Roadha Mihaaru
ބީއެމްއެލް އިން މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި

ބީއެމްއެލް އިން 34 މީހަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި

13 މާޗް 2022

ހިނގާބިނގާވެ އުޅެން ދަތި 34 މީހަކަށް ބީއެމްއެލް އިން މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހިނގާބިނގާވެ އުޅެން ދަތި 34 މީހަކަށް ބީއެމްއެލް އިން މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި އެވެ.

ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވީލްޗެއާ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފެށީ 2017 ވަނަ އަހަރު އެވެ. އެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 170 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ހަދިޔާކޮށްފަ އެވެ.

ބީއެމްއެލުން ނެރުނު ބަޔާނެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއީ ފަހުރުވެރިވާ ޕްރޮޖެކްޓެއް ކަމަށާއި އެކަމުގެ ފައިދާ މުޅި ރާއްޖެއަށް ވެސް ކުރާ ކަމަށެވެ.

މިފަހަރު ވަނީ ރާއްޖޭގެ 20 ރަށެއްގެ މީހުންނަށް ވީލްޗެއާ ހަދިކޮށްފަ އެވެ.

"އަޅުގަނޑުމެން މި ޕްރޮގްރާމް ފެށީ ދިވެހިރާއްޖޭގައި މިފަދަ ވީލްޗެއާގެ ބޭނުންޖެހިފައިވާ ކޮންމެ މީހަކަށް ވީލްޗެއާއެއް ހަދިޔާކުރުމުގެ އަމާޒުގައި. މި އަމާޒަށް ވާސިލްވުމަށް ކުރެވެމުންދާ މަސައްކަތާ މެދު އަޅުގަނޑުމެން ފަހުރުވެރިވޭ. މި ވީލްޗެއާގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އެ މީހަކު އިހްތިޔާރުކުރާ ފަދަ އުފެއްދުންތެރި އަމިއްލަ މިނިވަން ދިރުއުޅުމެއް އުޅުމުގެ ފުރުސަތު ލިބިދޭ،" ޓިމް ވިދާޅުވި އެވެ.

ބޭންކުން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކި ޕްރޮގްރާމްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިދިޔަ ޑިސެންބަރު މަހު ބޭންކުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތު ޑިސޭބިލިޓީސް ގެ "ހެލްތީ ޕީޑަބްލިއުޑީސް ޕްރޮގްރާމް" ހިންގުމަށް 100،000ރ. ވެސް ހަދިޔާކޮށްފަ އެވެ.