Roadha Mihaaru
މައުމޫން ވިދާޅުވީ ރަޝިޔާ ސަފީރަށް މާނަ އޮޅުނީ ކަމަށް

މައުމޫން ވިދާޅުވީ ރަޝިޔާ ސަފީރަށް މާނަ އޮޅުނީ ކަމަށް

29 އޯގަސްޓް 2024

ރަޝިޔާ އިން ޔުކްރެއިނަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ރަޝިޔާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގެ މާނަ ގޯސްކޮށް ނަގާފައިވާ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން އެކްސްގައި މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވަނީ ރަޝިޔާ އިން ޔުކްރެއިނަށް ދެމުންދާ ވައިގެ ހަމަލާތައް ނޫސްތަކުން ރިޕޯޓު ކުރަމުންދާއިރު، އދ. ގެ ސަލާމަތީ މަޖިލީހުން އެކަމާ އަޅާނުލާތީ، ސަލާމަތީ މަޖިލިސް ވުޖޫދުގައި އޮތްތޯ ސުވާލު އުފައްދަވައިފަ އެވެ.

އެ ޕޯސްޓާ މެދު ހިތްހަމަނުޖެހިވަޑައިގެން، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރަޝިޔާގެ ސަފީރު ލިވަން އެސް ޖަގަރްޔަން ވަނީ މައުމޫނަށް ރައްދު ދެއްވައިފަ އެވެ.

"ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ތަފާތުކުރުމުގެ ސަގާފަތަށް ތާއީދު ނުކުރަން އަޅުގަނޑު މައުމޫނަށް ގޮވާލަން،" ސަފީރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، މައުމޫން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިޔާ-ޔުކްރެއިން ހަނގުރާމާ އާ ގުޅުވައި ކުރިން ކުރެއްވި ޓްވީޓުގެ މާނަ ގޯސްކޮށް ނަގާފައިވާ ކަމަށެވެ.

މައުމޫން ވިދާޅުވި ގޮތުގައި، އެ ޕޯސްޓުގައި ބީބީސީއިން ކޮށްފައިވާ ރިޕޯޓަކީ ހަގީގަތެއް ކަމަށް ވިދާޅުވެފައިނުވާނެ ކަމަށާއި، ކަންބޮޑުވުންފާޅުކުރެއްވީ އދ.ގެ ސަލާމަތީ މަޖިލީހުގެ މެންޑޭޓް ތަންފީޒު ނުކުރާތީ އެވެ.

"އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމަކީ، ދިގުދެމިގެންދާ އެއްވެސް ހަމަނުޖެހުމަކީ، ރާއްޖެ ފަދަ އެކަމުގައި ބައިވެރިވުމެއް ނެތް ގިނަ ގައުމުތަކަށް ވަރަށް ބޮޑު ގެއްލުމެއް، އަދި އެކަމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމެއް ކަން،" މައުމޫން ވިދާޅުވި އެވެ.