Roadha Mihaaru
މެޗުން މޮޅުވުމުން ޕީއެސްޖީ ސަޕޯޓަރުންކުރީ ފުރައްްސާރަ

މެޗުން މޮޅުވުމުން ވެސް ޕީއެސްޖީގެ ސަޕޯޓަރުން ކުރީ ފުރައްސާރަ

14 މާޗް 2022

ޕެރިސް (މާޗް 13) - ފްރެންޗް ލީގްގައި ޕީއެސްޖީން އަމިއްލަ ދަނޑުގައި 3-0 އިން ބޯޑޯ ބަލިކުރި މެޗުގައި، ޕީއެސްޖީގެ ސަޕޯޓަރުން އެ ޓީމުގެ ލިއޮނެލް މެސީ އާއި ނޭމާ އަށް ފުރައްސާރަ ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (މާޗް 13) - ފްރެންޗް ލީގްގައި ޕީއެސްޖީން އަމިއްލަ ދަނޑުގައި 3-0 އިން ބޯޑޯ ބަލިކުރި މެޗުގައި، ޕީއެސްޖީގެ ސަޕޯޓަރުން އެ ޓީމުގެ ލިއޮނެލް މެސީ އާއި ނޭމާ އަށް ފުރައްސާރަ ކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ ރެއާލް މެޑްރިޑް އަތުން ބަލިވެ، ޕީއެސްޖީ ޔޫއެފާ ޗެމްޕިއަންސް ލީގުން ކެޓި މެޗަށް ފަހު ވެސް އެ ޓީމުގެ ސަޕޯޓަރުންގެ ފުރައްސާރަ ލިބުނު ކުޅުންތެރިންގެ ތެރޭގައި ވެސް މެސީ އާއި ނޭމާ ހިމެނުނެވެ.

ޕީއެސްޖީން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 24 ވަނަ މިނިޓުގައި ޖޯޖީނިއޯ ވައިނާލްޑަމް ދިން ބޯޅައަކުން ކިލިއަން އެމްބާޕޭ އެވެ. އަދި ދެވަނަ ލަނޑު 52 ވަނަ މިނިޓުގައި ޖަހައިދިނީ އަޝްރަފް ހަކީމީ ދިން ބޯޅައަކުން ނޭމާ އެވެ. މި ދެ ގޯލުގެ ބިލްޑްއަޕް ގައި މެސީ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު 61 ވަނަ މިނިޓުގައި ޖެހީ ލިއޮނާޑޯ ޕަރޭދޭސް އެވެ. މި ނަތީޖާ އާއެކު ޕީއެސްޖީ ވަނީ ލީގް ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅުނު 28 މެޗުން ޕީއެސްޖީ އަށް 65 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ނީސް އަށް ލިބުނީ 50 ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގްގައި ރެއާލް އަތުން ބަލިވި މެޗަށް ފަހު، ހިންގި ކަންތަކާ ގުޅިގެން އެ ޓީމުގެ ބައެއް ސަޕޯޓަރުން ވަނީ ޓީމުގެ ރައީސް ނާސިރު އަލް ޚަލައިފީ އާއި ސްޕޯޓިން ޑިރެކްޓަރު ލިއެނާޑޯ އަރައުހޯގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ.

ޔޫރަޕްގެ ބައެއް މީޑިއާތަކުން ބުނިގޮތުގައި މި ސީޒަނަށް ފަހު ޚަލައިފީ އާއި ލިއެނާޑޯ ޓީމު ދޫކޮށްލާނެ އެވެ. އެމްބާޕޭ ވެސް އަންނަ ސީޒަނުގައި ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައި ވާއިރު، ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވެސް ޓީމު ދޫކޮށް އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވާން އުޅޭ އަޑު ވެސް ވަނީ ގަދަވެފަ އެވެ.

މެޗަށް ފަހު، ކޯޗު ޕޮޗެޓީނޯ ބުނީ ޗެމްޕިއަންސް ލީގްގެ ގަދަ 16 އިން ކެޓުމުން ސަޕޯޓަރުންގެ ހިތްދަތިކަން މި ނޫން ގޮތަކަށް ފާޅުނުކުރެވޭނެ ކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ސަޕޯޓަރުންނާއި ކުޅުންތެރިން ވެސް ތިބީ މާޔޫސް ވެފައި ކަމަށެވެ.

"މެސީ އާއި ނޭމާ އެކަނިތަ؟ އަހަރެމެން އެންމެންނަށް ވެސް އެ މެޗުން ބަލިވެގެން އަސަރުކުރި. ސްޕޯޓަރުންނަށް ކުރާނެ އަސަރާއި މާޔޫސް ވާނެ ވަރު އަހަރެމެންނަށް ވެސް އިހުސާސް ކުރެވޭ. އެކަމަކު އަހަރެމެންނަކީ ޒިންމާދާރު ބައެއް. އަހަރެމެންނަށް އޮތީ ޓީމެއްގެ ގޮތުގައި އެކަން ބަލައިގަނެ އެއްބައެއްގެ ގޮތުގައި ތިބުން،" ޕޮޗެޓީނޯ ބުންޏެވެ.

ޕީއެސްޖީގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ ބުނީ، ބަލިވުމުން އެކި ފަރާތްތަކުން ނަފްރަތު ލިބޭނެކަން އެނގޭ ކަމަށާއި ޓީމެއްގެ ގޮތުގައި އޮވެ މެޗުން ބަލިވުމުން ވަކި ކުޅުންތެރިއަކު ގޯސް ކޮށްގެން ނުވާނެ ކަމަށެވެ. އަދި މި ސީޒަނުގައި ކުރެވެން އޮތްހާ ވެސް ކަމަކީ މާޒީގައި ވި ކަންތައް ހަނދާނުން ފޮހެލައި، ލީގް ކާމިޔާބުކުރަން މަސައްކަތް ކުރުން ކަމަށެވެ.

މިހާތަނަށް ހަތް ފަހަރު ބޮލޮންޑިއޯ ހާސިލް ކޮށްފައިވާ އާޖެންޓީނާގެ ލިއޮނެލް މެސީ 34، ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އޮގަސް މަހު، ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ވަނީ މި ސީޒަނުގައި ޕީއެސްޖީ އަށް ކުޅެދިން 25 މެޗުގައި ހަތް ގޯލު ޖަހައި 11 ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.