Roadha Mihaaru
9 ކިލޯ ޑްރަގް މައްސަލާގައި 3.7 މިލިއަން ހޯދަނީ

ނުވަ ކިލޯ ޑްރަގް މައްސަލާގައި ދައުވާކޮށް 3.7 މިލިއަން ދައުލަތަށް ނަގަން ކޯޓުގައި އެދެފި

31 މާޗް 2020

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ހައްޔަރުކުރި މީހުންގެ ތެރެއިން އަށް މީހަކަށް ދައުވާކޮށް، އަދި 3.7 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދޭން އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ހައްޔަރުކުރި މީހުންގެ ތެރެއިން އަށް މީހަކަށް ދައުވާކޮށް، އަދި 3.7 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދޭން އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 10 ގެއަކާއި ވެހިކަލްތަކެއް ބަލައި، ފާސްކޮށް ނުވަ ކިލޯގެ ހެރޮއިން އަތުލައިގަނެ، ނުވަ މީހަކު ހައްޔަރުކުރި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ހައްޔަރުކުރި މީހުން ތެރެއިން ގދ. ހޯޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނު އާއި އެރަށު މެޓްރިޓްހައުސް، އަހުމަދު ގިޔާސާއި މއ. ވައިލެޓްމާގޭ އަސްލަމް ނާޒިމާއި ލ. ކަލައިދޫ މަތަރަސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މ. ދާރުލްގަރާރު އިސްމާއިލް ވިޝާލް އަދި ޅ. ނައިފަރު މިސްކިތްދޮށުގޭ އަހުމަދު އިމްސާހްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލާގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ތުހުމަތު ކުރެވޭ 3.7 މިލިއަން ރުފިޔާ ދައުލަތަށް ނަގައި ދިނުމަށް ވެސް އެ މައްސަލާގައި އެދިފައިވާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އެ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއިރު، އޭގެ ތެރެއިން އަރުޝަދު ފިޔަވައި ދެން ތިބި އެންމެން ބަންދުގައި ބަތިއްބަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އަރުޝަދު ބަންދުން ދޫކޮޮށްލަން އަމުރު ކުރުމުން އެ ނިންމުން މުރާޖާ ކުރަން ދައުލަތުން އެދުމުން އެކަމާ މެދު ގޮތެއް މިއަދު ނިންމަން އިތުރު އަޑުއެހުމެއް ބާއްވަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، މިމަހު ފުލުހުން ވަނީ 61 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ބަޔަކު ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ވެސް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.