Roadha Mihaaru
ކޭންގެ ދެ ލަނޑާ އެކު ޓޮޓެންހަމް ކުރިއަށް

ކޭންގެ ދެ ލަނޑާ އެކު ޓޮޓެންހަމް ކުރިއަށް

29 އޯގަސްޓް 2022

ލަންޑަން (އޮގަސްޓް 28) - އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭންގެ ދެ ލަނޑާއެކު ޓޮޓެންހަމް ހޮޓްސްޕާ އިން 2-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮގަސްޓް 28) - އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭންގެ ދެ ލަނޑާއެކު ޓޮޓެންހަމް ހޮޓްސްޕާ އިން 2-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފި އެވެ.

އަލަށް ޕްރޮމޯޓްވި ފޮރެސްޓުން ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލި ވެފައި ވާއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު ވަނީ އެއްވަރު ކޮށްފަ އެވެ. ނަމަވެސް ޓޮޓެންހަމުން މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ބަލި ނުވާއިރު، ތިން މެޗު ކާމިޔާބު ކޮށްފައިވެ އެވެ.

ފޮރެސްޓުން ވެސް ގިނަ ހަމަލާތަކެއް ފޮނުވާލި މި މެޗުގައި ކޭން ޓޮޓެންހަމަށް ލީޑު ނަގައިދިނީ، ޑިޔާން ކުލުސެވްސްކީ ދިން ޕާހެއް އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. އަދި ދެ ވަނަ ލަނޑު 81 ވަނަ މިނިޓުގައި ޖަހައިދިނީ ރިޗާލިސަން ހުރަސްކޮށްދިން ބޯޅައެއް ގޯލު ކުރިމަތީ ހުހަށް ހުރެ ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

މިއީ ކޭން އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހި 187 ވަނަ ގޯލެވެ. މިއާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިފައިވާ އެންޑީ ކޯލްއާ އެއްވަރު ކޮށްފަ އެވެ. ކޭން 285 މެޗު ކުޅެގެން މި އަދަދަށް ލަނޑު ޖެހި ނަމަވެސް ކޯލް ވަނީ 414 މެޗު ކުޅެފަ އެވެ.

ޓޮޓެންހަމްގެ ދެވަނަ ލަނޑު ޖެހުމުގެ ކުރިން އެޓީމަށް ވަނީ ޕެނަލްޓީ އެއް ވެސް ލިބިފަ އެވެ. ކޭން ފޮނުވާލި އެ ޕެނަލްޓީ ދިފާއުކުރީ ފޮރެސްޓުގެ ގޯލްކީޕަރު ޑީން ހެންޑަސަން އެވެ. ހެންޑަސަން ވަނީ މި މެޗުގައި ޓޮޓެންހަމުން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ. ފޮރެސްޓުން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އަށް ދިފާއު ކުރަން ޖެހުނީ އެންމެ ހަމަލާއެކެވެ. ޓޮޓެންހަމްގެ ޑިފެންޑަރުން ވަނީ ފޮރެސްޓުން ފޮނުވާލި ގިނަ ހަމަލާތަކެއް ބްލޮކް ކޮށްފަ އެވެ.

ފޮރެސްޓުން ވަނީ ސްޕެއިންގެ އެތުލެެޓިކޯ މެޑްރިޑުން އެޓީމުން ލޯނު އުސޫލުން ގެނައި ބްރެޒިލްގެ ވާތުބެކް ރެނަން ލޯޑީ ސަޕޯޓަރުންނަށް ދައްކާލައިފަ އެވެ. ލޯޑީ އަކީ އެ ޓީމުން މި ސީޒަނުގައި ގެނައި 18 ވަނަ ކުޅުންތެރިޔާ އެވެ. ޓޮޓެންހަމުން ވަނީ އެޓީމަށް ކުޅޭ ސްޕެއިންގެ ވާތުބެކް ސާގިއޯ ރެގީލޯން، ލޯނު އުސޫލުން އެތުލެޓިކޯ މެޑްރިޑަށް ދޫކޮށްލަން އެއްބަސްވެފަ އެވެ.

އެސްޓަން ވިލާ ބަލިކޮށް ވެސްޓް ހޭމް އަށް ފުރަތަމަ މޮޅު

ޕްރިމިއާ ލީގުގައި ވެސްޓް ހޭމް އިން ވަނީ މިރޭ 1-0 އިން އެސްޓަން ވިލާ ބަލިކޮށް ލީގުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.

މެޗުގެ 74 ވަނަ މިނިޓުގައި ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޕަބްލޯ ފޯނަލްސް އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އެ ބޯޅައަށް ހުރަސް އަޅަން ހުރި ޑިފެންޑަރު ފައިގައި ޖެހިފައި ކީޕަރު ބޯ މަތިން ގޮހެވެ.

ވެސްޓް ހޭމްގެ ފޯނަލްސް (ވ) ލަނޑު ޖެހުމުން އެސްޓަން ވިލާގެ ގޯލްކީޕަރު އެމީ މާޓިނޭޒް މާޔޫސް ވެފައި. -- ފޮޓޯ: އޭއެފްޕީ

ވެސްޓް ހޭމްގެ ފޯނަލްސް (ވ) ލަނޑު ޖެހުމުން އެސްޓަން ވިލާގެ ގޯލްކީޕަރު އެމީ މާޓިނޭޒް މާޔޫސް ވެފައި. -- ފޮޓޯ: އޭއެފްޕީ

މިއީ ޑޭވިޑް މޮޔެސްގެ ކޯޗުކަމުގައި ވެސްޓް ހޭމް މި ސީޒަނުގެ ލީގުގައި މޮޅުވި ފުރަތަމަ މެޗެވެ. ފުރަތަމަ ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ.

ސްޓީވަން ޖެރާޑުގެ އިރުޝާދުގެ ދަށުން ކުޅުނު އެސްޓަން ވިލާ އިން ފަހު ވަގުތު ނަތީޖާ އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. މިހާތަނަށް އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައި ވާއިރު، މޮޅުވީ އެންމެ މެޗަކުންނެވެ.

ނިއުކާސަލް ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް ފޮނުވާލައިގެން މެޗުގެ 38 ވަނަ މިނިޓުގައި ވުލްވްސް އަށް ލީޑު ނަގައިދިނީ ކެޕްޓަން ރުބެން ނެވޭސް އެވެ. އަދި ނިއުކާސަން އިން އެއްވަރުކުރީ 90 ވަނަ މިނިޓުގައި އެލަން ސެއިންޓް-މެކްސިމިން ޖަހައިދިން ލަނޑުންނެވެ. އަރިމަތިން އެރި ނިއުކާސަލްގެ ޖޭކޮބް މާފީ އަތުން ބޯޅަ ހޯދައި ވުލްވްސްގެ ފޯވާޑް ހްވަންގް ހީ-ޗަން ކްލިއާ ކޮށްލަން ޖައްސާލި ބޯޅަ ޑީ އޭރިއާ ތެރޭގައި ހުރި ސެއިންޓް-މެކްސިމިން ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.

ނިއުކާސަލް އިން އެއްވަރު ކުރުމުގެ ކުރިން ވުލްވްސް އިން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ އޭގެ ކުރިން ވުލްވްސް ކުޅުންތެރިއަކު، ނިއުކާސަލް ކުޅުންތެރިއަކަށް ފައުލް ކުރި ކަމަށެވެ. މެޗުގެ އިތުރު ވަގުތުގައި ނިއުކާސަލް އިން ނެގި ކޯނަރަކުން ފޮނުވާލި ހަމަލާއެއް ގޯލު ހުރަސް ދަނޑީގައި ޖެހުނު އިރު، އެންމެ ފަހު ސިކުންތުގައި އޭރިއާ ރޮނގު މަތިން ލިބުނު ހިލޭޖެހުން ގޯލާ އަމާޒެއް ނުކުރެވުނެވެ.