Roadha Mihaaru
މިއީ އަސްކަރީ ތަނަކަށް ވާން ބޭނުމެއް ނޫން: ޔާމީން

އަސްކަރީ ތަނަކަށް ވާން ބޭނުމެއް ނޫން، ތަރައްގީ އަށް ވެސް ހުރަސްއެޅޭ: ޔާމީން

25 މާޗް 2022

ރާއްޖެއަކީ އެކި ގައުމުތަކުގެ އަސްކަރީ މަރުކަޒުތައް ހުންނަ ތަނަކަށް ވާން ބޭނުން ނުވާ ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީ އަށް ވެސް ހުރަސްއެޅޭ ކަމެއް ކަމަށް އިދިކޮޅުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެއަކީ އެކި ގައުމުތަކުގެ އަސްކަރީ މަރުކަޒުތައް ހުންނަ ތަނަކަށް ވާން ބޭނުން ނުވާ ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީ އަށް ވެސް ހުރަސްއެޅޭ ކަމެއް ކަމަށް އިދިކޮޅުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރުފަހު ރޮއިޓާސްގައި ޝާއިއުކުރި ޔާމީންގެ އިންޓަވިއުގައި އެމަނިކުފާނު ވަނީ އިންޑިއާ އެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އުވާލަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާ ވެސް ތަކުރާރުކުރައްވައިފަ އެވެ.

މާލޭގައި ހުންނަވައި ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ޔާމީން ވިދާޅުވި ގޮތުގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުން އެކަމުގެ ބިރު އޮތީ ރާއްޖޭގެ ގައުމީ ސަލަމާތަށް އެކަންޏެއް ނޫނެވެ. ރާއްޖޭގެ ތަރައްގީ އަށް ވެސް އެކަމުން ހުރަސްއެޅޭ ކަމުގެ ކަންބޮޑުވުންފާޅުކުރެއްވި އެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމުން ބޭއްވި އެއްވުމެއް.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމުން ބޭއްވި އެއްވުމެއް.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު

"މި އަހަރު ނިމުމުގެ ކުރިން އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަކީ ވަރަށް މުހިންމު ކަމެއް. ބޭރު ގައުމެއްގެ ބާރު އަޅުގަނޑުމެންގެ އަމިއްލަ ގައުމުގައި އޮންނާކަށް ބޭނުމެއް ނުވޭ،" ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އިންޑިއާ ކަނޑުގައި ހާއްސަކޮށް ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާ ތިބޭކަށް. މިތަން އަޅުގަނޑު ބޭނުންވަނީ އަސްކަރީ ބާރެއް ނެތް ތަނެއްގެ ގޮތުގައި އޮންނަން. އެއްވެސް ބޭރު ގައުމެއްގެ ބާރު މިތަނުގައި އޮންނާކަށް ބޭނުމެއް ނުވޭ."

ޔާމީން ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުގެ ނަތީޖާއަކަށް ވާނީ ޗައިނާ އާއި އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކުން ވެސް މިތަނުގައި އަސްކަރީ ބާރު ވަރުގަދަކުރަން މަސައްކަތް ކުރުން ކަމަށެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނަށް ކުރީގެ ރައީސް އަބްދުﷲ ޔަމީން އާއި ޕީޕީއެމްގެ އިސްވެރިން ޅ. ނައިފަރުގައި ބޭއްވި ހަރަކާތް.-- ފޮޓޯ: ޕީޕީއެމް

"އިންޑިއާ އައުޓް" ކެމްޕެއިނަށް ކުރީގެ ރައީސް އަބްދުﷲ ޔަމީން އާއި ޕީޕީއެމްގެ އިސްވެރިން ޅ. ނައިފަރުގައި ބޭއްވި ހަރަކާތް.-- ފޮޓޯ: ޕީޕީއެމް

ޔާމީންގެ އެ ތުހުމަތުތަކަށް ރައްދުދެއްވައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބީ އެ ގައުމުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ އަސްކަރީ ތިން މަތިންދާބޯޓުތަކުގައި ހިންގާ ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންނަށް އެހީވުމަށް ކަމަށެވެ. އަދި ދެން ތިބީ ސިފައިންގެ ހޮސްޕިޓަލް ސެނެހިޔާގައި މަސައްކަތްކުރާ އިންޑިއާ ސިފައިންގެ މެޑިކަލް ޓީމެއް އެކަނި ކަމަށެވެ.

"އޭގެ އިތުރުން ރާއްޖޭގައި އެއްވެސް ބޭރުގެ ގައުމެއްގެ އަސްކަރީ ބަޔަކު ނެތް،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ޔާމީން އުވާލައްވަން އެ ވިދާޅުވާ އިންޑިއާއާ އެކު ހަދާފައިވާ ބައެއް އެއްބަސްވުންތަކަކީ އެމަނިކުފާނުގެ ވެރިކަމުގައި ސޮއިކުރައްވާފައިވާ އެއްބަސްވުންތަކެކެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ރޮއިޓާސް އިން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ބަހެއް ހޯދަން އެދުމުން އެ އިދާރާ އިން ވަނީ އެކަމަށް ކޮމެންޓްކުރަން އިންކާރުކޮށް، ރާއްޖެ އާއި އެ ގައުމާ ދެމެދު އޮތީ ވަރަށް ޒަމާންވީ، ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް ކަމަށް ބުނެފަ އެވެ.

މީގެ ކުރިން ޔާމީން އަކީ އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކާ ގުޅިގެން ބޭރުގެ ނޫސްތަކަށް އިންޓަވިއު ދެއްވާ ބޭފުޅެއް ނޫނެވެ. ރޮއިޓާސް އިން ޔާމީންގެ އިންޓަވިއު ޝައިއުކުރި އިރު، އެމަނިކުފާނު އިސްވެ ހުންނަވައި އިންޑިއާގެ ސިފައިންނާ ދެކޮޅަށް މާލޭގައި މިއަދު "އިންޑިއާ އައުޓް" ބޮޑު އެއްވުމެއް އަންނަނީ ބާއްވަމުންނެވެ.