Roadha Mihaaru
އަމުރު ގޯސްވިޔަސް، ހެޔޮ ނިޔަތުން ހޯދި ހެކި ސައްހަވާނެ

ކޯޓު އަމުރު ގޯސްވިޔަސް، އޭގެ ދަށުން ހެޔޮ ނިޔަތުގައި ހޯދި ހެކި ބަލައިގަނެވޭނެ: ސުޕްރީމް ކޯޓު

23 ފެބުރުއަރީ 2022

ކޯޓު އަމުރެއްގެ ދަށުން ހެކި ހޯދާފައި ވަނިކޮށް، ގާނޫނީ ސަބަބަކާ ހެދި އެ އަމުރު ބާތިލް ވިޔަސް، އެ އަމުރުގެ ދަށުން ހެޔޮ ނިޔަތުގައި ހޯދި ހެކިތައް ސައްހަވާނެ ކަމަށް ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް މައްސަލައެއްގައި މިއަދު ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޯޓު އަމުރެއްގެ ދަށުން ހެކި ހޯދާފައި ވަނިކޮށް، ގާނޫނީ ސަބަބަކާ ހެދި އެ އަމުރު ބާތިލް ވިޔަސް، އެ އަމުރުގެ ދަށުން ހެޔޮ ނިޔަތުގައި ހޯދި ހެކިތައް ސައްހަވާނެ ކަމަށް ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް މައްސަލައެއްގައި މިއަދު ކަނޑައަޅައިފި އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުން އެ ގޮތަށް ކަނޑައެޅީ ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ދެމަފިރިއެއްގެ ކޮޓަރި ޖޫން 2019 ގައި ފާސް ކުރިއިރު މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކުރި ހުކުމެއްގަ އެވެ.

ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓުގެ އެހެން އަމުރެއްގެ ދަށުން އިތުރު މީހެއްގެ ގެ ފާސް ކުރިއިރު ވެސް މަސްތުވާތަކެތި ފެނުނެވެ. އެ އަމުރުތައް ތަންފީޒުކޮށް، ނިމުނު ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ހުޅުމާލޭ ކޯޓަކީ އޭރު އެފަދަ އަމުރުތައް ނެރުމުގެ ބާރު އޮތް ކޯޓެއް ނޫން ކަމަށް ނިންމި އެވެ. އެހެންވެ، ހުޅުމާލޭގެ ކޯޓުން އަމުރު ހޯދައިގެން ފުލުހުން ހޯދި ހެކިތަކުގެ ސައްހަކަމުގެ މައްސަލަ އޮތީ އުފެދިފަ އެވެ.

ދެމަފިރިންގެ މައްސަލައިގައި ހުޅުމާލޭ ކޯޓާއި ހައި ކޯޓުން ނިންމާފައި އޮތީ ސީދާ އެ އަމުރު ބާތިލް ކޮށްފައި ނެތުމުން ހެކިތައް ސައްހަވާނެ ކަމަށެވެ. އެކަމަކު ތިން ވަނަ މީހާގެ މައްސަލައިގައި ހުޅުމާލޭގެ ކޯޓާއި ހައި ކޯޓުން ނިންމީ އޭނާގެ ގެއިން ހޯދި ހެކި ހޯދި ގޮތް ސައްހަ ނުވީ ކަމަށެވެ. އެހެންވެ، އޭނާގެ މައްސަލަ ހުޅުމާލާގެ ކޯޓުން ބޭރުކުރީ އެވެ.

އެ ތިން މީހުންގެ މައްސަލަ އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވާ ގޮތުން، ކޯޓު އަމުރެއްގެ ދަށުން ހެކި ހޯދާފައި ވަނިކޮށް، އެ އަމުރެއް ސައްހަ ނޫން ކަމަށް ފަހުން ކަނޑައެޅިޔަސް، އެ އަމުރުގެ ދަށުން ހޯދި ހެކިތަކަކީ ގާނޫނާ އެއްގޮތަށް ހޯދި ހެކިތަކެއް ކަމަށް ބެލެވޭނެ އެވެ. އެކަމަކު އެކަމުގައި ފުރިހަމަވާން ޖެހޭ ޝަރުތެއް އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެއީ ހެކި ހޯދުމުގައި "ހެޔޮ ނިޔަތް" އޮތުމެވެ. އެ ހާލަތުގައި، އިސްތިސްނާ ގޮތެއްގައި ހެކިތައް ސައްހަވާނެ ކަމަށް ހުކުމުގައިވެ އެވެ.

"ގާނޫނާ ޚިލާފަށް ހެޔޮ ނިޔަތުގައި ކުރާ އަމަލެއްގެ ނަތީޖާއިން ހެކިތަކެއް ލިބިއްޖެ ނަމަ، އިސްތިސްނާ ހާލަތުގައި އެ ހެކިތައް ކޯޓުތަކުން ބަލައިގަނެ އެވެ. ނަމަވެސް މިފަދަ ހެކިތައް ބަލައިގަތުމުގައި ކޮންމެ މައްސަލައެއްގެ ވާގިއާތަކަށް ވަކިވަކިން ބަލަން ޖެހެ އެވެ." ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވި ހުކުމުގައިވެ އެވެ.

ފުލުހުން ކާރެއް ފާސްކުރަނީ --- ފޮޓޯ/މިހާރު

ފުލުހުން ކާރެއް ފާސްކުރަނީ --- ފޮޓޯ/މިހާރު

ހުކުމުގެ ޚުލާސާ

- އަމުރު ގޯސްވިޔަސް، އޭގެ ދަށުން ހޯދި ހެކި ބަލައިގަނެވިދާނެ ކަން

- ގޯސް އަމުރަކަށް ވިޔަސް، ފުލުހުންގެ ހެޔޮ ނިޔަތް އޮންނަން ޖެހޭނެ ކަން

- އެއީ އިސްތިސްނާ ގޮތެއްގައި އެފަދަ ހެކި ބަލައިގަތުން ކަން

އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް މައްސަލަތައް މިސާލެއްގެ ގޮތުން ފާހަގަކޮށް، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ، ޣައިރު ގާނޫނީ ކޯޓު އަމުރެއް ތަންފީޒު ކުރުމުގައި ފުލުހުންގެ ހެޔޮ ނިޔަތް އޮތްތޯ ބެލުމުގައި ފުލުހުންގެ ފަރާތުން އޮޅުވައިލުމެއް ނުވަތަ މަކަރެއް ނެތްކަމާއި ފެނުނު ހެކިތަކުގެ ބާވަތަށް ބަލަންޖެހޭ ކަމަށެވެ.

އެމެރިކާ ސުޕްރީމް ކޯޓުން ނިންމި މައްސަލައަކީ ވެސް މި މައްސަލަ ފަދަައިން ކޯޓު އަމުރެއްގެ ދަށުން މަސްތުވާތަކެތި ހޯދާފައި ވަނިކޮށް، އެ އަމުރު ބާތިލްވުމުން ފެންމަތިވި މައްސަލަ އެކެވެ.

"ކޯޓު އަމުރެއް ހޯދާފައިވަނީ ކޯޓުގައި އެކަށީގެންވާ ސަބަބެއް ސާބިތުކޮށް ދިނުމެއް ނެތި ކަމުގައިވާތީ، އެ އަމުރަކީ ސައްހަ އަމުރެއް ނޫން ކަމުގައި ކޯޓް އޮފް އެޕީލްސްއިން ކަނޑައެޅި އެވެ. ނަމަވެސް މި އަމުރު ތަންފީޒު ކުރުމުގެ ތެރެއިން ހޯދާފައިވާ ހެއްކަކީ ޣައިރު ގާނޫނީ ހެކި ނޫން ކަމުގައި އެ ގައުމުގެ ސުޕްރީމް ކޯޓުން އެ މައްސަލަ އެ ކޯޓަށް އިސްތިއުނާފް ކުރުމުން ކަނޑައަޅާފައިވެ އެވެ." އެމެރިކާ ސުޕްރީމް ކޯޓުގެ ހުކުމުގެ ޚުލާސާއެއް ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"ހުޅުމާލޭ ކޯޓުން އަމުރު ހޯދުމުގައި ނުބައި ނިޔަތެއް ނެތް"

ހުޅުމާލޭގެ ކޯޓުން ދިން އަމުރުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ އަމުރުގެ ދަށުން ދެމަފިރިންގެ ކޮޓަރި ފާސް ކުރުމުގައި ފުލުހުންގެ ނުބައި ނިޔަތެއް އޮތްކަމުގެ ހެއްކެއް ނެތް ކަމަށެވެ. އަދި ފާސްކުރުމުން އެތަނުން މަސްތުވާތަކެތި ފެނިފައިވާއިރު، އެއީ ތިން ވަނަ ފަރާތެއްގެ ހައްގެއް ވެސް އޮތް އެއްޗެއް ނުވާތީ އެއީ ހެޔޮ ނިޔަތުގައި ފުލުހުން ކުރި ކަމެއް ކަމަށް ބަލަންޖެހޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ވެ އެވެ.

"ފެނިފައިވާ ހެއްކަކީ ގާނޫނު ތަންފީޒުކުރާ ފަރާތުން ހެޔޮ ނިޔަތުގައި ކޯޓު އަމުރުތަކެއް ތަންފީޒު ކުރުމުގެ ތެރޭގައި ފެނިފައިވާ ހެކިތަކެއް ކަމުގައި ވާތީ އެ ހެކިތައް މި އިސްތިސްނާއީ ހާލަތުގައި ބަލައިގަންނަންޖެހޭ." ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ހިމެނިވަޑައިގަތް ބެންޗުން އިއްވެވި ހުކުމުގައިވެ އެވެ.

އެ އަމުރު ނެރުނު ދުވަސްވަރަކީ ހުޅުމާލޭ ކޯޓަށް އެފަދަ އަމުރުތައް ނެރެވޭނެ ކަމާ މެދު ސުވާލު އުފެދިފައި އޮތް ދުވަސްވަރެއް ނޫން ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ތިން ވަނަ މީހާގެ މައްސަލަ ބޭރުކޮށްލުމުގައި އެހެން ސަބަބެއް ހުޅުމާލޭ ކޯޓުން ދެއްކި އެވެ. އެއީ ސައްހަ ނޫން އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވާތީ، އޭނާ ބަންދު މުއްދަތު މަޖިލީހުގައި ދެއްކި ވާހަކަތައް ހެކީގެ ގޮތުގައި ބަލައިނުގަތުމާއި އޭނާގެ މައްޗަށް ހިންގި ތަހުގީގު އޭގެ ސަބަބުން ބާތިލްވީ ކަމަށް ބުނެ އެވެ.

އެ ނުކުތާގައި ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ، އޭނާ ހައްޔަރު ކުރި އަމުރު ގޯސްވިޔަސް، އޭނާގެ މައްޗަށް ހިންގި ތަހުގީގު ގޯސްވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއީ ހައްޔަރު ކުރުމާއި ތަހުގީގު ކުރުމަކީ ތަފާތު ދެ ކަމަކަށް ވާތީ އެވެ. އެހެންވެ، އޭނާގެ މައްސަލަ ހުޅުމާލޭގެ ކޯޓުން އަލުން ބަލަން ސުޕްރީމް ކޯޓުން އެންގި އެވެ.