Roadha Mihaaru
މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަނީ

މަޖިލިސް މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

17 މާޗް 2022

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި މިހާރުގެ މެންބަރުންނާއި އަދި މިހާރުގެ މެންބަރުންގެ އާއިލާ އަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި މިހާރުގެ މެންބަރުންނާއި އަދި މިހާރުގެ މެންބަރުންގެ އާއިލާ އަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއި، ފިނޭންސް އިން ކުރި އިއުލާނުގައި ބުނީ މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވުމަށް  500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އެ ފައިސާ ބަލައިގަންނާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހު 29 ގެ ނިޔަލަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000ރ. ވެސް ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. ބީލަން ހުޅުވުން އޮންނާނީ މި މަހު 31 ގަ އެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކުރި އިރު، މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖަލިސް ޖަލްސާގައި ވަނީ އެ މަޖިލީހުގައި ކުރިން މެމްބަރުކަން ކުރެއްވި ބޭފުޅުންނަށް ގާނޫނުގައި ލާޒިމްކޮށްފައިވާ ފަދަ އިންޝުއަރެންސް ސްކީމެއް އެ ބޭފުޅުން ޕްރިމިއަމް ދައްކަވައިގެން ނަމަވެސް އަނބިން/ފިރިން އަދި 18 ނުފުރޭ ދަރިންނަށް ހަމަޖައްސައިދޭން އެދުނަސް، އެ ހުށަހެޅުން ފާސްނުކޮށްދީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ.

ކުރީގެ މެމްބަރަކު ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން އާއްމު ކޮމިޓީން މަޝްވަރާކުރުމަށް ފަހު އެދުނީ އެކަމާ މެދު މަޖިލީހުން ގޮތެއް ނިންމެވުމަށެވެ. ބަހުސްގައި ގިނަ މެމްބަރުން ދެކޮޅު ހެއްދެވުމަށް ފަހު ވޯޓުގައި ނިންމީ ވެސް އެކަން އެގޮތަށް ކުރިއަށް ނުގެންދިއުމަށެވެ. އެގޮތަށް ފާސްވީ އެ ދުވަހު މަޖިލީހަށް ހާޒިރުވި 40 މެމްބަރުންގެ ތެރެއިން 26 މެމްބަރުން ވޯޓުންނެވެ.

މެމްބަރުކަން ކުރެއްވި 400 މެމްބަރުންނަށް މިހާރު ވެސް އިންޝުއަރެންސް ފޯރުކޮށްދެ އެވެ. މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ބާރުތަކުގެ ގާނޫނުގައި ވަނީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ އެވެ. އެކަމަކު އޭގެ ތެރޭގައި އަނބިން/ފިރިން 18 އަހަރު ފުރޭ ދަރިން ނުހިމެނެ އެވެ.