Roadha Mihaaru
އަނަސްގެ މަރުގެ މައްސަލަ މަޖިލީހުގެ ތިން ކޮމެޓީއަކަށް

އަނަސްގެ މަރުގެ މައްސަލަ މަޖިލީހުގެ ތިން ކޮމެޓީއަކަށް

08 އޯގަސްޓް 2017

ވަޅި ހަރައި މަރައިލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ބެލުމަށް އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ތިން ކޮމެޓީއަކަށް އިއްޔެ ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވަޅި ހަރައި މަރައިލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ބެލުމަށް އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ތިން ކޮމެޓީއަކަށް އިއްޔެ ހުށަހަޅައިފި އެވެ.

ހަށިގަނޑުގެ 37 ތަނަކަށް ވަޅިން ހަމަލާދީ އަނަސް މަރައިލި މައްސަލައިގައި ކަމާ ގުޅޭ މުއައްސަސާތަކުގެ އިސް ވެރިންނާ ބައްދަލު ކުރެއްވުމަށް ހުށަހެޅީ މަޖިލީހުގެ ސަލާމަތުގެ ކޮމެޓީއަށާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އަށް މެމްބަރުންނަކީ އެމްޑީޕީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި ގަމު ދާއިރާގެ ފައްޔާޒް އިސްމާއިލާއި އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހާއި ޖުމްހޫރީ ޕާޓީގެ ކެޔޮދޫ ދާއިރާގެ މޫސާ ނިޒާރާއި ތޮއްޑޫ ދާއިރާގެ އިބްރާހިމް ހަސަނެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް މަރާލާފައި ވަނީ، މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓަ އެވެ. ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް މަރައިލި އިރު، އޭނާ ދިޔައީ އަލަތު ކައިވެންޏަށް ތައްޔާރުވަމުންނެވެ.

އަނަސް އަށް އިންސާފު ހޯދައި އެކަމުގައި ޝާމިލްވާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލައި މީދޫގައި ގިނަ ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ. އަނަސްގެ ގާތިލުން އެންމެންގެ ލޯތަކަށް ހާމަވެ، އަނަސް އަށް އިންސާފު ލިބެން ބޭނުންވާ ކަމަށް އޭނާގެ ބައްޕަ އަބްދުއްރާފިއު ވަނީ ބުނެފަ އެވެ.

އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމުގައި ބައިވެރިވީ ކިތައް މީހުން ކަމެއް އަދި އެ މީހުންގެ ނަމެއް، ފޮޓޯއެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.