Roadha Mihaaru
ޔުކްރެއިންގައި ތިބި 15 ދިވެއްސަކު ހަންގޭރީއަށް

ޔުކްރެއިންގައި ތިބި 15 ދިވެއްސަކު ހަންގޭރީއަށް ގެންގޮސް ރާއްޖެ ގެންނަނީ

25 ފެބުރުއަރީ 2022

ހަނގުރާމައިގެ ނުރައްކާ ކުރިމަތިވެފައި ޔުކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން އެ ގައުމުގެ ހުޅަނގުގައި އޮންނަ އިވަނޯގައި ތިބި 15 ދަރިވަރުން ހަންގޭރީއަށް ގެންގޮސް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަނގުރާމައިގެ ނުރައްކާ ކުރިމަތިވެފައި ޔުކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން އެ ގައުމުގެ ހުޅަނގުގައި އޮންނަ އިވަނޯގައި ތިބި 15 ދަރިވަރުން ހަންގޭރީއަށް ގެންގޮސް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ޔުކްރެއިން-ހަންގޭރީ ސަރަހައްދީ ރޮނގު ކައިރިއަށް އެ ދިވެހިން ދަތުރުކުރަމުން ދާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީ އާއި ބާލިންގައި ހުންނަ ދިވެހި އެމްބަސީން ހަންގޭރީ ސަރުކާރާ ގުޅިގެން އެ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ހަރްކީވާއި ނިޕްރޯގައި ބާކީ ތިބި ދަރިވަރުން ވެސް އެ މަގުން ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރުކަން ކިޔެވުމަށް ޔުކްރެއިންގައި 50 ދިވެހި ދަރިވަރުން ތިއްބެވެ. މީގެ ތެރެއިން ގިނަ ދަރިވަރުން މިހާރު ވަނީ އެ ގައުމުން ނުކުމެފަ އެވެ. ނަމަވެސް ބާކީ ތިބި ދަރިވަރުން ފުރުމުގެ ކުރިން، އެ ގައުމުގައި ހަނގުރާމަ ފެށުމާ އެކު އެ ދަރިވަރުންނަށް އާދެވޭގޮތެއް ނުވި އެވެ.

ރާއްޖެ ނާދެވި އެ ގައުމުގައި ތާށިވެފައި ތިބި ދިވެހި ދަރިވަރުންނަށް ސަރުކާރުން ވަނީ މާލީ އެހީތެރިކަން ވެސް ދީފަ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނީ ރާއްޖެ ނާދެވި ޔުކްރެއިންގައި ތާށިވެފައި ތިބި 21 ދަރިވަރަކަށް ސަރުކާރުން މާލީ އެހީ ދީފައިވާ ކަމަށާއި އަދި އެ ދަރިވަރުންނަށް ބީއެމްއެލްގެ ކާޑުތައް މެދުވެރިކޮށް ކުރެވޭ ޓްރާންސެކްޝަންތަކުގެ ލިމިޓް ވެސް މިހާރު ބޮޑުކޮށްދީފައި ވާނެ ކަމަށެވެ.