Roadha Mihaaru
އަލިފާނުގެ ބިޔަ ހުޅުން ގަޔަށް ހެޔޮވަރުކޮށްލި ލިބާސް!

އަލިފާނުގެ ބިޔަ ހުޅުގަނޑުން ގަޔަށް ހެޔޮވަރުކޮށްލި ލިބާސް!

08 މާޗް 2022

އެއީ މީގެ ހަތް އަހަރު ކުރި އެވެ. ހދ. ކުޅުދުއްފުށި، "ނިކަމާގެ" އައިޝަތު ހުސެއިންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހި، ދަރިންގެ ހައްގުގައި އޭނާ އަށް ތެދުވާން ޖެހުނީ ނަފްސާނީ ބޮޑު ކަމެއްގެ ތެރެއިންނެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެއީ މީގެ ހަތް އަހަރު ކުރި އެވެ. ހދ. ކުޅުދުއްފުށި، "ނިކަމާގެ" އައިޝަތު ހުސެއިންގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހި، ދަރިންގެ ހައްގުގައި އޭނާ އަށް ތެދުވާން ޖެހުނީ ނަފްސާނީ ބޮޑު ކަމެއްގެ ތެރެއިންނެވެ.

"ނިކަމާގެ" ރީއްޗަށް އިމާރާތްކޮށްލައި ދަރިންނާ އެކު އެ ގޭގައި އުފާވެރި ދިރިއުޅެމުން އަންނަނިކޮށް އެ ގޭގައި "ބަޔަކު ރޯކޮށްލީ" 2015 ވަނަ އަހަރު އެވެ. އެއީ ގެ ހަދައިގެން އެތަނުގައި އުޅެމުންދިޔަތާ ތިން ވަނައަށްވީ އަހަރެވެ.

އެންމެން ނިދާފައި ތިއްބާ ހޫނު އަރައިގަނެގެން އައިޝަތަށް ހޭލެވުނުއިރު މުޅި ގޭ އޮތީ ދުމުން ފުރިފަ އެވެ. ބޮޑު އަލިފާންގަނޑު ފެނިފައި ހުއްޓުން އެރީ އެވެ. ހުރިހާ އެއްޗެއް ދޫކޮށްލާފައި ދަރިންކޮޅު ގޮވައިގެން ގެއިން ނިކުމެވޭތޯ ބެލިޔަސް އޭނާއަށް އެކަން ކާމިޔާބެއް ނުވެ އެވެ.

"އަޅުގަނޑުމެން އެންމެ ކުޑަ ކުއްޖާ އުރާލައިގެން ނިކުތްއިރު މެދަށް ހުރި ކުއްޖާގެ އަތުގައި ހިފައިގެން ނިކުންނަން އުޅުނީ. އެކަމަކު ދޮރުގައި ހިފާފައި ހުރި އަލިފާންގަނޑު ފެނިފައި އޭނާ އަތުން ދޫކޮށްލާފައި ފަހަތަށް ޖެހިގަތީ. އަޅުގަނޑުގެ ބޮލަށް ވެސް އެ ގަޑީގައި ނާދޭ ކުޑަކުއްޖާ ނެރެފައި އެތަނަށް ދެން ނުވަދެވޭނެ ކަމެއް. އަޅުގަނޑަށް ނިކުމެވުނީ،" ހަޔާތުގެ އެންމެ ބިރުވެރި ދުވަހު ކަންތައްވީ ގޮތް އައިޝަތު ކިޔައިދޭން ފެށި އެވެ.

އައިޝަތުގެ ފަހަތުން އޭނާގެ އެންމެ ދޮށީ ދަރި ވެސް ދުވެފައި ނިކުތެވެ. އެކަމަކު މެދަށް ހުރި ކުއްޖާ އަލިފާންގަނޑުގެ ތެރޭގައި ތާށިވީ އެވެ. މުޅި ގެ އަނދާއަޅިއަށް ވަމުންދިޔައިރު އޭނާއަށް ކެތްނުވީ އެތަނުގެ ތެރޭގައި ކުއްޖާ ތާށިވެފައި ހުރުމުންނެވެ. ދޮރުގައި އަލިފާން ރޯވެފައި އޮއްވާ އެތަނުގެ ތެރެއަށް ވަންނަން ވެސް އެތައް ފަހަރަކު މަސައްކަތްކުރި އެވެ. އެކަން ކާމިޔާބު ނުވެ އުޅެނިކޮށް އެތަނަށް ހޭނެތިގެން ވެއްޓުނީ އެވެ.

"އަޅުގަނޑުމެން ހަޅޭ ލަވާ އަޑަށް މީހުންތައް އައިސް ނިއްވާލަން އުޅުނު. ކުއްޖާ ތާށިވެފައި ހުރިކަން އެނގިގެން އެ މީހުން ވެސް ވަންނަން އުޅުނު. އަޅުގަނޑަކަށް ދެންވީ ގޮތެއް ނޭނގެ. އެތަނަށް ހޭނެތިގެން ވެއްޓުނީ،" ފެންކަޅިވެފައި އިނދެ އޭނާ ބުންޏެވެ.

ހޭއެރިއިރު މުޅި ގެ އަނދައި އަޅިއަށްވެ، އެކި ތަންތަނުން އޮތީ ކަނޑައިގެން ގޮސްފަ އެވެ. ގޭގައި ބޭނުންކުރެވޭނެ އެއްޗެއް ނެތެވެ. މުޅި ދިރިއުޅުން އަނެއްކާ ވެސް މައިންބަފައިންގެ ގެއަށް ބަދަލުކުރަން މަޖްބޫރުވި އެވެ.

"ފިރިމީހާ ރިސޯޓު މަސައްކަތްކޮށްގެން ފައިސާ އެއްކޮށްގެން ގެ ހަދައިގެން ބަދަލުވީ. އެކަމަކު މިއަދާ ހަމައަށް ވެސް އެތަން ރޯކޮށްލީ ކޮން ބައެއް ކަމެއް ވެސް ނޭނގޭ،" މުޅި ދިރިއުޅުން ބަދަލުވީ ބަޔަކު ކުރި ކަމެއްގެ ސަބަބުން ކަމަށް ތުހުމަތުކޮށް އޭނާ ބުންޏެވެ.

އެ ހާދިސާގައި ހަމައެކަނި "ނިކަމާގެ" އަނދާ އަޅިއަށްވީކީ ނޫނެވެ. އައިޝަތު މޮޔަކޮށްލީ އެވެ. ގައިގެ އެތަން މިތަން ފިހި، މަސް ދުވަސް ވަންދެން އޭނާ އެނދުމަތިވެފައި އޮތީ އެ ހާދިސާގައި އޭނާއަށް ލިބުނު ނަފްސާނީ އަނިޔާގެ ބޮޑުކަމުންނެެވެ.

މަސް ދުވަސް ވަންދެން އެނދުމަތީގައި އޮތީ. އަޑެއް އިވުނަސް ބިރުގަނޭ. މީހުންގެ ތެރެއަށް ނިކުންނަން ޖެހިލުންވި. ސްކޫލު ދޮށަށް ކުދިން ލާންވެސް ނުދަން އެހެންވެ. އަޅުގަނޑަށް ހީވަނީ މީހާ އެެހާ ބޮޑަށް ހަނދާން ނެތޭ ގޮތް ވާން ފެށީ ވެސް އެކަމުގެ ސަބަބުންހެން، -- އައިޝަތު

ގައިގައި އެއްވެސް ހިތްވަރެއް ނެތަސް އޭނާއަށް އެނދުން ތެދުވާން ޖެހުނީ ދަރިންގެ "ޝަކުވާތަކާ" ހެދި އެވެ. އޭރު ހަތް އަހަރުން ދަށުގެ ތިން ކުދިންނެވެ. އެ ކުދިން ބޭނުންވާ ކަންކަން ނުވެ، އެންމެ ޝަކުވާތައް ބޮޑުވެ އައިޝަތަށް ވިސްނުނީ އެނދުގައި ކިތަންމެ ދުވަހަކު އޮތަސް ފަރުވާއެއް ނެތް ކަމެކެވެ.

"އަޅުގަނޑު ހިތަށް އެރީ އެނދުގައި މިހެން ކިތަންމެ ދުވަހަކު ވެސް އޮވެވިދާނެއޭ. އެކަމަކު ދަރިންގެ ހައްގުގައި ކޮންމެވެސް ކަމެއް ކުރަން ޖެހިއްޖެއޭ. އެހެންވެ އެންމެ ފަހުން ތެދުވެ މަސައްކަތްތައް ކުރަން ފެށީ،"

ހިތްދަތިކަމުން ތެދުވެ ލިބާހުގެ މަސައްކަތަށް

އެކި މަސައްކަތްތައް ކުރަމުންގޮސް ލިބާސް ހެދުމުގެ މަސައްކަތުގެ ތެރެއަށް އައިޝަތަށް ވަދެވުނީ ސްކޫލަށް ގެންދަން ލިބާހެއް ހޯދުމަށް މުޅި ރަށުގައި ހިނގައިގެން ވެސް ހެޔޮވަރު ލިބާހެއް ނުލިބުމުންނެވެ. އެންމެ ފަހުން އަމިއްލަ އަށް ލިބާހެއް ހަދާނީއޭ ހިތާ އެ މަސައްކަތް ފެށިޔަސް އޭނާ ހުރީ މިހާރު އެކަން ދޫކޮށްލާ ގޮތަކަށް ނޫނެވެ.

"މާމައަކީ ލިބާސް ހެދި މީހެއް. މާމަ ނިޔާވުމުގެ ކުރިން އަޅުގަނޑަށް މާމަ ކިޔައިދިން މީ މިވެނި ކަމަކަށް ބޭނުންކުރާ އެއްޗެކޭ. މިހެންނޭ ހަދާނީ. ދެން ފުރަތަމަ ލިބާސް ހެދީ އެ ކިޔައިދިން އެއްޗަކުން އެނގޭތޯ ބަލަން ވެގެން. އެ ލިބާސް އެންމެނަށް ވެސް ކަމުދިޔައިމަ އެ މަސައްކަތް ކުރަން ފެށީ،" އޭނާ ބުންޏެވެ.

ގާތްގަނޑަކަށް 10،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީގައި އައިޝަތަކީ ރަށުގައި މި މަސައްކަތުގައި އުޅޭ ދެތިން މީހުންގެ ތެރެއިން އެކަކެވެ. ލިބާސް ފަހާއި އޭގެ ބޯވަޅު ހެދުމުގެ ކަވި މަސައްކަތުގައި އޭނާ އުޅޭއިރު މިއިން އެންމެ ލިބާހެއް ހެދުމަށް ވެސް ހަފްތާއެއްހާ ދުވަހު އޭނާ މަސައްކަތްކުރަން ޖެހެ އެވެ.

ކަސަބު ބޯވަޅުގެ މަސައްކަތްކުރަން އައިޝަތު ގެންގުޅޭ ބައެއް ސާމާނު--

ކަސަބު ބޯވަޅުގެ މަސައްކަތްކުރަން އައިޝަތު ގެންގުޅޭ ބައެއް ސާމާނު--

އައިޝަތުގެ ގާތުން މިކަން ބައެއް މީހުން ދަސްކޮށްފައި ވެސް އެބަ ހުއްޓެވެ. ގިނަ ބަޔަކަށް މިކަން ދަސްކޮށްދޭން ބޭނުންވިޔަސް އޭނާގެ އަތުގައި ބޯވަޅު ހެދުމަށް ބޭނުންވާ ސާމާނެއް ނެތެވެ. ބޯވަޅު ގަތަން ބޭނުންކުރާ އެންމެ ދޭތި އިނުމުން އެ މަސައްކަތް ފުޅާކޮށް ކުރިއަށް ނުގެންދެވުނަސް އޭނާގެ ގާތަށް މިކަން ދަސްކުރާ ހިތުން އަންނަ މީހުންނަށް އެކަން ކޮށްދޭން އޭނާ ހުރީ ތައްޔާރަށެވެ.

ލިބާސް ހަދަމުން ދިޔަ ދުވަސް މީހުން ނިޔާވެ، މިހާރު ވެސް އެކަން އުވިދާނެ ކަމުގެ ބިރު ބޮޑުވެފައި އޮތުމާ އެކު އެކަން ޒުވާން ކުދިން ދަސްކޮށްގެން އާމްދަނީ ހޯދުމުގައި އުޅޭތަން ދެކެން އޭނާ ވެސް ބޭނުންވެ އެވެ.

ލިބާހުގެ ވިޔަފާރީގެ ތެރެއިން ދިރިއުޅުން ކޮޅަށް ޖެހުމަށް އޭނާ މަސައްކަތްކުރަމުން އަންނައިރު އަދި އަދަށް ވެސް އަނދާ އަޅިއަށްވި ގޭގެ މަސައްކަތުން ސަލާމަތެއް ނުވެ އެވެ. އޭގެ ހަތް އަހަރު ފަހުން ގޭ އަލުން އިމާރާތްކޮށްފައި ހުއްޓަސް ފިނިޝިންގެ މަސައްކަތް އަދި ނުނިމެ އެވެ. ދިރިއުޅުމުގެ އުފާވެރިކަމާއި ހަމަޖެހުން ނުލިބުނަސް އައިޝަތަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބިރުވެރިކަމުން ސަލާމަތްވެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހިތްހަމަޖެހުމެވެ.