Roadha Mihaaru
ފުޓުބޯޅައިގެ ގަދަބާރު އިޓަލީ ވޯލްޑް ކަޕުން ކަޓައިފި

ފުޓުބޯޅައިގެ ގަދަބާރު އިޓަލީ ވޯލްޑް ކަޕުން ކަޓައިފި

25 މާޗް 2022

ރޯމް (މާޗް 25) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ސެމީގައި ނޯތު މެސެޑޯނިއާ އަތުން 1-0 އިން ބަލިވެ ޔޫރަޕުގެ ޗެމްޕިއަން އިޓަލީ، މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުން ކަޓައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރޯމް (މާޗް 25) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް ސެމީގައި ނޯތު މެސެޑޯނިއާ އަތުން 1-0 އިން ބަލިވެ ޔޫރަޕުގެ ޗެމްޕިއަން އިޓަލީ، މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުން ކަޓައިފި އެވެ.

މިއީ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީއަށް ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުން ޖެހިޖެހިގެން ފުރުސަތު ގެއްލުނު ދެ ވަނަ ފަހަރެވެ. ރަޝިޔާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް އިޓަލީ ނުކުޅެ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ޖާގަ ގެއްލުނީ ޕްލޭއޮފްގައި ސްވިޑަން އަތުން ބަލިވެގެންނެވެ.

ރޮބާޓޯ މަންޗިނީގެ ފުޓުބޯޅަ ކޯޗިން ކެރިއަރުގެ އެންމެ ހިތްދަތި ވަގުތުކޮޅަކަށްވީ މެޗުގެ ފުރިހަމަ ވަގުތު ވެސް ހަމަވި ފަހުން، 92 ވަނަ މިނިޓުގައި ނޯތު މެސެޑޯނިއާގެ އެލެކްސަންޑާ ޓްރަޖްކޯސްކީ ޖަހައިދިން ލަނޑެވެ. އޭނާގެ އެ ލަނޑާ އެކު ނޯތު މެސެޑޯނިއާގެ ކުޅުންތެރިންނާއި ބެންޗުން އުފާފާޅުކުރަން ފެށި އެވެ. އަދި އިޓަލީ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކަކޫ މައްޗަށް ދޫވެގެން ތިރިވި އެވެ.

މިދިޔަ އަހަރު ވެމްބްލީގައި ކުޅުނު ޔޫރޯ 2020 ފުޓުބޯޅަ މުބާރާތް، އިންގްލެންޑް ބަލިކޮށް، އިޓަލީ އަށް ކާމިޔާބުކޮށް ދިނުމުން މަންޗިނީއަކީ ގައުމީ ބަތަލަކަށްވި އެވެ. އަދި 2018 ގެ ވޯލްޑް ކަޕުން ކެޓުމުގެ ހިތާމަތަކަށް ހިތްހަމަޖެހުން ގެނެސްދިނެވެ. ނަމަވެސް އިޓަލީގައި ފުޓުބޯޅަ އަށް މަރުދޭ ސަޕޯޓަރުންނަށް މާޔޫސްކަން ގެނުވީ ވޯލްޑް ކަޕަށް އޮޓޮމެޓިކް ކޮލިފިކޭޝަނުގެ ބަދަލުގައި ޕްލޭއޮފަކަށް ނޮވެމްބަރު މަހު ދާންޖެހުމުންނެވެ.

މި ބޮޑު ބައްޔާ އެކު އިޓަލީ މިވަނީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތުން އެންމެ ފަހުގެ ފެނިލުމަށް ފަހު 12 އަހަރުގެ މުއްދަތެއް ވޭތުކޮށްފަ އެވެ. އިޓަލީ އަށް ދެން އޮންނާނީ 2026 ގެ ވޯލްޑް ކަޕުގެ ފައިނަލް ބުރުން ޖާގައެއް ހޯދުމެވެ.

ކޯޗު މަންޗިނީ ކުޅުންތެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ

ކޯޗު މަންޗިނީ ކުޅުންތެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ

"އަހަރެންގެ ފުޓުބޯޅަ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ މިދިޔަ ޖުލައިގައި ޔޫރޯ މުބާރާތް އިޓަލީ އަށް ހޯދައިދިނުން. އެކަމަކު މި ބައްޔަކީ ފުޓުބޯޅައިގައި އަހަންނަށް ކުރިމަތި ކުރުވި އެންމެ ބޮޑު މާޔޫސްކަން. އަހަރެންގެ ކުޅުންތެރިންނާ މެދު ހިތާމަކުރަން. މިއީ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދެއްކޭވަރަށް ވުރެ ވެސް ބޮޑު ހިތާމައެއް،" އިޓަލީގެ ރާއީ ޓީވީގައި ވާހަކަ ދައްކަމުން މަންޗިނީ ބުންޏެވެ. "އަހަރެމެން 40 ޝޮޓް ނަގައި އިދިކޮޅު ޓީމުން އެކެއް ނޫނީ ދެ ޝޮޓް ހެދި މެޗެއްގެ ވާހަކަ ދައްކަން ވަރަށް އުނދަގޫ. އަހަންނަކީ ކޯޗު. ފުޓުބޯޅައިގައި ގޯސްކޮށްދާ ހުރިހާ ކަމެއްގެ ޒިންމާ ނަގާނީ ކޯޗު."

ރޭގެ މެޗުގައި ބޯޅަ ކޮންޓްރޯލްކޮށްގެން 65 ޕަސެންޓް އިޓަލީ ކުޅުނެވެ. އިޓަލީން 32 ޝޮޓް ހެދިއިރު ނޯތު މެސެޑޯނިއާ އަށް ގޯލަށް އަމާޒުކޮށްލެވުނީ އެންމެ ދެ ޝޮޓެވެ. އިޓަލީ އަށް 16 ކޯނަރު ލިބުނެވެ. މެޗު ނިމިގެން ދިޔައީ ނޯތު މެސެޑޯނި އަށް އެންމެ ކޯނަރެއް ވެސް ނުލިބި އެވެ.

ނޯތު މެސެޑޯނިއާ މޮޅުކޮށްދިން ލަނޑު ޖެހި އެކްސަންޑާ (މ) މެޗަށް ފަހު ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ނޯތު މެސެޑޯނިއާ މޮޅުކޮށްދިން ލަނޑު ޖެހި އެކްސަންޑާ (މ) މެޗަށް ފަހު ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ދުނިޔޭގެ ރޭންކިންގެ 67 ވަނައިގައި އޮތް ނޯތު މެސެޑޯނިއާ އިން ޕްލޭއޮފް ފައިނަލުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ޕޯޓޯގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލްއާ އެވެ. ޕްލޭއޮފް ސެމީގައި ތުރުކީ 3-1 އިން ބަލިކުރި ޕޯޗުގަލް ފައިންލް މެޗުން މޮޅުވެއްޖެ ނަމަ ގަތަރު ވޯލްޑް ކަޕުން ކްރިސްޓިއާނޯ ރޮނާލްޑޯ ފެންނާނެ އެވެ.

ފުޓުބޯޅަ އަށް ލޯބިކުރާ ގިނަ ބަޔަކު ކުރިން އުއްމީދުކޮށްގެން ތިބީ ޕްލޭއޮފް ފައިނަލް ވާނީ ދުނިޔޭގެ ރޭންކިންގެ ހަވަނައިގައި އޮތް އިޓަލީ އާއި ޕޯޗުގަލްގެ ކުރިމަތިލުމަކަށް ކަމަށެވެ. ނަމަވެސް އިޓަލީ ކުޅުންތެރިންނަށް މިހާރު ޖެހިފައި ވަނީ ގަތަރު ވޯލްޑް ކަޕުގެ ކުޅިބަލަން ތިބޭށެވެ.