ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު، މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައިވާ ޕެލެޓްތައް އަންނަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ނަގަން މާލޭ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.
01 މާޗް 2022
ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު، މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައިވާ ޕެލެޓްތައް އަންނަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ނަގަން މާލޭ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކިން ޒޯންތައް ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ހުށަހެޅުމުން ޕާކް ކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" ކުރަހައިދޭނެ ކަމަށެވެ.
"ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ސިޓީ ކައުންސިލަށް ހުށަހެޅުމުން "ޑަބަލް ލައިން" ކުރަހައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ސިޓީ ކައުންސިލްގެ އިއުލާނުގައިވާ ގޮތުން، މުދާ އަރުވައި ބޭލުމަށް ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތައް ޗެކް ކުރުމަށް ފަހު، އެ ސްލޮޓް ހަމަޖައްސައިދޭނީ ކުލި ދައްކަން ޖެހޭ ގޮތަށެވެ.
ކައުންސިލުން ދިން މުއްދަތުގައި ހުއްދަ ނުހޯދައި ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާ ނަމަ، އެ އެއްޗެހި ނަގާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
ޕާކިން ޒޯނެއްގައި ޕެލެޓުތަކެއް ފުނިޖަހާފައި، މިގޮތައް ޕެލެޓުތައް ބެހެއްޓުމުގެ ސަބަބުން ޕާކުކުރާނެ ޖާގަ ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މިދިޔަ ހަފުތާގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މާލޭގެ މަގުތައް ތަރުތީބުކުރަން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު ދެ ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވެސް ކައުންސިލުން ވަނީ ޕާކިން ޒޯންތަކުގައި ޕެލެޓްތައް ބަހައްޓާފައި ހުންނަ މައްސަލަ ހައްލުކުރަން ނިންމައިފަ އެވެ.
"އަމާޒަކީ ރޯދަ މަސް ފެށެންވާއިރަށް މާލެތެރެއިން ޕެލެޓުތައް ނެގުން،" މޭޔަރު ވިދާޅުވެފައިވެ އެވެ.
އެހެން އުޅަނދުތައް ޕާކް ނުކުރެވޭ ގޮތަށް ގަރާޖާއި ފިހާރަތަކުގެ ދޮރުމަތީގައި ޕެލެޓްތައް ބަހައްޓައި، ބަންދުކޮށްފައި ހުންނަ މައްސަލަ އަބަދު ވެސް ވަރަށް ބޮޑެވެ. މި ފަހުން އެ މައްސަލަ ބޮޑުވެ، އާންމުންގެ ފާޑުކިޔުން ބޮޑުވީ އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ގެނެސްދިން ފޮޓޯ ސްޓޯރީ އަށް ފަހު އެވެ.
އެ މައްސަލަ ހައްލުކުރަން ސިޓީ ކައުންސިލުން މީގެ ކުރިން އެ ޕެލެޓްތައް ނަގައި މަގުތައް ހުޅުވައިލި އެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ، އަނެއްކާ ވެސް ޕެލެޓުތައް ބެހެއްޓި އެވެ. މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު މަގާމުގައި ހުންނެވި ދުވަސްވަރު ވެސް ޕެލެޓް ނެގުމުގެ ކަންކަން ދޭތެރެދޭތެރެއިން ސިޓީ ކައުންސިލުން ކޮށްފައިވެ އެވެ.
މަޖީދީ މަގުގައި ޕާކުކުރުން މަނާ!
ޕެލެޓްތައް ބަހައްޓާ ނަމަ ޖޫރިމަނާކުރަން ފަށަނީ
މާލޭގެ މަގުތަކުން 1،360 ޕެލެޓް ނަގައިފި
މާލޭގެ ހަ މަގަކުން 85 ޕެލެޓް ނަގައިފި
ސިޓީ ކައުންސިލަށް ޕެލެޓްތައް ނުނެގުނު!
ޕެލެޓް ނަގަން ފެށުން ހޮނިހިރަށް ފަސްކޮށްފި
ޕެލެޓް ބަހައްޓާ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި
މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން ނިންމައިފި
ޕާކިންގެ ގުރުއަތުލުން އަނެއްކާވެސް ފަސްކޮށްފި
ބިއްލޫރިޖެހިގޭގެ ޕާކިން ޒޯނު ބޭނުންކުރަން ފަށައިފި