Roadha Mihaaru

ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ އައިސީޔޫގައި، އާއިލާއިން ބުނަނީ ފަރުވާ ލަސްވި ކަމަށް

ގދ. ތިނަދޫގައި ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ އައިސީޔޫގައި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

28 މާޗް 2022

ގދ. ތިނަދޫގައި ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 5 ޖަހާކަންހާއިރު ހިނގި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވީ އުމުރުން 18 އަހަރުގެ ފިރިހެނަކަށެވެ. އޭނާ އެކްސިޑެންޓުވީ ތިނަދޫ ފްލެޓްތައް ހިމެނޭ ސަރަހައްދު ތާރުއެޅި މަގުން އެހެން ސައިކަލެއްގައި ޖެހިގެން ކަމަށްވެ އެވެ.

"ގަވާއިދު ފަޅިން އޭނާ ދުއްވާފައި ދަނިކޮށް ސިގްނަލް ނުދީ ސައިކަލެއް އަނެއް މަގުން ނުކުތީމާ އެ މީހުން ގައިގައި ނުޖެހޭ ގޮތަކަށް ހަދަން އުޅެގެން އަޅުގަނޑުގެ ދަރިފުޅަށް ބޮޑުވަރުވީ. އަނެއް ސައިކަލުގައި އިނީ މާބަނޑު މީހަކާއި ކުޑަ ކުއްޖެއް،" އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާގެ މަންމަ، ފާތިމަތު ޝަނީޒާ "މިހާރު" އަށް ކިޔައިދިނެވެ.

އޭނާ ބުނީ ސައިކަލު ކަހާލައިގެން ވެއްޓި ތާރުގަނޑުގައި ކޭތި އޭނާގެ ދަރިފުޅުގެ ކަންފަތް ކައިރި ވަރަށް ބޮޑަށް ގޭނިފައިވާ ކަމަށެވެ. އަދި ލޯ ވެސް މިހާރު ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށާއި އެންމެ ބޮޑަށް އަނިޔާވީ ބޮލަށް ކަމަށެވެ.

"އެކްސިޑެންޓުގައި އޭނާގެ ސިކުނޑި އަށް ވަރަށް ބޮޑަށް ލޭއެޅިފައި އޮތީ،" ޝަނީޒާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެކްސިޑެންޓުވެގެން ދަރިފުޅު ގެންދިއުމުން ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާދޭން ވަރަށް ބޮޑަށް ލަސްވި އެވެ.

ޝަނީޒާ ބުނިގޮތުގައި، ކުއްޖާގެ ޓެސްޓްތަކެއް ހެދިޔަސް މާލެ ފޮނުވިއިރު އާއިލާ އަށް އެއިން އެއްވެސް ލިޔުމެއް ހަވާލެއް ނުކުރެ އެވެ.

"އެކްސްރޭއެއް ނެގި. އެކަމަކު އޭތިދީފައި ފަހުން ޑޮކްޓަރު އެ ހިފައިގެން ދިޔަ ގޮތަށް އެ ވެސް ނުދޭ. ޓެސްޓްތަކެއް ހެދިޔަސް އެ ކުއްޖާ އޮތީ އޮކްސިޖަން އެކަނި ދީފައި ބާއްވާފައި. އާސަންދަ ހަމަޖެހުނަސް އެތަނުން (ހޮސްޕިޓަލުން) ބުނީ ކުއްޖާ ކޮވިޑަށް ފޮޒިޓިވްއޭ. އެހެންވެ ފްލައިޓެއްގައި މާލެ ނުފޮނުވުނީ. އޭރު ވެސް އާއިލާ ގާތު ޑޮކްޓަރު ބުނީ ވީއެންމެ އަވަހަށް މާލެއަށް ފޮނުވަންޖެހެޔޭ،" އޭނާ ބުންޏެެވެ.

އޭނާ ބުނީ އެންމެ ފަހުން ކުއްޖާ މާލެ ގެނައީ އާއިލާގެ މީހުންނާއި ދާއިރާގެ މެމްބަރުން އެކި ގޮތްގޮތަށް މަސައްކަތްކޮށްގެން އެ ރޭ ދަންވަރު 3 ޖަހަނިކޮށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި ކަމަށެވެ.

ޝަނީޒާ ބުނީ އޭނާގެ ދަރިފުޅު ކޮވިޑަށް ޕޮޒިޓިވް ކަމަށް ބުނެ މާލެ ފޮނުވުން ލަސްކުރިޔަސް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުން ޓެސްޓްކުރިއިރު ބައްޔަށް ނެގެޓިވް ކަމަށެވެ.

"އެ މީހުން ޕޮޒިޓިވްއޭ ކިޔައިގެން ކުއްޖާ މާލެ ފޮނުވުން ލަސްކުރީ ހަމަ. އެކަމަކު މިކޮޅުން [އޭޑީކޭ] އިން ޓެސްޓްކުރިއިރު ނެގެޓިވްއޭ. އެހެންވެ 11 ގަޑިއިރު ލަސްވި އެކަށީގެންވާ ފަރުވާ ނުދެވި،" އެއްވެސް ލިޔެކިޔުމެއް ނެތުމުން އަލުން ހުރިހާ ޓެސްޓެއް ހަދައި ފަރުވާ ފަށަން ޖެހުނު ގޮތް އޭނާ ކިޔައިދިނެވެ.

އޭޑީކޭ އިން އޭނާ ބެލި ޑޮކްޓަރާ ހަވާލަދީ ޝަނީޒާ ބުނީ ތިނަދޫ ހޮސްޕިޓަލުން ކުއްޖާގެ ލޮލަށް ވެސް އެއްވެސް ފަރުވާއެއް ދީފައި ނުވާ ކަމަށެވެ.

"ޑޮކްޓަރުން ބުނީ ލޮލަށް އެހާ ބޮޑުވަރުވީ ފަރުވާ ލަސްވީމައޭ. އެކީ ދުޅަވެފައި އޮތީ،"

އޭނާ ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާއިރު ކަނާއަތުގެ ކުޑަ އިނގިލި ވެސް ބިނދިފައިވާ ކަމަށް ބުންޏެވެ. އަދި ސިކުނޑީގައި ލޭހެދިފައިވާތީ ސާޖަރީއެއް ހަދާފައިވާ ކަމަށާއި ދުވަސްކޮޅެއް ވަންދެން އައިސީޔޫގައި ބާއްވަން ޖެހިދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ މަންމަ ބުންޏެވެ.