Roadha Mihaaru
ފެން ކުންފުނީގެ ހިދުމަތް ދޭ އައު އިމާރާތެއް ހުޅުވައިފި

ފެން ކުންފުނީގެ ހިދުމަތް ދިނުމަށް އައު އިމާރާތެއް ހުޅުވައިފި

12 ނޮވެމްބަރ 2018

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ ޚިދުމަތް ދިނުމަށް އާ އިމާރާތެއް މިއަދު ހުޅުވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ ޚިދުމަތް ދިނުމަށް އާ އިމާރާތެއް މިއަދު ހުޅުވައިފި އެވެ.

އަމީނީ މަގުގައި ހުންނަ އެމްޑަބްލިޔުއެސްސީގެ މައި އިމާރާތާ ޖެހިގެން ހަދާފައިވާ މި އިމާރާތް ހުޅުވީ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

މި އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒުލް ރަޝީދު ވިދާޅުވީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ފެންވަރު ރަނގަޅު ހިދްމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ހުޅުވުނު އާ ދޮރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ކަސްޓަމަރުންނާއި އެމްޑަބްލިޔުއެސްސީއާ ދެމެދު ކުރި އަށް ވުރެ ވެސް ގާތް އަދި ރަޙްމަތްތެރި މާހައުލެއް ގާއިމުކުރުމަށް ހުޅުވާލެވިގެންދާ އިތުރު ދޮރެއް،" ފަޒުލް ވިދާޅުވި އެވެ.

މި އިމާރާތުގެ ތިރީ ބުރީގައި ފެން ބިލު ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. އަދި މީގެ އިތުރުން އަމިއްލަ އަށް ހިދުމަތް ހޯދޭ "ސެލްފް ސާވިސް ކިއޯސްކް"އެއް ވެސް ތިރީ ބުރީގައި ހުރެ އެވެ. މި ކިއޯސްކްގެ އެހީގައި، އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން، ހިދުމަތް ހޯދުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ކަންތައް ކުރިއަށް ދަނީ ކިހިނެއްކަން ވެސް ބަލާލެވޭނެ އެވެ. އަދި ބިލްތަކުގެ މައުލޫމާތާއި އިމަޖެންސީ ހާލަތެއްގައި ގުޅާނީ ކޮން ފަރާތަކަށްކަން ކިޔައިދިނުމުގެ އިތުރުން، އެ ކުންފުނީގެ ހިދުމަތްތަކާ ދޭތެރޭ ހިތްހަމަނުޖެހޭ ނަމަ ޝަކުވާ ވެސް ހުށަހެޅޭނެ އެވެ.

މި އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި، ފެނާއި ނަރުދަމާގެ ހިދުމަތްތަކާއި، ކަސްޓަމަރުން ބޭނުންވާ އިތުރު މައުލޫމާތު ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭނެ އެވެ.

މި އާ އިމާރާތުން ބިލަށް ފައިސާ ދެއްކުމުގެ ހިދުމަތާއި ކަސްޓަމާ ސާވިސްގެ ހިދުމަތް ލިބޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު ފަހު 3:00 އަށެވެ. އެހެނިހެން ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ހިދުމަތް ހަވީރު ހަތަރެއް ޖަހަން ދެން އެތަނުން ފޯރުކޮށްދޭނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި މި އިމާރާތުން ހިދުމަތް ދިން ކަމުގައި ވިޔަސް، އެ ކުންފުނީގެ ބިލްތަކަށް ފައިސާ ދެއްކުމަށް ހުޅުވާފައިވާ އެހެން ތަންތަނުން އަދި ވެސް އެ ހިދުމަތް ލިބޭނެ އެވެ. އަދި އެ ކުންފުނީގެ މޮބައިލް އެޕް މެދުވެރިކޮށް ވެސް ފަސޭހަ ކަމާއެކު ބިލްތަކަށް ފައިސާ ދެއްކޭނެ ކަމަށް އެ ތަނުން ބުންޏެވެ.