Roadha Mihaaru
ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއެއް ދުވާފަރުގައި

ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއެއް ދުވާފަރުގައި ހަދަނީ

21 ޑިސެމްބަރ 2016

ރ. ދުވާފަރުގައި 15 މިލިއަން ރުފިޔާ ހަރަދު ކޮށްގެން، ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއެއް ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރ. ދުވާފަރުގައި 15 މިލިއަން ރުފިޔާ ހަރަދު ކޮށްގެން، ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއެއް ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއީ މާލެ ފިޔަވައި އެހެން ރަށެއްގައި ފެން ކުންފުނިން ގާއިމު ކުރާ ފުރަތަމަ ފެން ބަންދުކުރާ ކާރުހާނާ އެވެ.

ކާރުހާނާ ގާއިމުކޮށް ހިދުމަތް ދިނުމަށް ބޭނުންވާ ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީން ވަނީ ދުވާފަރު ކައުންސިލާއެކު ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ފެން ކުންފުނިން ފަޒުލް ސޮއި ކުރެއްވި އިރު، ދުވާފަރު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވި ނައިބު ރައީސް އައިމިނަތު ރިޒްނާ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ދުވާފަރުގައި ކާރުހާނާ ގާއިމު ކުރާނެ ބިން ކަނޑައަޅައި، ޑިޒައިންގެ މަސައްކަތް ނިމި އެ ތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އެތަން ހެދުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް، ފެން އުފައްދާ ކާރުހާނާ ހަދަން 15 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް، ފެން އުފައްދާ ކާރުހާނާ ހަދަން 15 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

"މިއީ ހަމައެކަނި ދުވާފަރަށް އަމާޒުކޮށްގެން ގާއިމުކުރާ ބޮޓްލިން ޕްލާންޓެއް (ފެން އުފައްދާ ކާރުހާނާއެއް) ނޫން. އެއީ ރ. އަތޮޅުގެ ހުރިހާ ރަށްތަކަށް އެ ކަމުގެ ފައިދާ ކުރާނެ (ކާރުހާނާއެއް). "މިކަމުން ޒުވާނުންނަށް އިތުރު ވަޒީފާތަކެއް ވެސް އުފެދިގެން ދާނެ،" ފަޒުލް ވިދާޅުވި އެވެ.

ދުވާފަރުގައި ގާއިމުކުރާ ކާރުހާނާ:

- ގަޑިއަކު 6000 ފުޅި ބަންދު ކުރެވޭނެ

- ކާރުހާނާ ގާއިމު ކުރަނީ 10،000 އަކަ ފޫޓުގެ ބިމެއްގައި

- އެމްޑަބްލިއުއެސްސީން މިކަމަށް 15 މިލިއަން ރުފިޔާ އިންވެސްޓްކުރޭ

ފަޒުލް ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް ލިބޭ ތަރުހީބަށް ބަލާފައި ކުރިމަގުގައި ފެން ފުޅި އުފެއްދޭވަރު އިތުރު ކުރާނެ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ކާރުހާނާތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

"އިތުރު ޕްލާންޓެއް ބަހައްޓަން ޖެހުނަސް، ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ލިބުނު ބިމުގައި ޕްލާންޓެއް ބެހެއްޓޭނެ، އެވަރުގެ ސްޓޯރޭޖެއް ވެސް ހުންނާނެ،" ފަޒުލް ވިދާޅުވި އެވެ.

ދުވާފަރު ކައުންސިލުން ބުނީ ކާރުހާނާ ގާއިމު ކުރުމަކީ ދުވާފަރުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. މިކަމުގެ ފައިދާ ދުވާފަރުގެ އިތުރުން މުޅި އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ލިބިގެންދާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.