Roadha Mihaaru
ވެކްސިން ފުރިހަމަނުކުރިޔަސް ކަރަންޓީންވާން ދެން ނުޖެހޭނެ

ކޮވިޑް ވެކްސިން ފުރިހަމަ ނުކުރިޔަސް ކަރަންޓީންވާކަށް ދެން ނުޖެހޭނެ

13 މާޗް 2022

ކޮވިޑް ވެކްސިން ފުރިހަމަނުކުރާ ނަމަ ރަށްރަށަށް ދަތުރުކުރާއިރު ކަރަންޓީންވާން ޖެހޭ ގޮތަށް އޮތް އުސޫލް އުވާލައި ބޮޑެތި ލުއިތަކެއް މިރޭ ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް ވެކްސިން ފުރިހަމަނުކުރާ ނަމަ ރަށްރަށަށް ދަތުރުކުރާއިރު ކަރަންޓީންވާން ޖެހޭ ގޮތަށް އޮތް އުސޫލް އުވާލައި ބޮޑެތި ލުއިތަކެއް މިރޭ ދީފި އެވެ.

ރާއްޖޭގައި މީގެ ދެ އަހަރުކުރިން، މާޗު، 12، 2020 ގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިރޭ އުވާލުމަށް ފަހު އެޗްޕީއޭ އިން ވަނީ ގިނަ ލުއިތަކެއް ދީފަ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ފިޔަވަޅަކީ މާސްކް އެޅުން މަޖުބޫރުކުރި ނިންމުން އުވާލުމަށް ފަހު އެއީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލުމެވެ.

އެޗްޕީއޭ އިން ދިން އިތުރު ލުއިތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖެއިން ބޭރުން އަންނަ މީހުން ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ބަދަލުކުރުމެވެ. ކުރިން އޮންނަ ގޮތުން ބޭރުން އަންނަ ދިވެހިން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހެ އެވެ. އެކަމަކު އެކަން ވެސް ވަނީ މިރޭ އުވާލައިފަ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާާޅުވީ ރާއްޖެއިން ބޭރުން އަންނަ ހުރިހާ އެންމެންނާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ވެސް ޕީސީއާރު ޓެސްޓް ހަދާކަށް ދެން ނުޖެހޭނެ ކަމަށެވެ.

"މީގެ ދުވަސްކޮޅެއް ކުރިން ގެނައި ބަދަލު، ވެކްސިން ނުޖަހާ މީހުން ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަަމަށް. އެކަމަކު މިއަދުން ފެށިގެން އެެއްވެސް މީހަކު ރާއްޖެއަށް އައުމުގެ ކުރިން ޕީސީއާރު ހަދާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އެގޮތަށް އުސޫލު އާންމުކުރިޔަސް ނަޒްލާ އެދިވަޑައިގަތީ ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކޮވިޑްގެ އަލާމަތް ހުންނަ ނަމަ، ޓެސްޓްކުރުމަށެވެ. އެ މީހުން އެންޓިޖެން ޓެސްޓް ހެދިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.

ކުރިން އޮންނަ ގޮތުން ވެކްސިން ފުރިހަމަނުކުރާ ނަމަ ރަށްރަށަށް ގޮސް ކަރަންޓީނުވާން ޖެހެ އެވެ. އެކަމަކު ނަޒްލާ ވިދާޅުވީ ވެކްސިން ފުރިހަމަ ނުކުރިޔަސް ދެން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.

އެ ލުއިތައް ދިން ނަމަވެސް ކޮވިޑް ޖެހޭ މީހުން އަދިވެސް ކަރަންޓީނުވާން ޖެހޭނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ގިނަ ފިޔަވަޅުތަކަކަށް ލުއި ދިން ނަމަވެސް މި ހާލަތުގައި ދެން އަމަލުކުރާނެ ގޮތުގެ ޕްލޭންތައް އެކުލަވާލަފައިވާ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.