު

ހާރިސްގެ މަރު: މުހިންމު ދެ ހެއްކެއް ނުގެނެވުނު؛ މައްސަލަ ނިންމަނީ

23 ފެބުރުއަރީ 2022

ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން ތޫނު އެއްޗެހިން ހަމަލާދީ ހާރިސް އަބްދުލްއަފޫރު މަރާލި މައްސަލާގައި ދައުލަތުގެ މުހިންމު ދެ ހެކިވެރިއަކު އެންމެ ފަހު ފުރުސަތުގައި ވެސް ހާޒިރު ނުކުރެވި، އެ މީހުންގެ ހެކިބަސް ހޯދުމުގެ ފުރުސަތު އެއްކޮށް ގެއްލިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން ތޫނު އެއްޗެހިން ހަމަލާދީ ހާރިސް އަބްދުލްއަފޫރު މަރާލި މައްސަލާގައި ދައުލަތުގެ މުހިންމު ދެ ހެކިވެރިއަކު އެންމެ ފަހު ފުރުސަތުގައި ވެސް ހާޒިރު ނުކުރެވި، އެ މީހުންގެ ހެކިބަސް ހޯދުމުގެ ފުރުސަތު އެއްކޮށް ގެއްލިއްޖެ އެވެ.

ސެޕްޓެމްބަރު، 2017 ގައި ހާރިސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ޏ. ފުވައްމުލަކު ހިލްޓަން ޔާމީން ރަޝީދުގެ މައްޗަށެވެ. އެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ދެ ހެކިވެރިއަކު ހާޒިރުކުރުމަށް ގިނަ ފުރުސަތުތަކެއް ދައުލަތަށް ދިނުމަށް ފަހު މިދިޔަ މަހު ކޯޓުން ދިނީ އެންމެ ފަހުގެ ފުރުސަތެވެ. އެކަމަކު މިއަދު ބޭއްވި އަޑުއެހުމަށް ވެސް އެ ދެ ހެކިވެރިން ދައުލަތަށް ހާޒިރެއް ނުކުރެވުނެވެ.

އެ ދެ ހެކިންނަކީ ހާރިސަށް ހަމަލާދިން މަންޒަރު ދުށް އެންމެ މުހިންމު ހެކިން ކަމަށްވާތީ އެ މީހުން ހާޒިރުކުރަން އިތުރު ފުރުސަތަކަށް ދައުލަތުން އަނެއްކާވެސް އެދުނެވެ. އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ކުރިން ވެސް ފުރުސަތުތަކެއް ދީފައިވާތީ އިތުރު ފުރުސަތެއް ދެން ނުދެއްވޭނެ ކަމަށެވެ.

އެހެންވެ، ދެން އެ މައްސަލާގައި ޚުލާސާ ބަޔާން ހުށަހެޅުން ކަމަށާއި އަދި އެ މައްސަލަ އަންނަ އޭޕްރީލް މަހު ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިިދާޅުވި އެވެ.

ފުލުހުން ކުރިން ކޯޓުގައި ބުނެފައިވާ ގޮތުން ހާރިސްގެ މަރަކީ ޔާމީނާއި ހާރިސްއާ ދެމެދު ހިންގި މާރާމާރީއަކާ ގުޅިގެން ދީފައިވާ ބަދަލު ހިފުމުގެ ހަމަލާއެކެވެ.