Roadha Mihaaru
ބީއެމްއެލްގެ އެހީ މިފަހަރު ގއ. އަތޮޅު މަދުރަސާއަށް

ބީއެމްއެލް އިން ގއ. އަތޮޅު މަދުރަސާއަށް އާރުއޯ ދެ މެޝިން

12 އެޕްރީލް 2021

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ސާފު ބޯފެނުގެ ހިދުމަތް ދިނުމަށް ދެ އާރުއޯ މެޝިން ބަހައްޓައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ސާފު ބޯފެނުގެ ހިދުމަތް ދިނުމަށް ދެ އާރުއޯ މެޝިން ބަހައްޓައިފި އެވެ.

ގއ. ކޮލަމާފުށީގައި ހުންނަ މި ސްކޫލުގައި އެ ބޭންކުން ވަނީ އާރުއޯ މެޝިނުގެ އިތުރުން ތިން ވޯޓާ ޑިސްޕެންސަރުވެސް ބަހައްޓައިފަ އެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅީ އެ ރަށުގެ "ކޮލަމާ" ޖަމިއްޔާއިން ނެވެ.

އެ ޖަމިއްޔާގެ މެމްބަރެއް ކަމަށްވާ ޝާމާ ތައްހާން ބުނީ އެ ރަށު ސްކޫލުގައި ޑީސެލިނޭޓެޑް ފެން ހުންނާތީ ދަރިވަރުންނާއި ޓީޗަރުން މިހާތަނަށް ބޭނުން ކުރަނީ ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން ކަމަށެވެ. އެހެންކަމުން އާރުއޯ މެޝިންތައް ބެހެއްޓުމުން ޕްލާސްޓިކް ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް އޭނާ ބުންޏެވެ.

"ސްކޫލުގައި މިހާރު ބޭނުންކުރާ ފެނަކީ ޑީސަލިނޭޝަން ފެން ކަމުން މިފެނުގެ ރައްކާތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޔަގީން ކަމެއް ނޯވޭ. އެހެން ކަމުން މި ބޭނުން ކުރަނީ އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި" ޝާމާ ބުންޏެވެ.

"އަދި މިކަމުގެ ސަބަބުން ދިރާސީ އަހަރެއްގެ ތެރޭގައި ގާތްގަޑަކަށް 16،500 ޕްލާސްޓިކް ފުޅި އުކާލެވޭ."

ކޮމިއުނިޓީ ފަންޑުގެ އެހީގައި ގއ. އަތޮލޫ މަދުރަސާގައި ބެހެއްޓި އާރުއޯ މެޝިންތައް-- ފޮޓޯ: ބީއެމްއެލް

ކޮމިއުނިޓީ ފަންޑުގެ އެހީގައި ގއ. އަތޮލޫ މަދުރަސާގައި ބެހެއްޓި އާރުއޯ މެޝިންތައް-- ފޮޓޯ: ބީއެމްއެލް

މި ޕްރޮޖެކްޓުގެ ދަށުން ކޮލަމާ ޖަމިއްޔާއިން ވަނީ ކޮންމެ ދަރިވަރަކަށާއި މުވައްޒަފަކަށް ރިޔޫސެބަލް ފުޅިއެއް ހަދިޔާ ކޮށްފަ އެވެ. އަދި މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ޕްރޮޖެކްޓަކަށް ހެދުމަށް އެ ޖަމިއްޔާއިން ވަނީ އާރުއޯ މެޝިންތަކާއި ޑިސންޕެންސަރުތަކުގެ މެއިންޓެނެންސް މަސައްކަތާ ވެސް ހަވާލުވެފަ އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.