Roadha Mihaaru
ކޮވިޑް ޖެހޭ މީހުން މަދުކުރެވޭތޯ ދެން ނުބަލާނެ

ކޮވިޑް ޖެހޭ މީހުން މަދުކުރުމުގެ ބަދަލުގައި ދެން ބަލާނީ ބަލީގައި ބޮޑުވަރުވާ މީހުން މަދުކުރުމަށް

13 މާޗް 2022

ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވާލުމާ އެކު ދެން މަސައްކަތްކުރާނީ ކޮވިޑް ޖެހޭ މީހުން މަދުކުރުމުގެ ބަދަލުގައި އެ ބަލީގައި ބޮޑުވަރުވާ މީހުން މަދުކުރުމަށް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވާލުމާ އެކު ދެން މަސައްކަތްކުރާނީ ކޮވިޑް ޖެހޭ މީހުން މަދުކުރުމުގެ ބަދަލުގައި އެ ބަލީގައި ބޮޑުވަރުވާ މީހުން މަދުކުރުމަށް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މާޗް 12، 2020 ގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ އެކު ދެން އަމަލުކުރާނެ ގޮތުގެ މައުލޫމާތުދޭން ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިމޫނާ ވިދާޅުވީ މި ހާލަތުގައި ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ އަމާޒު ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ކޮވިޑް ޖެހޭ މީހުން ސީދާ މަދުކުރުމުގެ ބަދަލުގައި ދެން މަސައްކަތް ކުރާނީ ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި ބަލި ޖެހިގެން އެޑްމިޓްކުރާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި އަމާޒަކަށްވާނީ އެކަންކަމަށް އިސްކަންދީގެން މަސައްކަތްކުރުން،" ދެ އަހަރު ފަހުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ދެއްވި ޕްރެސް ކޮންފަރެންސްގައި މައިމޫނާ ވިދާޅުވި އެވެ.

ސިއްހީ ބޭފުޅުންގެ ލަފާގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވުމަކީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި މައިމޫނާ ވިދާޅުވީ ބަލީގެ ކުރީކޮޅު ރާއްޖެއަށް ވެކްސިން ލިބި ގިނަ ބަޔަކު ވެކްސިން ޖަހާފައިވާ ކަމަށެވެ. މިހާތަނަށް ރާއްޖެއިން 82 ޕަސެންޓް މީހުން ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށާއި ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 31 ޕަސެންޓް މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ވޭތުވެދިޔަ ފަސް ހަފްތާގައި އެ އަދަދު ހުރީ އެެއް ޕަސެންޓްގައި ކަމަށް އޭނާ ވިދާޅުވި އެވެެ.

މައިމޫނާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ކޮވިޑަށް ފަރުވާދޭން ތައްޔާރަށް ކަމަށާއި ރަށްރަށުގައި ވެސް ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކޮވިޑަށް ފަރުވާދޭން އިތުރު ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމަށާއި އެގޮތުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފެސިލިޓީގައި 272 އެނދު ބަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންކަމަކީ ކުރިއަށް އޮތް ތަނުގައި ވެސް ކޮވިޑް-19 ގެ އިތުރު ސާޖެއް ނުވަތަ އިތުރު ރާޅެއް އައި ކަމުގައި ވިޔަސް ފަސޭހަކަމާ އެކު ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނުތާ ކައިރީގައި ޓެސްޓްކުރެވުނީ ދުވާލަކު އެންމެ 200 އެއްހާ ސާމްޕަލް ނަމަވެސް މިހާރު ހަމައެކަނި މާލޭގައި 8،000-9،000 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަތޮޅުތަކުގައި ވެސް ކޮވިޑަށް ފަރުވާދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.