Roadha Mihaaru
އިޓަލީގެ ލެޖެންޑް ޒޮފްގެ އަންގި އަހަރެއްފަހުން ފެނިއްޖެ

އިޓަލީގެ ލެޖެންޑަރީ ކީޕަރު ޑިނޯ ޒޮފްގެ އަންގި ވަގަށްނެގިތާ އަހަރެއް ފަހުން ފެނިއްޖެ

28 ޖެނުއަރީ 2024

ރޯމް (ޖެނުއަރީ 28) - އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ޑިނޯ ޒޮފް، 1982 ގެ ވޯލްޑް ކަޕުގައި ބޭނުން ކުރި އަންގި ވަގަށް ނެގިތާ އަހަރެން ފަހުން ރޯމްގެ މަގުމަތީ ބާޒާރެއްގައި ވިއްކަން ބަހައްޓާފައި ވަނިކޮށް ފެނިއްޖެ އެވެ.

ރޯމް (ޖެނުއަރީ 28) - އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ޑިނޯ ޒޮފް، 1982 ގެ ވޯލްޑް ކަޕުގައި ބޭނުން ކުރި އަންގި ވަގަށް ނެގިތާ އަހަރެން ފަހުން ރޯމްގެ މަގުމަތީ ބާޒާރެއްގައި ވިއްކަން ބަހައްޓާފައި ވަނިކޮށް ފެނިއްޖެ އެވެ.

ސްޕޭނުގައި 1982 ގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިޓަލީ އަށް ހޯދައި ދިނުމުގައި ޒޮފް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ މުބާރާތުގެ އޭނާ ބޭނުން ކުރި އަންގި ވަގަށް ނެގީ، މިދިޔަ އަހަރު ފެބްރުއަރީ މަހު ބޭއްވި ޗެރިޓީ އިވެންޓެއްގެ ތެރެއިން ކާނިވަލެއްގައި ދައްކާލަން ބަހައްޓާފައި ވަނިކޮށެވެ.

ރޯމްގައި ހުންނަ ހިލްޓަން އެއާޕޯޓް ހޮޓެލްގައި ބޭއްވި އެ އިވެންޓްގައި ދައްކާލަން ބަހައްޓާފައި ހުރި އަންގި ހުރި މާލަމުގައި ވެސް އަދި އެ ހޮޓެލްގެ ލޮބީ އޭރިއާގައި ވެސް ކެމެރާ ހަރުކޮށްފައި ހުރެ އެވެ. ނަމަވެސް އެއިން އެއްވެސް ކެމަރާއަކުން ހެކި ލިބިފައެއް ނުވެ އެވެ.

ހޮޓަލުގެ ވަށައިގެން ސެކިއުރިޓީން ތިބި ނަމަވެސް، އިޓަލީގެ ކުރީގެ ކީޕަރަށް ހާއްސަކޮށްފައިވާ ޝޯކޭސްގައި ހުރި އަންގި ގެއްލުމުން، ކަމާބެހޭ ފަރާތްތަކުން އެ އަންގި ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތުން ނަތީޖާއެއް ނުލިބުނެވެ.

އިޓަލީގެ ލަ ގަޒެޓާ ޑެލޯ ސްޕޯޓްސް އިން ބުނި ގޮތުގައި ޒޮފްގެ މަޝްހޫރު އަންގި ފެނިފައި ވަނީ އިއްޔެ ރޯމްގެ ޕޯޓާ ޕޯޓޭސް މަގުމަތީ ބާޒާރުގެ ސްޓޯލެއްގެ ތެރެއިންނެވެ.

އެ އަންގި އަލުން އަނބުރާ އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމަށް ހާއްސަ ކެލެކްޝަނަށް ވަނީ ގެނެސްފަ އެވެ. އަދި އަންނަ މަހު ޖެނޯއާގައި ބާއްވާ ފުޓްބޯޅައިގެ އެހެން މައުރަޒަކަށް ވެސް އެ އެންގި ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އިޓަލީން 1982 ގެ ވޯލްޑް ކަޕް އުފުލާލި އިރު ޒޮފް އަކީ އެ ޓީމުގެ ކެޕްޓަނެވެ. މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބު ކުރި އެންމެ ދުވަސްވަީ ކުޅުންތެރިޔަކީ އޭނާ އެވެ. އަންނަ މަހު 82 އަހަރު ފުރޭ ލެޖެންޑް، އެ މުބާރާތް ކާމިޔާބު ކުރި އިރު އުމުރަކީ 40 އަހަރާއި ހަތަރު މަހެވެ.