Roadha Mihaaru
ލަންކާ އަށް ޕެޓްރޯލް ލިބޭނީ ޖުލައި 22 ގައި

ލަންކާ އަށް ޕެޓްރޯލް ލިބޭނީ ޖުލައި 22 ގައި

30 ޖޫން 2022

އިގްތިސާދީ ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާ އަށް ބޭނުންވާ ޕެޓްރޯލްގެ ފުރަތަމަ ޝިޕްމަންޓް ލިބޭވަރު ވާނީ އަންނަ ޖުލައި މަހުގެ 22 ވަނަ ދުވަހު ކަމަށް ސްރީ ލަންކާ ސަރުކާރުން މިއަދު ބުނެފި އެވެ.

އިގްތިސާދީ ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާ އަށް ބޭނުންވާ ޕެޓްރޯލްގެ ފުރަތަމަ ޝިޕްމަންޓް ލިބޭވަރު ވާނީ އަންނަ ޖުލައި މަހުގެ 22 ވަނަ ދުވަހު ކަމަށް ސްރީ ލަންކާ ސަރުކާރުން މިއަދު ބުނެފި އެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުގެ އެޑިޓަރުންނާއި ނޫސްވެރިންނާ ބައްދަލުކުރައްވަމުން، ލަންކާގެ ބޮޑުވަޒީރުގެ ޗީފް އޮފް ސްޓާފް ސަގަލަ ރަޓްނަޔަކެ މިއަދު ވިދާޅުވީ، ޖުލައި 22 ވަނަ ދުވަހު ޕެޓްރޯލްގެ ފުރަތަމަ ޝިޕްމަންޓް އަންނާނެ ކަމުގެ ޔަގީންކަން، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ދީފައިވާ ކަމަށެވެ. އޭގެ އިތުރުން ޕެޓްރޯލްގެ އެހެން ޝިޕްމަންޓެއް ގަތުމުގެ އެއްބަސްވުމުގައި ލަންކާ ސަރުކާރުން މިއަދު ސޮއިކޮށްފި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖުލައި 22ގައި ޕެޓްރޯލް ލިބޭނެކަމުގެ ޔަގީންކަން އޮތަސް، އޭގެ ކުރިން ވެސް އިތުރު ޕެޓްރޯލް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، އޭގެ ކުރިން ޕެޓްރޯލް ލިބޭނެ ކަމުގެ ޔަގީންކަން ނުލިބެނީސް، އެއީ ކިހާ ޕެޓްރޯލެއްކަން ހާމަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެޓްރޯލާއި ޑީސަލް ލިބުން ގާތްގަނޑަކަށް ހެން ލަންކާ އިން ހުސްވެފައިވާތީ، އާންމުންނަށް އެ ދެ ބާވަތް ވިއްކުން މިހާރު ވަނީ ހުއްޓާލައިފަ އެވެ. މި މަހުގެ 28 ވަނަ ދުވަހު ލަންކާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަށް ޕެޓްރޯލް ވިއްކާނީ ހަމައެކަނި ޒަރޫރީ ކަންކަމުގައި ބޭނުންކުރަންޖެހޭ އުޅަނދުތަކަށެވެ. އެ ގޮތުން ޕެޓްރޯލް ވިއްކާނީ، އާންމުން ދަތުރުކުރާ ބަސްތަކަށާއި ރޭލުތަކަށާއި ބޭސްފަރުވާގެ ކަންކަމުގައި ބޭނުންކުރާ އުޅަނދުތަކަށާއި، ކާބޯތަކެތި ޑެލިވަރީ ކުރުމުގައި ބޭނުންކުރާ އުޅަނދުތަކަށް އެކަންޏެވެ.

ސަގަލަ ރަޓްނަޔަކެ ވިދާޅުވި ގޮތުގައި ލަންކާ އިން އޯޑަރު ދީފައިވާ ޑީސަލް ޝިޕަމަންޓް މާދަމާ ފެށޭ ޖުލައި މަހުގެ ކުރީކޮޅު ލަންކާ އަށް އަންނާނެ އެވެ. ހަކަތައިގެ ބާވަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ލަންކާ ސަރުކާރުން މިހާރު އަންނަނީ، ޗައިނާ ސަރުކާރާއި ރަޝިޔާ ސަރުކާރާ އެކުގައި މަޝްވަރާ ކުރަމުންނެވެ.

ލަންކާ ސަރުކާރުން ބުނާ ގޮތުގައި ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ތެޔޮ ތާނގީތަކުގައި މިހާރު ރައްކާކޮށްފައި ހުރީ، 11000 މެޓްރިކް ޓަނުގެ ޑީސަލާއި 5000 މެޓްރިކް ޓަނުގެ ޕެޓްރޯލާއި 30000 މެޓްރިކް ޓަނުގެ ކަރާސީނުގެ އިތުރުން، 800 މެޓްރިކް ޓަނުގެ ޖެޓް ފިއުލް (މަތިންދާބޯޓަށް އަޅާ ތެޔޮ) އެވެ.

އިގްތިސާދު އަޑިއަޅާލައި ތެލުގެ ބާވަތްތައް ލިބުން ދަތިވެ އާންމު ދަތުރުފަރުތައް ހުއްޓުމަކަށް އައުމާ ގުޅިގެން، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން، ލަންކާގެ ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކައްކާ ގޭހާއި ތެލުގެ ބާވަތްތަކާއި ކާބޯތަކެތި އެތެރެކުރުން ހުއްޓިފައިވަނީ، ބޭރު ފައިސާ ލިބުން ދަތިވެފައިވާތީ އެވެ.