Roadha Mihaaru
ފްލެޓްގެ ކުލި ކުޑަކުރުމާ މެދު އޮތީ ކުރީގެ ނިންމުން

ފްލެޓްގެ ކުލި ކުޑަކުރުމާ މެދު އަދިވެސް އޮތީ ކުރީގެ ނިންމުން

23 މާޗް 2022

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ މަހު ކުއްޔަށް ސަރުކާރުން ކަނޑައަޅާފައިވާ 7،500ރ. އަށް ބަދަލު ގެންނަން އެދުނަސް އެކަމުގައި ސަރުކާރުން ކުރިން ގޮތެއް ނިންމާފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ މަހު ކުއްޔަށް ސަރުކާރުން ކަނޑައަޅާފައިވާ 7،500ރ. އަށް ބަދަލު ގެންނަން އެދުނަސް އެކަމުގައި ސަރުކާރުން ކުރިން ގޮތެއް ނިންމާފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުލި ދެއްކުން މިހާރު ވެސް ހަތް މަސް ދުވަހަށް ފަސްކޮށްދީފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން އެޗްޑީސީގައި އެދެން ފްލެޓް ލިބުނު މީހުން އަންނަނީ ސޮއި ހޯދަމުންނެވެ. އެކަމާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން ސުހައިލް ވިދާޅުވީ ފްލެޓްގެ ކުއްޔަށް ބަދަލެއް ގެނައުމަށް ފްލެޓް ލިބުނު މީހުންގެ ފަރާތުން އަދި ސިޓީ ހުށަނާޅާ ކަމަށެވެ.

"އަދި މިތަނަކަށް [އެޗްޑީސީއަށް ހުށަހެއް ނާޅާ ބަދަލު ގެންނާކަށް. އަޅުގަނޑަށް ވެސް ހަބަރުތަކުން ފެނުނީ ކުޑަކޮށްދޭން އެދޭ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

ފްލެޓް ކުއްޔަށް ބަދަލެއް ގެނެވޭނެތޯ ސުވާލުކުރުމުން ސުހައިލް ވިދާޅުވީ ފްލެޓްގެ ކުއްޔަށް ބަދަލު ނުގެނެވޭނެ ކަމަށް ސަރުކާރާއި އެޗްޑީސީން ވެސް މާކުރިން ނިންމާފައިވާ ކަމަށެވެ.

"މި ކުލި ކުޑަކުރެވެން ނެތް ކަމަށް އޮތީ ނިންމާފައި،" ސުހައިލް ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންގެ އަދަދު ބަލައި އެތަނުގައި ރަނގަޅުކުރަން ހުރި ކަންކަމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ސާވޭއެއް ވެސް ކުރަމުން އަންނަ ކަމަށެވެ. އެތަނުގައި މީހުންނަށް ދިމާވެފައިވާ ދަތިތައް ހޯދުމަށް ފަހު ކުލި ފަސްކުރުމާ މެދު ގޮތެއް ނިންމަން ޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

އެކަަމަކު މިހާރު އޮތް ގޮތުން އަންނަ މަހުން ފެށިގެން ފްލެޓުން ކުލި ނަގަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްލެޓް ކުލި ކުޑަކޮށްދޭން އެދި ފްލެޓް ލިބުނު މީހުން ކުރިން މުޒާހަރާ ކުރުމުން ސަރުކާރުން އޭރު ވަނީ ތިން ފަހަރެއްގެ މަތިން ފްލެޓް ކުލި ފަސްކޮށްދީފަ އެވެ. އެތަންތަނުގެ ކުލި ކުޑަކޮށްދޭން ކުރިން ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.

އެކަމަކު ކުރިން ސުހައިލް ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެވެން ނެތް ކަމަށެވެ.

ސުހައިލް ވިދާޅުވި ގޮތުގައި ކުލި ކުޑަކުރެވެން ނެތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުން ކޮމާޝަލް ރޭޓެއްގައި ލޯނެއް ނަގައިގެނެވެ. ސަރުކާރުން އޭރު ލޯނު ނަގާފައިވަނީ އަށް ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި 20 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. އެހެންވެ އެ އަގަށް ކުލި ނަގައިގެން ނޫން ގޮތަކަށް ލޯނު އަނބުރާ ނުދެއްކޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

ފްލެޓް އަޅަން ނެގި ލޯނުގެ އިންޓްރެސްޓް 6.7 ޕަސެންޓަށް ކުޑަކޮށް ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު 25 އަހަރަށް އިތުރުކޮށް މި ސަރުކާރުން ނިންމީ، 7،500ރ. މަހު ކުލީގެ ގޮތުގައި ނެގުމަށެވެ. އެކަމަކު މިއީ ފިނިޝިން ނުނިންމާ ހަވާލުކުރާ ފްލެޓްތަކަކަށް ބަލާއިރު ބޮޑު އަގެއް ކަމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. އަދި އެ އަގާ އެކު ސާވިސް ފީގެ ގޮތުގައި 1،000ރ. މަހަކު ދައްކަން ޖެހެ އެވެ. ކުލި ބޮޑުވެގެން އެ މީހުން ޝަކުވާކުރަނީ ފްލެޓްތަކުގެ މަސައްކަތް އެކީ ނުނިންމާ ހަވާލުކުރުމަށް ފަހު އެހާ ބޮޑު އަދަދެއް ކުއްޔަށް ނަގާތީ އެވެ. ފިނިޝިން ނިންމައި ކުރިން ހަވާލުކުރި ފްލެޓްތައް ވެސް ހިޔާ ފްލެޓަށް ވުރެ ހެޔޮކޮށްދީފައި ހުރުމުންނެވެ.