Roadha Mihaaru
ލަންކާގައި އާންމުންނަށް ޕެޓްރޯލް ވިއްކުން މަނާކޮށްފި

ލަންކާގައި އާންމުންނަށް ޕެޓްރޯލް ވިއްކުން މަނާކޮށްފި

28 ޖޫން 2022

ވަކި ޚާއްސަ އުޅަނދުތަކަކަށް ނޫނީ، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަށް ލަންކާގައި ޕެޓްރޯލް ވިއްކުން އާންމުކޮށް މަނާކޮށްފި އެވެ.

ވަކި ޚާއްސަ އުޅަނދުތަކަކަށް ނޫނީ، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަށް ލަންކާގައި ޕެޓްރޯލް ވިއްކުން އާންމުކޮށް މަނާކޮށްފި އެވެ.

ލަންކާ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަށް ޕެޓްރޯލް ވިއްކާނީ ހަމައެކަނި ޒަރޫރީ ކަންކަމުގައި ބޭނުންކުރަންޖެހޭ އުޅަނދުތަކަށެވެ. އެ ގޮތުން ޕެޓްރޯލް ވިއްކާނީ، އާންމުން ދަތުރުކުރާ ބަސްތަކަށާއި ރޭލުތަކަށާއި ބޭސްފަރުވާގެ ކަންކަމުގައި ބޭނުންކުރާ އުޅަނދުތަކަށާއި، ކާބޯތަކެތި ޑެލިވަރީ ކުރުމުގައި ބޭނުންކުރާ އުޅަނދުތަކަށް އެކަންޏެވެ.

ހުރިހާ ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ވެސް މިހާރު ވަނީ ބަންދުކޮށް، ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރާ ގޮތަށް، ލަންކާ ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ގައުމުގެ އިގްތިސާދު މުޅިންހެން ހުއްޓުމަކަށް އައިސް، ބޭރު ފައިސާ ލިބުން ދަތިވުމާ ގުޅިގެން، ޒަރޫރީ ކާބޯތަކެއްޗާއި ކައްކާ ގޭހާއި އެއްގަމު އުޅަނދުފަހަރު ދުއްވަން ބޭނުންކުރާ ތެލުގެ ބާވަތްތައް އެތެރެކުރުމަށް ވަނީ ބުރޫ އަރައިފަ އެވެ.

ސްރީ ލަންކާގެ ކެބިނެޓް ތަރުޖަމާނު ބަންޑުލާ ގުނެވަރްދަނާ ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށް، އަމިއްލަ މީހުންގެ އުޅަނދުތަކަށް ޕެޓްރޯލާއި ޑީސަލް ނުވިއްކާނެ އެވެ. މިއީ އެ ގައުމުގެ ތާރީޚުގައި ވެސް ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ދަތިކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ، ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ސަރުކާރުގެ ވަފުދެއް މިހާރު ވާނީ ގަތަރަށާއި ރަޝިޔާ އަށް ފޮނުވައިފަ އެވެ.

އޭގެ އިތުރުން، ލަންކާ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ސާމާނު ހޯދުމަށް، ލަންކާ ސަރުކާރުން މިހާރު ގެންދަނީ ޗައިނާ ސަރުކާރާއި އިންޑިއާ ސަރުކާރާ އެކުގައި ވާހަކަ ދައްކަމުންނެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މި މަހުގެ ކުރީކޮޅު ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ހަ މަސްދުވަހަށް ލަންކާ އަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި ކައްކާ ގޭހާއި ތެލުގެ ބާވަތްތަކާއި ދަނޑުވެރިކަމަށް ބޭނުންވާ ގަސް ކާނާ ހޯދުމަށްޓަކައި، މަދުވެގެން ފަސް ބިލިއަން ޑޮލަރު ބޭނުންވެ އެވެ. އެހެން ނަމަވެސް އެފައިސާ ލިބޭނެ ގޮތެއް މިހާތަނަށް ވެސް ހަމައެއް ނުޖެހެ އެވެ.

މިދިޔަ ހަފުތާ ބަންދުގައި ލަންކާ ސަރުކާރުން ބުނި ގޮތުގައި އެ ގައުމުގައި މިހާރު ހުރީ އެންމެ 9000 ޓަނުގެ ޑީސަލާއި 6000 ޓަނުގެ ޕެޓްރޯލެވެ. މިއީ، ޒަރޫރީ ކަންކަމުގައި ބޭނުންކުރާ އުޅަނދުތަކަށް، ގާތްގަނޑަކަށް އެއް ހަފުތާގެ މުއްދަތަށް ކިރިޔާ ފުދޭ މިންވަރެވެ.