Roadha Mihaaru
70 ކިލޯ ޑްރަގް: ދައުވާ އަނބުރާ ގެންގޮސްފި

އީރާނު ބޯޓުން ގެނައި 70 ކިލޯ ޑްރަގް: ދައުވާ އަނބުރާ ގެންގޮސްފި

10 މާޗް 2022

ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރިން އަތުލައިގަތް އީރާނުގެ ބޯޓަކުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރި ބިދޭސީންގެ ބައި ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރިން އަތުލައިގަތް އީރާނުގެ ބޯޓަކުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރި ބިދޭސީންގެ ބައި ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

އޮކްޓޫބަރު، 2019 ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރިން އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯ ޑްރަގް ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ހިތަދޫ ކޯޒީކޯނާ އަލީ އަންވަރު މުހައްމަދާއި ބަންގްލަދޭޝާއި އީރާންގެ ބަޔަކަށެވެ. އޭގެ ތެރެއިން އަންވަރަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ. އެއީ މަސްތުވާތަކެތި ފެނުނު ބޯޓު ދިވެހި ސިފައިން ހިފެހެއްޓުމުގައި ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް އަމަލުކޮށްފައި، ބޯޓު ރާއްޖެއަށް ވައްދާފައިވާތީ އެވެ.

ޕީޖީ އޮފީހުން ދެން ތިބި މީހުންގެ ބައި ވެެސް އަނބުރާ ގެންދިޔައީ ތަހުގީގުގައި ހުރި ގޯސްތަކުގެ ސަބަބުން އަންވަރުގެ ބައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން ނިިންމާފައި އޮތުމުން ކަމަށެވެ.

"ބިދޭސީންގެ ބައި ވެސް ކޯޓުގައި ދެން އިތުރަށް ކުރިއަށް ނުގެންދެވޭނެތީ މައްސަލަ އަނބުރާ ގެނެސްފައި ޕޮލިހަށް ވާނީ ފޮނުވާލާފައި." ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުވާލިބުނު ގިނަ ބިދޭސީން ވެސް މިހާތަނަށް ތިބީ ބަންދުގަ އެވެ. މައްސަލަ އަނބުރާ ގެނައުމާ އެކު، އެ މީހުން ބަންދުން ދޫކޮށްލަން ޖެހޭނެ އެވެ.

އީރާނުގެ ބޯޓުތަކުގައި މީގެކުރިން ވެސް ބޮޑެތި އަދަދުތަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވެ އެވެ. ކުރިން އީރާނު ބޯޓެއްގައި 50 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައެއް ވެސް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ބޭރުކޮށްލީ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ދިވެހި ސިފައިން އެ ބޯޓު ހިފަހައްޓާފައިވާތީ އެވެ.