Roadha Mihaaru
އިންޒާރު ދީފައި ވަނިކޮށް އިދިކޮޅުން މުޒާހަރާއަށް

ފުލުހުން އިންޒާރުދީފައި ވަނިކޮށް އިދިކޮޅުން މުޒާހަރާ އަށް ނުކުމެއްޖެ

25 މާޗް 2022

މާލޭގައި "އިންޑިއާ އައުޓް" މުޒާހަރާ ނުބާއްވަން ފުލުހުން އިންޒާރު ދީފައި ވަނިކޮށް، އިިދިކޮޅު އިސްވެރިންނާއި ސަޕޯޓަރުން މިއަދު މުޒާހަރާ އަށް ނުކުމެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި "އިންޑިއާ އައުޓް" މުޒާހަރާ ނުބާއްވަން ފުލުހުން އިންޒާރު ދީފައި ވަނިކޮށް، އިިދިކޮޅު އިސްވެރިންނާއި ސަޕޯޓަރުން މިއަދު މުޒާހަރާ އަށް ނުކުމެއްޖެ އެވެ.

އެއްވުން ފެށުމުގެ ކުރިން މެންދުރު ފަހު 2:15 ހާއިރު ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގުގައި ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދާ ދިމާލުން އެ މަގުގެ ދެކޮޅުން ވެހިކަލްތަކަށް ނުދަވެވޭ ގޮތަށް ބެރިކޭޑް ބަހައްޓައިފަ އެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ދަނީ އެތަނާއި އެ ސަރަހައްދާ ކައިރި އެހެން ހިސާބުތަކުގައި ހަރަކާތްތެރިވަމުންނެވެ.

އެ ހަރަކާތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ މީހުން ރަށްރަށުން މިއަދު އައިސްފައިވެ އެވެ.

ޕީޕީއެމުން މާލޭގައި ބާއްވާ "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ބެރިކޭޑުތަކުގެ ފަހަތުގައި ތިބި ބަޔަކު ފުލުހުންނާ ވާހަކަދައްކަނީ.-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމުން މާލޭގައި ބާއްވާ "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ބެރިކޭޑުތަކުގެ ފަހަތުގައި ތިބި ބަޔަކު ފުލުހުންނާ ވާހަކަދައްކަނީ.-- ފޮޓޯ: ޕީޕީއެމް

މުޒާހަރާ ފެށުމުގެ ކުރިން އެ ހަރަކާތް އޮންނަ ސަރަހައްދުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހައްޔަރުކޮށްފައިވެ އެވެ. އޭނާ ހައްޔަރުކުރި ސަބަބެއް ފުލުހުންގެ ބަހެއް ނުލިބޭތީ އަދި ސާފުވާގޮތެއް ނުވެ އެވެ.

އެ އެއްވުމުގައި ބައިވެރިވާ އިދިކޮޅުގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން މަސްވެރިންގެ ޕާކު ކުރިމައްޗަށް ވެސް އެއްވެފައިވެ އެވެ. މަސްވެރިންގެ ޕާކު ކުރިމަތީގައި ތިބި ފުލުހުންގެ ސަފުގެ ކުރިމަތީގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ތިބީ އިށީނދެވަޑައިގެންނެވެ.

"އިންޑިއާ އައުޓް" މުޒާހަރާގައި އިދިކޮޅުގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން މަސްވެރިންގެ ޕާކު ކުރިމަތީގައި އިށީންނަވައިގެން.-- ފޮޓޯ: މިހާރު

"އިންޑިއާ އައުޓް" މުޒާހަރާގައި އިދިކޮޅުގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން މަސްވެރިންގެ ޕާކު ކުރިމަތީގައި އިށީންނަވައިގެން.-- ފޮޓޯ: މިހާރު

އެ އެއްވުމުގައި އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވިޔަސް އަދި އެމަނިކުފާނު މުޒާހަރާއިން ނުފެނެ އެވެ.

ޔާމީން އިސްކޮށް ހުންނަވައި، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ފަށައިގެން އުޅޭ "އިންޑިއާ އައުޓް" ކެމްޕެއިންގެ ބޮޑު އެއްވުމެއް ބާއްވަން ރޭވުމުން ފުލުހުން މިދިޔަ ބުދަ ދުވަހު ބުނީ އެ އެއްވުން ނުބޭއްވޭނެ ކަމަށެވެ. އަދި އެކަން ކުރިއަށް ގެންގޮސްފި ނަމަ ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.

އެ އެއްވުން ނުބާއްވަން ފުލުހުން އަންގާ ސަބަބެއް ކަމަށް އެ އިދާރާ އިން ބުނަނީ ރަށްރަށުން މީހުން ގެނެސްގެން ހަމަޖެހުން ނަގާލުމުގެ ހަރަކާތްތަކެއް ހިންގަން ރާވާފައި ވާތީ އެވެ.

ފުލުހުންގެ އެ ވާހަކަ އަށް ރައްދު ދެއްވައި އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވި ގޮތުގައި ފުލުހުން އަމަލުކުރަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގަވާ ގޮތަކަށް ނޫނެވެ. ފުލުހުން އަމަލުތައް ބަަހައްޓަން ވާނީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ފައިދާ އޮތީ މިވެރިކަން ނިންމައިގެން. މި ރާއްޖެއިން އިންޑިއާ ސިފައިން ބާލައިގެން. ދިވެހި ރައްޔިތުން ބޭނުންވަނީ އިންޑިއާ ސިފައިން ބޭރުކުރަން. އަޅުގަނޑުމެންގެ މިނިވަންކަން ދިފާއުކުރަން،" އަދުރޭ ވިދާޅުވި އެވެ.

އިންޑިއާއިން އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ ހުޅުވައިދެއްވަން ރައީސް މިއަދު ވަޑައިގަންނަވާއިރު، އެއީ ދިވެހި ތާރީހުގައި ވެސް އަންނާނެ އެންމެ ކަަޅު ދުވަހުގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފަ އެވެ.

"އިންޑިއާ އައުޓް" އެއްވުންތަކުގައި ޔަމީން ތަކުރާރުކޮށް ތުހުމަތުކުރައްވަމުން ގެންދަވަނީ، ޕީޕީއެމްގެ ވެރިކަން 2018 ގައި ބަދަލުކުރީ އިންޑިއާ އަޑީގައި އޮވެ ކަމަށާއި ރާއްޖެ އަށް ނުފޫޒު ފޯރުވައި އަޅުވެތިކުރަން މި ސަރުކާރުން ޖާގަ ދެނީ އެ ސަބަބާ ހެދި ކަމަށެވެ.

އެ ވާހަކަތަކުގެ ދިފާއުގައި ސަރުކާރުން ބުނަމުން އަންނަނީ އެއްވެސް ގައުމެއްގެ ނުފޫޒުގެ ދަށުގައި ރާއްޖެ ނުވާނެ ކަމަށާއި ދެމިއޮންނާނީ މިނިވަން ގައުމެއްގެ ގޮތުގައި ކަމަށެވެ. މި ގައުމުގައި ތިބި އިންޑިއާގެ ސިފައިންނަކީ ޔާމީންގެ ވެރިކަމާ ހިސާބުން ވެސް ތިބި ބައެއް ކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް އެކަމުން ނުރައްކަލެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އިންޑިއާ އައުޓް ހަރަކާތާ ގުޅިފައި އޮތީ، އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވާތީ އެކަމާ ދެކޮޅު ހެދުމެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ "އިންޑިއާ އައުޓް" ހަރަކާތް މަސްތުވާތަކެއްޗާ ގުޅުވައި ފާޑުވިދާޅުވެފަ އެވެ.