Roadha Mihaaru
ކަސަބް ލިބާހުގެ ކަވި މަސައްކަތުގައި ދެމައިން

ކަސަބް ލިބާހުގެ ކަވި މަސައްކަތުގައި ދެމައިން: ބޭނުމަކީ މިކަން އުވިގެން ނުދިއުން!

08 މާޗް 2022

އިހުގައި ދިވެހި އަންހެނުން ލައި އުޅުނު ލިބާހުގައި ހުންނަ ގޮތަށް ބޯވަޅުގައި ރަން ކުލައިގެ ރޮދިން ފަށުވާފައި ހުންނަ ކަވި މަސައްކަތުގައި މިއީ ނަމޫނާ ދެ އަންހެނުންނެވެ. ގދ. ގައްދޫ، މަރިޔަމް އިސްމާއިލް އާއި އޭނާގެ ދޮށީ އަންހެން ދަރިފުުޅު އައިޝަތު އަފީފާ އަކީ ރާއްޖޭގައި ކަސަބު ލިބާހުގެ މަސައްކަތްކުރާ މަދު އާއިލާތަކުގެ ތެރެއިން އެއް އާއިލާގެ ދެމައިންނެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިހުގައި ދިވެހި އަންހެނުން ލައި އުޅުނު ލިބާހުގައި ހުންނަ ގޮތަށް ބޯވަޅުގައި ރަން ކުލައިގެ ރޮދިން ފަށުވާފައި ހުންނަ ކަވި މަސައްކަތުގައި މިއީ ނަމޫނާ ދެ އަންހެނުންނެވެ. ގދ. ގައްދޫ، މަރިޔަމް އިސްމާއިލް އާއި އޭނާގެ ދޮށީ އަންހެން ދަރިފުުޅު އައިޝަތު އަފީފާ އަކީ ރާއްޖޭގައި ކަސަބު ލިބާހުގެ މަސައްކަތްކުރާ މަދު އާއިލާތަކުގެ ތެރެއިން އެއް އާއިލާގެ ދެމައިންނެވެ.

މަރިޔަމް، 79، "މިހާރު" އަށް ބުނި ގޮތުގައި އޭނާ އުމުރުން އެންމެ 18 އަހަރުން ފެށިގެން ކަސަބު ލިބާހުގެ މަސައްކަތުގައި އުޅެމުން އަންނައިރު އެ މަސައްކަތް ދަސްކުރީ އޭނާގެ މަންމަ ގާތުންނެވެ. މިއަދު މަންމަ ދުނިޔޭގައި ނެތަސް މަންމަގެ މަސައްކަތް މަރިޔަމް ކުރިއަށް ޖައްސާލަމުން އަންނައިރު އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ މަސައްކަތުގައި އޭނާގެ ދޮށީ އަންހެން ދަރިފުޅުގެ ބައިވެރިވުން އޮތުމެވެ.

"މަންމަ ދަސްކުރީ މަންމަގެ މަންމަ ކައިރިން. އަޅުގަނޑު މަންމަ ކައިރިން ދަސްކުރީ. އަޅުގަނޑުގެ ހުންނާނެ އެންމެ އަންހެން ކުއްޖެއް. އެ ކުއްޖާއަށް ވެސް މި މަސައްކަތް އެނގޭނެ،" ފަހުރުވެރިކަމާ އެކު އަފީފާ ބުންޏެވެ.

"ދައްތަ ނެތް ދުވަހު ވެސް އެ މަސައްކަތް ކުރަން އެނގޭ ދަރިއަކު ހުރީމަ ވަރަށް އުފާވޭ،"

އަފީފާގެ އަންހެން ދަރިއަށް މި މަސައްކަތް އެނގުނަސް އޭނާ އަށް ވުރެ ބޮޑަށް މިކަމުގެ ތެރޭގައި އުޅެނީ މަރިޔަމް އާއި އަފީފާ އެވެ.

މަރިޔަމް އިސްމާއިލް އާއި އޭނާގެ ދަރިފުޅު އަފީފާ، ގަތާފައި ބޭނުންކޮށްގެން ކަސަބު ބޯވަޅު ހަދާނެ ގޮތް މީހަކަށް ކިޔައިދެނީ-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

މަރިޔަމް އިސްމާއިލް އާއި އޭނާގެ ދަރިފުޅު އަފީފާ، ގަތާފައި ބޭނުންކޮށްގެން ކަސަބު ބޯވަޅު ހަދާނެ ގޮތް މީހަކަށް ކިޔައިދެނީ-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

އުމުރުން ދުވަސްވެފައި އިނަސް މިހާ ކަވި މަސައްކަތެއްގައި އުޅެން މަރިޔަމްގެ މޫނު މަތިން އެއްވެސް މިންވަރަކަށް ފޫހިކަމެއް ނުފެނެ އެވެ. ގޮނޑިއެއްގައި އިށީންދެލައިގެން ކުރިމަތީގައި ހުރި މޭޒުގައި ގަތާފައި ބައިންދާލައިގެން ބަރަނިތައް އެގޮތް މިގޮތަށް ކުޅެމުން މަރިޔަމް އެދަނީ ވަރަށް ފަރިތަކޮށެވެ. ހަމަ އެންމެ ބޭނުމެއްގަ އެވެ؛ އޭނާގެ މަންމަމެން ކުރި ބުރަ މަސައްކަތް އުވިދިޔަ ނުދިނުމުގައި އޭނާގެ ބައިވެރިވުން ބާއްވާށެވެ.

ވަރަށް ކުރާ ހިތުން ބޯވަޅު ހެދުމާއި ލިބާހުގެ މަސައްކަތް މަރިޔަމް ކުރަމުން އަންނައިރު އޭނާ ލަނީ ވެސް އަމިއްލައަށް ހަދަފައިވާ ލިބާސްތަކެވެ.

މިއީ ވަރަށް ކެރޭ ކުޅަދާނަ ބަޔަކަށް ނޫނީ ނުކުރެވޭ ކަހަލަ މަސައްކަތެކެވެ. އެއް ދުވަހުން ނިންމާލެވޭ ވަރަށް ވުރެ މާބޮޑަށް ވެސް ބުރަ މަސައްކަތެކެވެ.

މިހާރު މަރިޔަން އާއި އޭނާގެ ދަރިފުޅު މި މަސައްކަތް ކުރަނީ ބަހާލައިގެންނެވެ. މަރިޔަމް ލިބާހެއްގެ ބޯވަޅު ގަތާއި ނިންމާލުމުން ލިބާސް ފަހައި ބޯވަޅު ހަރުކުރުމުގެ މަސައްކަތް ކުރަނީ އަފީފާ އެވެ. މިގޮތަށް މަސައްކަތްކުރާއިރު ވެސް ލިބާހެއްގެ މަސައްކަތް ނިންމާލުމަށް މަހެއްހާ ދުވަސް ހޭދަވަނީ ލިބާހުގެ ބޯވަޅު ހެދުމަށް އެތައް ދުވަހެއް ހޭދަވާތީ ކަމަށް މަރިޔަމް ބުންޏެވެ.

ވަކި ގޮތަކަށް ބަރަނިތައް ބަހައްޓައިގެން ވަރަށް ފަށުވިކޮށް ކުރާ މި މަސައްކަތަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް ކުޅަދާނަ ބަޔަކަށް ނޫނީ ނުކުރެވޭނެ މަސައްކަތެކެވެ. ބޯވަޅުގައި އަމުނާ ކޮންމެ އެމުންޏަކުން ކިޔައިދެނީ އެ ވާހަކަ އެކެވެ. މިއީ ފިސާރަ ބަޔަކަށް ނޫނީ ނުކުރެވޭނެ ކަމެއްކަން "ފަތްތޫރަ" ގައި ކަސަބު ބޯވަޅު ގެތުމާ ގުޅޭ ގޮތުން ލިޔެފައިވާ ވާހަކަތަކުން ވެސް އެނގެ އެވެ.

މަރިޔަމް އިސްމާއިލް އާއި އޭނާގެ ދަރިފުޅުގެ މަސައްކަތް-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

މަރިޔަމް އިސްމާއިލް އާއި އޭނާގެ ދަރިފުޅުގެ މަސައްކަތް-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ކަސަބު ލިބާހުގެ މަސައްކަތުގައި މަރިޔަމްގެ ނަން މުޅި ރާއްޖޭގައި މަޝްހޫރުވިއިރު މި މަސައްކަތްކުރާ ގޮތް ކިޔައިދޭން ރިސޯޓުތަކަށް ވެސް މަރިޔަމް އަށް ދާންޖެހެ އެވެ. އަދި އެކި މައުރަޒުތަކުގައި ވެސް އޭނާގެ ހުނަރު އަންނަނީ ދައްކާލަމުންނެވެ.

"އެންމެން ވެސް މި މަސައްކަތް ދަސްކުރަން ބޭނުމީ. މަށަށް އެނގޭ އެއްޗެއް ވިއްޔާ ކޮންމެ މީހަކު އަޔަސް މަ ކިޔައިދޭނަން. ދަަސްކޮށްދޭނަން. އެކަމަކު މިހާރު ކުދިން ނޫޅޭ މިކަން ކުރާ ހިތަކުން"

ދިވެހިންގެ ހުނަރާއި ފަންނުވެރިކަން މިއިން ކޮންމެ ބޯވަޅަކުން ދައްކުވައިދޭއިރު މަރިޔަން އިނީ މި މަސައްކަތް ޒުވާނުންނަށް ކިޔައިދޭން ކެތްމަދުވެފަ އެވެ. އެކަމަކު އެކަމުގެ ޝައުގާ އެކު އޮޅުންފިލުވަން އަންނާނެ މީހަކު ނެތުމުގެ ހިތާމަ އެބައޮތެވެ.

އެންމެ 18 އަހަރުގައި ފެށި ގޮތަށް މި މަސައްކަތް މުސްކުޅިވި ދުވަހު ވެސް ހުއްޓާ ނުލައި މަރިޔަމް އެ ހުރީ މިއީ އުވިިފައިވާ ކަމަކަށް ވިޔަ ނުދޭން އޭނާ ކުރިން ހުރި ފޯރީގަ އެވެ.

"އެންމެން ވެސް މި މަސައްކަތް ދަސްކުރަން ބޭނުމީ. މަށަށް އެނގޭ އެއްޗެއް ވިއްޔާ ކޮންމެ މީހަކު އަޔަސް މަ ކިޔައިދޭނަން. ދަަސްކޮށްދޭނަން. އެކަމަކު މިހާރު ކުދިން ނޫޅޭ މިކަން ކުރާ ހިތަކުން،" އޭނާ ބުންޏެވެ.